ޓޫރިޒަމްގެ ބޭނުމަށް ނ. އަތޮޅުގެ ގިނަ ރަށްތަކެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމުމާ ގުޅިގެން އެކަން ހުއްޓުވައި ދިނުމަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު މިއަދު ވިދާޅުވީ، ނ. އަތޮޅުގެ ދެކެނަންފަރާއި ދިގުފަރާއި ދޮންނައެރިކަނޑޫދު އާއި ކަންދިވަރާއި ކުންނަމާލެ އާއި ތޮޅެންދޫ ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ނިންމުމަކީ އަތޮޅު ކައުންސިލުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އޭގެ ތެރެއިން 21 އަހަރަށް ތޮޅެންދޫ ބަޔަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން އުޅުމުން ސިވިލް ކޯޓުގެ ވަގުތީ އަމުރަކުން އެ ކަން ވަނީ ހުއްޓުވައިފަ އެވެ. އެއީ 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ރަށެކެވެ.

ބަޝީރު ވިދާޅުވީ، ނ. އަތޮޅުގެ ރަށްތައް ރިސޯޓް ހެދުމަށް ދިނުމުގައި ކައުންސިލުގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ އަތޮޅުގައި މިހާރު ވެސް ރާއްޖޭގެ އެންމެ ލަގްޒަރީ 8 ރިސޯޓެއް ހިންގަމުން އަންނަ އިރު އިތުރު ނުވަ ރަށެއް ރިސޯޓުތަކަށް ހާއްސަކުރަން ތަރައްގީ ކުރާ ކަމަށެވެ. އެހެންވެ، އިތުރު ރަށްތަކެއް ރިސޯޓު ހަދަން ދިނުމުން އެ އަތޮޅުގެ މީހުން ޕިކްނިކް ދިއުމަށާއި އެ ނޫން ބޭނުންތަކަށް ގޮސް އުޅުމަށާއި ރަށްރަށުގެ ގެސްޓް ހައުސްތަކުން އަންނަ ޓޫރިސްޓުން ދަތުރު ދިނުމަށް ހުރަސް އެޅޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކީ ބަޝީރު ވިދާޅުވިގޮތުގައި، އިތުރު ރަށްތަކެއް ކުއްޔަށް ދީގެން އެ އަތޮޅުގެ މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ގެއްލުން ވުމެވެ.

"ނުވަ ރަށެއް އެބަ އޮތް އިންވެސްޓް ކުރަން ދޫކޮށްފައި. ކޯޓު މަރުހަލާތަކުގައި އޮތް ރަށްރަށާއި ތަރައްގީ ނުކުރެވިފަ ހުރި ރަށްރަށާއި އެ ތަންތަނުގެ އިންވެސްޓަރުންގެ ދަރަނި ބޮޑުކަމުން އެހެން ބަޔަކަށް ގާތް ނުވެވިފައި ހުރި ރަށްރަށާއި ދައުލަތަށް އެ ރަށްރަށުން އާމްދަނީ ނުލިބޭ ރަށްރަށް ވެސް އެބަ ހުރި،" އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވީ، އެ އަތޮޅުގައި އިތުރަށް ރިސޯޓު ތަރައްގީ ކުރަން ރަށްތައް ދޫކުރުމަކީ އަތޮޅުގެ މީހުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"އެލީޓް އޯވަ ޓޫރިޒަމް ބޭނުމެއް ނުވޭ. ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓަށް އިތުރު ރަށެއް ތަރައްގީ ކުރަން ބޭނުން ނުވަނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ކަމަށްވާ ސޮނޭވާ ޖާނީ އާއި ވެލާ އާއި ރަންދެލި ފަދަ ރިސޯޓުތައް ނ. އަތޮޅުގައި އަންނަނީ ހިންގަމުނެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ރަށްތައް ރިސޯޓު ހަދަން ދޫކުރުމުގައި އަމަލު ކުރަނީ ޓޫރިޒަމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެހެންވެ، އެކަމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.