ޚަބަރު / މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

ލޯނު ނެގި ފަހުން އެކި ސަބަބުތަކާ ހުރެ ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދޭނަން: މިނިސްޓަރު

ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

16 ފެބުރުއަރީ 2023 - 15:44

1 comments

ސްޓޫޑެންޓް ލޯނު ނެގި ފަހުން އެކި ސަބަބުތަކާ ހުރެ ކިޔެވުން މެދުކަނޑައިލި 120 ދަރިވަރަކަށް، އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މި ފަހަރު ދޭން ނިންމާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކޮންމެ ބުރާސްފަތި ދުވަހެއްގައި ބާއްވާ މީޑިއާ ބްރީފިންގެ މިއަދުގެ ސެޝަންގައި އިބްރާހިމް ހަސަން ވިދާޅުވީ، ލޯނު ނެގި ދަރިވަރުންގެ ތެރެއިން، އަމިއްލަ އިހުތިޔާރުން ބޭރުގައި ކިޔެވުން މެދުކަނޑައިލަން ޖެހުނު ވަރަށް ގިނަ ދަރިވަރުން އެބަތިބި ކަމަށެވެ. އެ ދަރިވަރުންނަށް އަލުން ލޯނަށް އެދުމުގެ ފުރުސަތު ދޭނެ ގޮތުގެ އުސޫލެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

ސްޓޫޑެންޓް ލޯނުގެ އުސޫލު ކުރިން އޮންނަ ގޮތުން ކިޔެވުން މެދުކަނޑައިލާ ދަރިވަރުންނަށް އަލުން ލޯނުގެ ފުރުސަތު ނުލިބެ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ހިންގައްޖެ ފާއިތުވި އަހަރުތަކުގައި ސަރުކާރުން ލޯނު ދީގެން، ސަރުކާރުން ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނީމާ ވެސް، އެ ކުދިންގެ އިހުތިޔާރުން ބޭރުން ހިނގާ ކަންކަމުގެ ސަބަބުން ކިޔެވުން ފުރިހަމަ ނުކުރެވި އެބަދޭ. އެ ލޯނުގެ ފައިސާ ހުސް ވެގެން ދާއިރު ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ އެފަދަ ދަރިވަރުންނަށް އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ލޯނު އެކްސްޓަންޝަންއެއްގެ ގޮތުގައި އަޅުގަނޑުމެން 120 ދަރިވަރަކަށް ފުރުސަތު ދޭނަން މި ފަހަރު."

ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި އެ އޮފީހުގެ ތަރުޖަމާނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން -- ފޮޓޯ: ރައީސް އޮފީސް

އަލަށް އެކުލަވާލައި އިއްޔެ އަމަލުކުރަން ފެށި ސްޓޫޑެންޓް ލޯނު ދިނުމުގެ އުސޫލުއިވާ ގޮތުގައި، ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވި ހޭދަވި މުއްދަތަށް "ޓޮޕްއަޕް ލޯނު" ހަމަޖައްސައިދޭނެ އެވެ. އެފަދަ ސަބަބެއްގެ ގޮތުގައި ބަލާނެ ތިން ހާލެއްގައި އެ އުސޫލުގައިވެ އެވެ. އެއީ؛

• ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މަރުކަޒުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ހުއްޓާލުން.

• ދަރިވަރަށް ކުރިމަތިވާ ބައްޔެއްގެ ސަބަބުން ޕްރޮގްރާމް ކުރިޔަށް ގެންދިއުން ވަގުތީ ގޮތުން މެދުކަނޑާލުން.

• ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މަރުކަޒުން އެ ޕްރޮގްރާމަށް އެންރޯލްވީ އިރު އެއްބަސްވެފައިވާ ޕްރޮގްރާމުގެ މުއްދަތަށާއި ހަރަދުތަކަށް ބަދަލުތަކެއް ގެނައުން.

ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި މި ފަހަރު 720 ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި އަހަރުގެ ލޯނު ސްކީމް ހުޅުވާލީ އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށެވެ. އެއީ ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔެވުމަށް ޖާގަތަކެވެ.

މިދިޔަ އަހަރު ޕައިލެޓް ކޯހަށް 10 ފުރުސަތު ހުޅުވާލި ނަމަވެސް މި އަހަރު އެ ކޯހަށް 60 ފުރުސަތު ދިނެވެ. މިދިޔަ އަހަރު އެމްބީބީއެސް އަށް 25 އަދި މެޑިސިން އަށް ހުޅުވާލީ 10 ފުރުސަތެވެ. ނަމަވެސް، މި އަހަރު އެމްބީބީއެސްގެ ޑިގްރީ ހެދުމަށް 55 ފުރުސަތު އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިންގެ މާސްޓާސް ހެދުމަށް ރާއްޖެއިން ބޭރަށް 20 ފުރުސަތު ހުޅުވާލާފައިވެ އެވެ.

އެ ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ޑިޕްލޮމާ ލެވެލަށް ކިޔެވުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީ އަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވަމުން އަންނަ ދާއިރާ އިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައި، އެ ދަރިވަރުންނަށް ޓިއުޝަން ފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައި ނުވާ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ވެސް ދޭން ވަނީ ނިންމައިފަ އެވެ.

އެ ލޯނުތަކަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންނަ މަހު އެކެއްގެ ކުރިން ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް، މައްސަލައެއް އުޅޭ ނަމަ އެކަން އިސްހާލުކުރުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދި ކަމަކު ނުދޭ

16 February 2023

ކޮވިޑް އާއި ހެދި ކިޔެވުން މެދު ކަޑާލަން ޖެހުނު މީހުންނަށް ކޮބާ އިންސާފް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454