ހައި ކޯޓް: ބީއެމްއެލްގެ މައުލޫމާތުތަކެއް ހާމަކުރަން އައިކޮމްއިން އެންގި އެންގުން ވަނީ ދަމަހައްޓާފައި --- ފޮޓޯ/މިހާރު
05 ފެބުރުއަރީ 2023 - 15:12
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ހިނގާ ގޮތަށް އޮތްއޮތުން ހައި ކޯޓުން އަނެއްކާވެސް ދަމަހައްޓައި އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައުލޫމާތުތަކެއް ހާމަކުރަން އެންގި އެންގުން ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމުގެ ތަފްސީލުތައް ހޯދަން އައިމަން ލަތީފްގެ ފަރާތުން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އަންގާފައިވަނީ އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ.
އެ ނިންމުން ބީއެމްއެލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުގެ ކުންފުނިތަކަށް އެ ގާނޫނު ހިނގާނެ ކަމަށް ބުނެފައި ނެތީސް، އައިކޮމް އިން ހެދި ގަވާއިދެއްގެ ދަށުން ދައުލަތުގެ ކުންފުނިތަކަށް އެ ގާނޫނު ހިންގުމަކީ ގާނޫނު ޚިލާފް ކަމެއް ކަމަށް ބުނެ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތްގޮތުން، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބީއެމްއެލްއަކީ ބޭންކިން ހިދުމަތް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ އަދި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއް ކަމަށާއި އެހެންވެ، އެ ކުންފުނީގެ މައްޗަށް ވެސް އެ ގާނޫނު ހިންގޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިނގާނެ ކަމަށް އައިކޮމްއިން ހެދި ގަވާއިދުގައި ލިޔެފައި އޮތުމަކީ ވެސް ގާނޫނާ ޚިލާފް ކަމެއް ނޫނެވެ.
މީގެ އިތުރުން އައިމަން ލަތީފްގެ ފަރާތުން ހޯދަން އެދުނު މައުލޫމާތަކީ ގާނޫނުގައި ސިއްރު ކުރެވޭނެ މައުލޫމާތެއް ކަމަށް ނުވާތީ އެ މައުލޫމާތު ހާމަކުރަން އެންގީ ގާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އައިކޮމްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މީގެކުރިން ވެސް ހައި ކޯޓުން ވަނީ ދައުލަތުގެ ކުންފުނިތަކަށް އެ ގާނޫނު ހިނގާނެ ކަމަށް ނިންމައިފަ އެވެ. އޭރު އެގޮތަށް ނިންމީ އެމްޓީސީސީން ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލަ އެމްޓީސީސީން މިހާރު އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަންތަރީސް
05 February 2023
އެހެންވީމާ ދިވެހި ސަރުކާރުގެ މުއައްސަސާ އަކުން ރިބާނަގަމުންދަނީތާ. އެއީ ކިހިނެއްވާކަމެކޯ؟
ހަމަ ބިމަށް ތިރިކުރޭ
05 February 2023
ބެންކް އޮފް މޯލްޑިވްސްގެ ރޯދަ އެލަވަންސް ފަނިކޮށްލަން އެބަޖެހޭދޯ! ދައުލަތުން އަންގާ ގޮތާ ޚިލާފަށް ރޯދަމަހުގެ އެލަވަންސް އަށް ބެންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުން ރޯދަ އެލަވަންސްގެ ގޮތުގައި 1 އެއްލައްކަ ރުފިޔާ އެމީހުންގެ 1 މަހުގެ މުސާރަ އިތުރަށް ގެއަށް ގެންދާގެންދިއުން ހަމަބިމަށް ތިރިކުރަންޖެހޭ. ނުވުތާކަށް އެބަނަގައޭ ޓާސްކް ބޯނަސް އެޗީވްމަންޓް ބޯނަސް. ރިސޯޓެއް އަތުއަޅުވަ ދިނީމަ ބައެއް މީހުން ޓާސްކް ބޯނަހަށްވެސް 2 މަސް ދުވަހުގެ މުސާރަ އެބަނަގާ.
