ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 97 މިލިއަން ޑޮލަރު ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ބާރަށް ކުރިއަށް ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ،
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރިސޯޓުތަކުން ކުލި ނުދައްކާ ވާހަކަ ދައްކާއިރު، އެ ދާއިރާގެ ގިނަ ފަރާތްތަކަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ޓެކްސް އާއި ކުލި ދައުލަތަށް ދައްކާ ބައެއް ކަމަށެވެ.
ނަމަވެސް މަދު ބަޔަކާ ހުރެ، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމަކީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި އެވެ. ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް ހިންގަމުން އަންނަ ތަންތަނާއި އެކި ސަބަބުތަކާ ހުރެ މިނިސްޓްރީގެ ހުއްދަ ނެތި ބަންދުކޮށްފައިވާ ތަންތަން ހިމެނޭ ކަމަށް އަމީން ވިދާޅުވި އެވެ.
"ވަރަށް ރަނގަޅު ކުރިއެރުންތަކެއް ވެސް ލިބިއްޖެ. އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭ އަޅާ ފިޔަވަޅުތައް އެ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމްކޮށް، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން މި ރިކަވާ ކުރުމުގެ ކަންތައްތަކެއް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން އެއްވެސް ވަރަކަށް ކުލި ނުދައްކާ ކުންފުނިތައް ވެސް ހިމެނެ އެވެ. ދައުލަތަށް ނުލިބި ހުރި އެ ފައިސާ ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށިއިރު އެކަމުގައި ކުންފުނިތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ފެށި މަސައްކަތުގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.
ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގިނަ ލުއިތަކެއް ދީ އަދި ކުލީގެ ޖޫރިމަނާ މާފުކޮށްދޭތީ ރިސޯޓްތަކުގެ ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމަށް މިދިޔަ އަހަރު އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި ރިޕޯޓެއްގައި ވެސް ބުނެފައި ވެ އެވެ.