ޖަސްޓިސް ބިލްޑިން: ނ. އަތޮޅު ކައުންސިލް ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ނިންމީ ވަގުތީ އަމުރު ދެވެން ނެތް ކަމަށް. -- ފޮޓޯ: މިހާރު
31 ޖެނުއަރީ 2023 - 10:20
ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލައި އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން އެ ދެ ރަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
އެ ދެ ރަށުގެ މައްސަލާގައި ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާ ދައުވާގައި، އަމުރު ނެރެދޭން އެދުނީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ނިންމުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ކަމަށް ދެކޭތީ އަދި އެއީ އެ ގާނޫނުގެ މަގްސަދު ހާސިލް ނުވާ ފަދަ ނިންމެވުމަށް ކަމަށް ދެކޭތީ އެވެ.
ކައުންސިލްގެ ދައުވާގައި ވަގުތީ އަމުރަށް އެދުނު ސަބަބުތައް ބަޔާންކޮށް ބުނެފައި ވަނީ މިހާރު ވެސް ޓޫރިޒަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ސިންގަލް ޕާސަނަލް އުސޫލުން ވަކި ފަރާތްތަކަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެހެން ދޫކޮށްފައި ހުރި ތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް އަދި މަންފާއެއް ވެސް ނުވާ ކަމަށާއި އެ ތަންތަން ބޭނުންކުރުމުގެ ފުރުސަތު އާންމުންނަށް ވެސް ނުދޭ ކަމަށެވެ.
ވަގުތީ އަމުރަށް ދައުލަތުން ޖަވާބު ދެމުން ބުނެފައިވަނީ ކެނދިވަރު އަކީ ޑިސެމްބަރު 22، 2022 ގައި ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އެހެންވެ، އެއީ މިހާރު ތިން ވަނަ ފަރާތެއްގެ ހައްގު ހިމެނޭ ތަނަކަށް ވާތީ، އެ ފަރާތުގެ ހައްގަށް ރިއާޔަތް ނުކޮށް ނެރޭ އަމުރަކުން އެ ކުންފުންޏާއި ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.
މި ދެ ރަށް ދޫކުރީ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށް އަދި މަޝްވަރާ ނުކޮށް އެގޮތަށް ރަށްތައް ނުދެވޭނެ ކަމަށް ކައުންސިލް ދެކޭ ނަމަ މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން ކައުންސިލުން ކުރި މަސައްކަތެއް ވެސް ދައުވާގައި ސާބިތުކޮށްދޭން ޖެހޭނެ: ދައުލަތް
މައްސަލާގައި ހިމެނޭ އަނެއް ރަށް ކަމަށްވާ ދޮނަހިރިކަނޑޫދު އަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް ސަރުކާރާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ޑިސެމްބަރު 12، 2017 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭން ނިންމާފައިވާ ރަށެކެވެ.
ދައުލަތުން ބުނީ އެ ހާލަތުގައި ނ. އަތޮޅު ރައްޔިތުންގެ ހައްގުތައް މިނެކިރަން ޖެހެނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ބަލައިގެން ކަމަށާއި އެދިފައިވާ ވަގުތީ އަމުރު ނުނެރެފި ނަމަ ހިމާޔަތްކުރެވޭ ދައުލަތުގެ މަސްލަހަތު މާ ބޮޑު ކަމަށެވެ.
މި ދެ ރަށް ދޫކުރީ ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށް އަދި މަޝްވަރާ ނުކޮށް އެގޮތަށް ރަށްތައް ނުދެވޭނެ ކަމަށް ކައުންސިލް ދެކޭ ނަމަ މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދަން ކައުންސިލުން ކުރި މަސައްކަތެއް ވެސް ދައުވާގައި ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ރައީސްގެ ގަރާރަށް ގޮންޖަހައި ގަރާރެއް ނެރުމުގެ އިތުރަށް، ސުލްހަވެރި ހައްލެއް މައްސަލާގައި ހޯދުމަށް ކައުންސިލުން މަަސައްކަތްކޮށްފައިވާކަން އެނގޭނެ ލިޔުމެއް ވެސް ދައުވާއާ އެކު ހުށަހަޅާފައި ނެތް ކަމަށެވެ. އެއީ ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް، ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވެގެން މަޝްވަރާކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ގެއްލިފައި އޮތް މައްސަލައެއް ވެސް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
ގާޒީ އިބްރާހިމް އިސްމާއިލް ނިންމެބީ، ހުށަހަޅާފައިވާ ކަންކަމާއި ކޯޓުތަކުގެ ކުރީގެ ނިންމުންތަކަށް ރިއާޔަތްކޮށް، ކައުންސިލް އެދިފައިވާ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލަދުންމަޑުލުނޫނު
31 January 2023
ނ.ކަނޑޫދޫ އަކީ ޓޫރިޒަމް އައް ދޭ ކަމުދާ ރަށެއް ނޫން، މިހާރު ފިނޮޅެއްގައި ދެ ރުއް އިނަސް އެބަދޭ.