އޮނަރަބްލް އަފީފު ދީދީ
05 February 2023
އައިމަން އެދުނީ ފާތިމަ މަނިކެ ނުވަތަ އައިޝަތުގެ މުސާރަ ޙަރަދުކުރާގޮތުގެ މައުލޫމާތުހޯދާކަށްނޫން. ދައުލަތާއި ރައްޔަތްޙިއްސާވާ (ޕަބްލިކް ކުންފުންޏެއްގެ) މިފަދަމައުލޫމާތަކީ އާންމުކޮށްއިގެންޖެހޭ މައުލޫމާތުތަކެއް. # އެހެންނަމަވެސް ޒަމާނަށްނުފެތޭ މުސްކުޅިބޯދާބައެއް ވެރިންނަށްތިބުމުގެސަބަބުން މިކަންކަމަށް އެމީހުންނުރުހެނީ ކަމަށް ވެދާނެ. ކިތަން ދިވެހިންނަށްތޯ އިގެނީ ރާއްޖޭގެ ރައީސުލް ޖުމްހޫރީއްޔާއަށްވުރެން ބޮޑު މުސާރައެއް ބީއެމްއެލް ސީއީއޯ އަށް ލިބޭކަން.
އިދިކީލި ސޮރު
05 February 2023
ވަކި ބަޔެއްގެ މައުލޫމާތު ހޯދުމަށް ފޫނުގަޅާ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހުރިހާ މައުލޫމާތެއް ހާމަކުރަންޖެހޭ ގާނޫނެއް ހަދަމާ.
ބަކަމޫން
05 February 2023
ބަލަ ރައީސަށްތަ އެންމެ މުސާރަބޮޑުވާން ޖެހޭނީ؟
ޛޖަމީލު
05 February 2023
ދެންވެސް ސައިޒަށް ތިރެވެބަލަ! . ނަގާ އެތި ބޮޑު ކަމުން ހަމަ ތިއުޅެނީ. އެކަމަކު އަހަރުމެން ރައްޔިތުން އިގެން ބޭނުން ތިހިންގާ މުސާރައިގެ ޖަރީމާ.
ލާމަސީލު
05 February 2023
ލޯނު އިންޓެރެސްޓް. ކްރެޑިޓްކާރޑް އިންޓެރެސްޓް. ދިވެހިން ފެލާނަގަނީ. މިއިންޓެރެސްޓް ތަކަކީ ހުއްޓޭ އެއްޗެއްވެސް ނޫނޭ ދޯ. ބޮޑުމުސާރަ ނަގައިގެން ތިބެ ކުދިވިޔަފާރި ފުނޑާލަނީ. ދެން ބޮޑުފައިދާ ވާނެނު. މޯޓަރު އެނބުރޭހެން އިންޓަރެސްޓް މީޓަރުވެސް ބާރަކަށް އެނބުރިލައޭ ދޯ. އެތައްބަޔަކު ބަނގުރޫޓް ކޮށްލައިފި ދޯ.
ފަގުޑި
05 February 2023
މޮޅު. ދެން ބީއެމްއެލް ތިމައްސަލަ ސުޕުރީން ކޯޓައް ފޮނުވާ. ރާއްޖޭގަ ކަންކަން މިވާގޮތަކީ، ބައިސްކަލު ބައްތި ނުދިއްލައިގެން ދަށު ކޯޓައްލާ މައްސަލަވެސް ކޮއްޓަމުން ކޮއްޓަމުން ގޮސް ނިމެނީ ސުޕުރީން ކޯޓުން...
މުއައްސިސުން
05 February 2023
ބޭންކު އޮފް މޯލްޑިވްސްއަކީ ކުންފުނިތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏަކަށްވީ ހިނދު އެ ކުންފުނި އެއީ ދައުލަތުގެ މުއައްސަސާއަކަށްނުވާނެއެވެ. އެހެން ކަމަށްވާނަމަ ބޭންކުން ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދަށްވެސް އަމަލު ކުރަންޖެހޭނެއެވެ.
ކަހެރުވައް
05 February 2023
ކޮސް ނުގޮވާ ހަނުހުރެ ބަލަ. ޕަބްލިކް ކުންފުނިތަކަކީ އާންމު ހިދުމަތް ދިނުމަށް ދައުލަތުން އުފައްދާ ކުންފުުނިިތަކެއް. އެފަދަ ކުންފުނިތައް ހިންގާނީ ދަރަންޏަށް ޒިންމާވާގޮތަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުގެ ދަށުންް ކުންފުނީގެ ރައުސުލްމާލުގެ ހިއްސާ ބެހިގެންދާގޮތަށް. ދައުލަތުން އުފައްދާ ކުންފުނިތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ގަވާއިދަށް %100 އަމަލުކުރަންޖެހޭ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށްވެސް ކުންފުނިން އަމަލުކުރަންޖެހޭ.