30 ޖެނުއަރީ 2023 - 12:35
ނޭޓޯގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ފިންލޭންޑާއި ސްވިޑްން، އެ ޖަމާއަތުގައި ބައިވެރިވުމަށް މިހާތަނަށް ތާއީދު ނުކުރަނީ، އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގެ ތެރެއިން ތުރުކީ ވިލާތާއި ހަންގެރީ އެވެ. ގައުމީ މަސްލަހަތަށް ނުރައްކާކުރާ ދެ ގައުމު ކަމަށް ބުނެ، ތުރުކީ ވިލާތުން މިހާތަނަށް އައީ ފިންލޭންޑާއި ސްވިޑްން، ނޭޓޯގައި ބައިވެރިކުރުމަށް ދެކޮޅު ހަދަމުންނެވެ.
ނަމަވެސް ނޭޓޯގެ އިސް ބައެއް ގައުމުތަކުން ތުރުކީ ވިލާތާ އެކުގައި ކުރި މަޝްވަރާތަކަށް ފަހު، ތުރުކީ ވިލާތުގެ ވިސްނުން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށައިފަ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވި ގޮތުގައި އެ ދެ ގައުމުގެ ތެރެއިން ފިންލޭންޑް، ނޭޓޯގައި ބައިވެރިކުރުމަށް ތުރުކީ ވިލާތުން ރުހުން ދީފާނެ އެވެ. އުރުދުޣާން އެކަމުގެ އިޝާރާތެއް މި ދެއްވީ، ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީގެ ކުރިމަތީގައި، ކީރިތި ގުރްއާން އެންދުމާ ގުޅިގެން، ފިންލޭންޑާއި ސްވިޑްންއާ އެކުގައި ވާހަކަ ދެއްކުން ހުއްޓާލާފައި އޮތް ދަނޑިވަޅެއްގަ އެވެ.
"ނޭޓޯގައި ބައިވެރިވުމަށް ފިންލޭންޑުން ހުށަހަޅާފައިވާ ހުށަހެޅުމަށް އަހަރެމެން ވަރަށް ތަފާތު ޖަވާބެއް ދީފާނެ. ނަމަވެސް ސްވިޑްން އަށް އަހަރެމެން ދޭ ޖަވާބު ފެނިއްޖެއްޔާ އެ ގައުމަށް ކުއްލި ސިހުމެއް ލިބޭނެ. އެހެން ނަމަވެސް، ސްވިޑްން އިން އެ ހެދި ފަދަ ގޯހެއް ފިންލޭންޑުން ހަދައިގެން ނުވާނެ،" އުރުދުޣާން ވިދާޅުވި އެވެ.
ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެއް ދަމަހައްޓަމުން އައުމަށް ފަހު، ފިންލޭންޑާއި ސްވިޑްން އިން، ނޭޓޯގައި ބައިވެރިވުމަށް އެދި ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ރަޝިޔާއާ ދެކޮޅަށް ހުޅަނގާ އެއް ފަރާތަށް އެރުމަށް އެ ދެ ގައުމުން ނިންމީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ވިދިގެން، އެ ދެ ގައުމަށް ވެސް ރަޝިޔާގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބަލައިފަ އެވެ.
ރަޝިޔާގެ އަސްކަރީ އުދުވާނެއްގެ ކުރިމަތީގައި އަމިއްލަ ގައުމު ދިފާއު ކުރުމުގެ ގާބިލުކަން ނެތުމާ އެކު، އެ ދެ ގައުމުން ވެސް ނިންމީ ނޭޓޯގެ މެމްބަރު ގައުމަކަށްވެ، އެ ޖަމާއަތުގެ އަސްކަރީ އެހީތެރިކަން ހޯދުމަށެވެ. ނޭޓޯގެ ޗާޓަރު ބުނާ ގޮތުން، އެ ޖަމާއަތުގެ މެމްބަރު އެއްވެސް ގައުމަކަށް ދޭ ހަމަލާއަކީ، އެހެން ހުރިހާ ގައުމުތަކަށް ވެސް އަމާޒުވާ ހަމަލާއެކެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ނޭޓޯގެ ހުރިހާ ގައުމުތައް ގުޅިގެން، އެ ގައުމެއް ދިފާއުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
30 January 2023
ތުރުކީން ކޮންމެ ޖަވާބެއް ދިނަސް ސުވިޑުން ސިއްސައިގެން ނުދާނެ. މީވެސް މިހާރު ވަރަށް ފުއްޕާފައުޅޭ މީހެއް. މީނާއަށް މިހާރު އިހުސާސްކުރެވޭ ތިމަންނަ މީ މިހާރު ނިއު އެޓަމަން އެމްޕެރަރ އޭ. އެއީ މާޒީ. މުސްތަގުބަލަށް ވިސްނައިގެން ކުރިއަށްދޭ.