ނުހެދި ހުރި ރިސޯޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ޕްރޮޖެކްޓްތައް ދިގުލައިގެން ދިޔައީ މިދިޔަ ދުވަސްތަކުގައި އެކަމަށް އަޅާ ނުލާ އޮތުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓްކުރި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދިގު މުއްދަތެއް ވެގެން ދިޔައިރު ވެސް މަސައްކަތް ނުނިމި ހުރި ތަންތަނާ މެދު އަމަލުކުރާނެ ގޮތުގެ އާ ގަވައިދާ ގުޅޭ ގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮންސްޓްރަކްޝަން ޕީރިއަޑަށް (ސީޕީ) މުއްދަތު އިތުރު ކުރުމަށް އެދުމުން އެކަން އެގޮތަށް ކޮށްދޭން ފަށައި، ދިގު މުއްދަތަަކަށް ގެއްލިގެން ދިޔައީ ރައްޔިތުންގެ ހައްގުތައް ކަމަށެވެ.

ހަތަރު ކެޓަގަރީއެއްގެ ދަށުން، ދިގުލައިގެން ގޮސް ނުނިމި ހުރި ރިސޯޓުތަކާ މެދު އާ ގަވާއިދުގެ ތެރެއިން އަމަލު ކުރާނެ އެވެ. އޭގެ ތެރެއިން އެއްވެސް މަސައްކަތް ނުކޮށް އަށް އަަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަންތަނުގެ އެއްބަސްވުން ވަގުތުން ޓާމިނޭޓް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބެ އެވެ.

އަމީން ވިދާޅުވީ، އެ ގަވާއިދަށް އަމަލު ކުރާއިރު، ރަށްތައް ތަރައްގީ ކުރުމަށް ބޭންކްތަކުން ލޯނު ނަގާފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ، އެ ފަރާތްތަކުގެ ހައްގުތައް ވެސް ނުގެންލޭނެ ގޮތްތައް ބަލައިގެން ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި، މިހާ ބޮޑަށް ދިގު ދެމިގެން ގޮސްފައިވާ އެ މައްސަލައަށް އެއް ދުވަހުން ހައްލެއް ނުލިބޭނެކަން ގަބޫލު ކުރެއްވެ އެވެ. އެކަމަކު އާ ގަވައިދުގެ ތެރެއިން ކޮންވެސް ވަރެއްގެއް ހައްލުތަކެއް މި ބޮޑު މައްސަލައަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްވެސް ފަރާތަކަށް، އެއްވެސް ކަމެއް ނުކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ނަގައިގެން އެހެން ތިބުމުގެ ފުރުސަތު ދިނުމަކީ ވަރަށް ރަނގަޅު ނޫން ކަމެއް. ރަނގަޅެއް ނޫން އެއްގޮތަކަށް ވެސް، އެ ގޮތަށް އޮވެގެން ނުވާނެ،" ޓޫރިޒަމް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"މިއީ ދިގުމުއްދަތެއްގެ ތެރޭގައި އަޅާނުލާ ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޑް ކުރަން ރިކުއެސްޓްކުރީމާ، އެ ފައިސާ ބާކީ އޮންނަ މުއްދަތަށް ބަހާލަދީގެން ގެންދިޔަ ގެންދިއުމުގެ ނަތީޖާ. މިއީ ސަރުކާރަކުން ކުރަންޖެހޭނެ ކަންކަން ވީމާ އަޅުގަނޑުމެންގެ ސަރުކާރުން މި ކަންތައް ފެށީ ވެސް."

އަމީން ވިދާޅުވީ، ބައެއް ރަށްތަކަކީ 25 އަހަރަށް ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކޮށްފައި ހުރި ރަށްތައް ކަމަށެވެ. ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މުއްދަތު ދިގުލައިގެން ގޮސް، ނުނިމި ހުރި ތަންތަނުގެ އަދަދު 168 އަށް އަރަ އެވެ. އޭގެ ތެރޭގައި 107 ފަޅު ވެސް ހިމެނެ އެވެ.

މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބި އެބައޮތެވެ.

"ވަކި ބަޔެއްގެ އަތްމަތީގައި މިހާ ދިގު މުއްދަތަކަށް ނުބެހެއްޓޭނެ މި ކަހަލަ ތަންތަނެއް. ކުއްޔަށް ދީފައި ނުވަތަ އެގްރީމެންޓެއްގެ ދަށުން އޮންނަނީ ވަކި މުއްދަތެއްގައި އެ ކަންތައްތައް ނިންމައި، އޮޕަރޭޝަންސް އަށް ގެނައުން. އެ އޮޕަރޭޝަންސް އަށް ގެނައުމުގެ މުހިއްމު ކަމަކީ އެ އަށް ފަހު، އަންނަ ޓޫރިސްޓުންގެ ސަބަބުން ގައުމަށް މި ލިބެނީ ޓީޖީއެސްޓީ ވެސް، ގްރީން ޓެކްސް ވެސް ނޫނީ އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ވެސް،" އަމީން ވިދާޅުވި އެވެ.