ދުނިޔެ / ރަސްކަން

ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރު އިސްތިއުފާ ދެއްވަނީ

ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓަރު އަދި ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

16 ފެބުރުއަރީ 2023 - 11:19

2 comments

ސްކޮޓްލޭންޑްގެ ސަރުކާރުގެ އެންމެ އިސް ވެރިޔާ (ފަސްޓް މިނިސްޓަރު) ނިކޮލާ ސްޓާޖަން މަގާމުން އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަން، އޭނާ އިއްޔެ އިއުލާން ކުރައްވައިފި އެވެ.

ނޫސްވެރިންނާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނިކޮލާ ވިދާޅުވީ މިހާރު މިވަނީ އިސްތިއުފާ ދެއްވުމުގެ ވަގުތު ޖެހިފައި ކަމަށެވެ. މިވަގުތު އޭނާ އަށާއި ގައުމަށާއި އޭނާގެ ޕާޓީ އަށް ވެސް އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޮޓްލެންޑްގެ އެންމެ އިސް ވެރިއަކީ އެވަގުތަކު އިނގިރޭސި ތަޚުތުގައި އިންނަވާ ބޭފުޅެކެވެ. ނަމަވެސް ސަރުކާރުގެ އެންމެ އިސް ވެރިއަކީ ފަސްޓް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.

ނިކޮލާ ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ނަމަވެސް، އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު، ވެރިކަންކުރާ ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ) އިން ކަނޑައަޅަންދެން އޭނާ މަގާމުގައި ދެމިހުންނަވާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އިނގިރޭސި ސަރުކާރާއި ސްކޮޓިޝްގެ މިހާރުގެ ސަރުކާރާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިމަތިވާ ފިއްތުންތަކާ ގުޅިގެންނެއް ނޫނެވެ.

އިނގިރޭސި ވިލާތާއި ސްކޮޓްލޭންޑްގެ ސަރުކާރާ ދެމެދު ޚިޔާލު ތަފާތުވުން އެންމެ ބޮޑުވެފައިވަނީ، އިނގިރޭސި ތަޚުތުން ވަކިވެ، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާންކުރަން ސްކޮޓްލޭންޑުން މަސައްކަތް ކުރާ މައްސަލައިގަ އެވެ. އޭގެ އިތުރުން، އިތުބާރު ކުރެވޭ ޑޮކްޓަރުންގެ ލަފާ ލަފައެއް ހޯދުމެއް ނެތި، އެމީހެއްގެ ޖިންސް ބަދަލުކުރުމުގެ ހުއްދަ ލިބޭ ގޮތަށް ސްކޮޓްލޭންޑްގައި އުފައްދަން އުޅޭ ގާނޫނަށް އިނގިރޭސި ސަރުކާރުން ދެކޮޅު ހަދަމުން ދާ މައްސަލައިގައި ވެސް ދެ ފަރާތުގެ މެދުގައި ވަނީ އަރާރުން ބޮޑުވެފަ އެވެ.

ނިކޮލާ ވިދާޅުވި ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ވަރަށް ގިނަ ގޮތްގޮތުން ގިނަ ދުވަސްތަކެއް ވަންދެން ވިސްނެވުމަށް ފަހު އެވެ. އަދި މިހާރު ހުންނެވި މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް އޭނާގެ ހުރިހާ ހަކަތައެއް މިހާރު ބޭނުންކުރެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ވާޖިބުތައް ފުރިހަމަ އަށް އަދާކުރެއްވޭނީ އެމީހެއްގެ ހުރިހާ ހަކަތައެއް އެކަމަށް ބޭނުންކޮށްގެން ކަމަށެވެ. އަދި ވެރިކަމުގައި ހުންނަވައިގެން އަމިއްލަ ދިރިއުޅުއްވުމުގެ ކަންކަމަށް ފުރުސަތު ނޯންނަ ކަމަށާއި ރައްޓެއްސަކާ ބައްދަލުކޮށްލަން ނުވަތަ ކަސްރަތަށްޓަކައި ހިނގާލަން ދެވެން ވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިކޮލާ މަގާމުން އިސްތިއުފާ ދެއްވާކަން އިއުލާން ކުރެއްވި އިރު ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެއް ނެތެވެ. އެހެން ނަމަވެސް އިސްތިއުފާ އިއުލާން ކުރެއްވުމާ ގުޅިގެން، ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އެސްއެންޕީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރު ފަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުދުހޭ

16 February 2023

"..ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެއް ނެތެވެ." މިގައުމުގައި މިއުޅެނީ މިބައިވަރު ގިނަވެގެން. އަންނި މިކަމާ ވިސްނާނެކަމަށް އުންމީދުކުރަން. ސިޔާސީ މަގާމުތަށް ދީފައިވާ އޭނާގެ އައުވާނުންކޮޅުވެސް ގޮވައިގެން ސްކޮޓްލޭންޑަަށް ދިއުން އެދެން.

The name is already taken The name is available. Register?

ގަނެވިއްކާ

16 February 2023

ރައްޔިތުން ތިބިތާ ތިއްބާ، ޕާޓީ ކުދިންކޮޅެއް އެއްވެލާފައި ރައްޔިތުންގެ މައްޗަށް ވެރިއަކު އައްޔަންކުރާ ކުރުމަކީ ދެން ހަމަ ބޮޑު ޖޯކެއް. މި ނިޒާމު ޕްރޮމޯޓް ކުރަނީ ވެރިކަމުގެ ލައްޒަތަށް ފެންބޮވައިގެންފައި ތިބޭ މީހުން. ބަޔަކު ވެރިކަން ބޭނުންވާއިރަށް ނާޖާއިޒު ނުފޫޒުތައް މެދުވެރިކޮށް، ޖަވާދާރީ ކުރުވަނިއްޔޭ ކިޔައިގެން، ދެއިރު ދެ ދަޅައަށް ރައްޔިތުންގެ ވެރިމީހާ ރައްޔިތުންގެ ބަހެއްނެތި ބަދަލުކޮށް، ވެރިކަން ގަނެވިއްކާ ނިޒާމަކީ ބަރުލަމާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454