ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ މިނިސްޓަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޓެކްސް ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ ބައިވެރިވެވަޑައިގެންނެވި އެވެ.
ޓޫރިޒަމްގެ ދާއިރާއިން އެ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ވިޔަފާރިވެރިޔާ އަދި ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) އާއި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށާއި، އަންނަ އަހަރުގެ އަމާޒުތަކަށް ވާސިލުވުމަށާއި، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުންނެވެ.
އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"މިއީ ފަތުރުވެރިކަމުގެ ސިނާއަތާއެކު ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ދޭ އިސްކަން އަލުން ކަށަވަރުވެގެންދިޔަ ކަމެއް،" މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުންނާ މިނިސްޓަރާއި ބަންޑާރަ ނައިބު މި ބައްދަލުކުރެއްވީ ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކަށް އިތުރު އިސްލާހުތަކެއް ގެންނަން ނިންމާފައިވަނިކޮށެވެ.
އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާއިރު ގާނޫނަށް މިފަހަރު ގެންނަ ބަދަލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނުގެ އިސްލާހު މިދިޔަ މަހު ތަސްދީގު ކުރުމާ އެކު ޓޫރިޒަމް ދާއިރާ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ދަނީ ލިބެމުންނެވެ.
އެ ގާނޫނުގައިވާ ގޮތުން އެފަދަ ބަދަލުތަކެއް ގެނައީ، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރަން ގެންނަ ބަދަލުތަކެއް ކަމަށް ގާނޫނުގައިވެ އެވެ.
އެ ބަދަލުތަކާ އެކު ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެ ގާނޫނަށް ގެނައި ބަދަލުތަކާ ހެދި ޔޫރަޕްގެ ބައެއް ޓުއާ އޮޕަރޭޓަރުން ރާއްޖެއަށް ބުކިން ހެދުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.