ރިސޯޓު ކުއްޔާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން މިއަދު ނިންމައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުން އަންނަ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަ ނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން އެ ފަރާތްތަކުގެ ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން، އެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކާ ހަލާސްކުރުމަށް އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. 

ނަމަވެސް، އަޅަނީ ސީދާ ކޮން ފިޔަވަޅެއް ކަމަށް އެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ. 

ޓޫރިޒަމްގެ ގާނޫނުގައިވާ ގޮތުން، ކުލި ނުދައްކާ ރިސޯޓުތައް ޖޫރިމަނާކުރުމުގެ އިތުރުން، އެ ހާލަތުގައި ކުލީ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީއަށް ބާތިލުކޮށް ދައުލަތަށް އެ ރިސޯޓެއް ނެގޭނެ އެވެ. 

މީރާގެ ތަފާހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ރިސޯޓު ކުލީގެ އިތުރުން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ފައިސާގެ ތެރެއިން ދެ ބިލިއަން ރުފިޔާ އަނބުރާ ހޯދާފައި ވެސް ވެ އެވެ.  އެ ފައިސާ އާންމު ގޮތެއްގައި ހޯދަނީ ނޯޓިސް ދީގެންނާއި ބޭންކް އެކައުންޓް ފްރީޒްކޮށްގެންނެވެ.