އައިދާ
31 January 2023
ކައުންސިލްތަކަށް ގާނޫނުން މާބޮޑެތި ބާރުތަކެއް ދިނުން އަދި މާ އަވަސް ކުރަންޖެހޭ މަސައްކަތް ދަސްނުވަނީސް ބާރުތަކެއް ދީގެން ދައުލަތަށް އަދި ރައްރަށައް ވާނީ ގެއްލުން ހަރުދަނާ މަސައްކަތް ކުރަން ރަގަޅަށް ދަސްވާން ގާތްވެސްނުވޭ. އޮޑިޓް ރިޕޯޓްތަކުން ފެންނަނީ ބޮޑެތި ވައްކަން ރަށަކައްއައި ކުރިއެރުމެއް ނެތް
ފުކޫން
31 January 2023
ކޯޓްތައް އޮތީ ސަރުކާރު މުށުތެރޭ..ރައްޔިތުންނަކީ އެއްވެސް ބޭނުންބައެއްނޫން..ވޯޓް އެޅީމަ ނިމުނީ..
މުދާބަޙާ
31 January 2023
ރައްޔިތުންނަށްދޭ އަސާސީ ހުރިހާ ހިދުމަތްތަކެއް، ހޮސްޕިޓަލް، ސްކޫލް، ކަރަންޓް، ފެން، ނަރުދަމާ، ބނަދަރު މިހެންގޮސް ހުރިހާ ޕްރޮޖެކްޓެއް ހިންގަނީ ސަރުކާރުން ކޮންމެހެން އެއަތޮޅަކުން ލިބޭ އެއްޗެއް އެއަތޮޅަކަށް ހަރަދު ކޮށްގެންނެއް ނޫން. އަތޮޅު ކައުންސިލްގެ މުދަލެއް ނޫން ފަޅުރައްތަކަކީ. އޮޅިގެން ނޫޅޭ
ޒަރޭ
31 January 2023
މުޅި ނޫނު އަތޮޅު ގައި ނެތް ފަޅު ރަށެއް މީހުން ދިރިއުޅޭ ބޮޑެތި ރަށްރަށް ކައިރިވެސް ދަތުރުގޮސްލާ ހިތްހަމަ ޖައްސާލަންވެސް. ނޫނު އަތޮޅުގައި ތިބި ސިޔާސީ ގޮތުން ބާރު ހޯދަން ބޭނުންވާ ބަޔަކު މުޅި އަތޮޅު ވިއްކައިފި. އެއީ ކޮން ބައެއްކަން އެންމެންނަށްވެސް އިގޭނެ.
5632
31 January 2023
ބަލަ ކަލެއަށް ބޮޑު ސަރވިސްޗާޖާއި ބޮޑު މުސާރަލިބޭ ރިސޯޓްވެސް ތީ ވިއްކާފަ އޮތް ރަށެކޭ. ކުރިން ގޮވީ ނ. އަތޮޅަކަށް ޓޫރިޒަމެއް ނާދެއޭ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީވެ ވަޒީފާތައް ލިބި އަތްމަތި ތަނަވަސްވީމަ މިގޮވަނީ ދަތުރުދާނެ ރަށެއް ނެތޭ. އަތޮޅު ރައީސް ބައްޓޭއަކީ ރައީސް ސޯލިހް ފެއިލްކޮށްލެވޭނެ ކަމަށް ހީކޮށް ގުނބޯހެދޭ މީހެއް.
އަސްލު ޒަރޭ
31 January 2023
5632 ކަލޯ މަ އުޅެނީކި ރިސޯޓަކު ނޫން. ޒަރޭ ކިޔާ ކޮންމެ މީހަކީ ރިސޯޓު މީހެއްތަ؟ ހާދަ ދުޅައެކޭ ތިވަނީ ?
އެމްސް
31 January 2023
މުޅި ޤައުމު އެންމެ ކަމަކަށްގޮސް ހުސްވުމީ ހެދޭ ބޮޑު ގޯހެއް!