ދުނިޔެ / ބިންހެލުން

މީހުން ހޯދުމުގެ މަސައްކަތް ތުރުކީން ހުއްޓާލައިފި

20 ފެބުރުއަރީ 2023 - 12:16

މި މަހުގެ 4 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކުގައި އެ ގައުމުން ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ހޯދުމަށް ކުރަމުން އައި މަސައްކަތް، އެންމެ ދެ ޕްރޮވިންސެއް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހުއްޓާލައިފި އެވެ.

ބިންހެލުން އައިތާ ދެ ހަފުތާ ފަހުން، މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިލި އިރު، ވެއްޓުނު އިމާރާތްތަކުގެ ދަށުން، 9،000 އާ ގާތްކުރާ އަދަދަކަށް މީހުން ސަލާމަތް ކުރެވުނެވެ. ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް ޕްރެޑިސެންސީން ބުނި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ދެން ކުރިއަށް ދާނީ، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ޕްރޮވިންސް ކަމަށްވާ ގަހްރަމާން މަރައަސް އާއި ހަތާއޭގަ އެވެ.

"ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން ތުރުކީ ވިލާތުން މަރުވި މީހުންގެ އަދަދު މިހާރުވަނީ 40642 އަށް އަރާފައި. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިވާ މީހުން ހޯދުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، ގިނަ ޕްރޮވިންސްތަކުގައި މިހާރު އެވަނީ ނިމުމަކަށް އައިސްފައި،" ޑިސާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް ޕްރެޑިސެންސީގެ ވެރިޔާ ޔޫނުސް ސީޒަރު ވިދާޅުވި އެވެ.

މި މަހުގެ 4 ވަނަ ވިލޭރޭ ދަންވަރު، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އަދި އެ ދުވަހުގެ މެންދުރު ފަހު 7.6ގެ ބާރުމިނުގައި ތުރުކީ ވިލާތަށް އައި ބިންހެލުމުގައި، ތުރުކީ ވިލާތާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 45000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އިރު އިގްތިސާދީ ގޮތުން ލިބުނު ގެއްލުން، އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ބެލެވެ އެވެ.

"އަހަރެމެން މިހާރު މިތިބީ މި ގައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު މުސީބާތުގެ ތެރޭގައި. ބިންހެލުމުގަޔާއި ބިންހެލުމަށް ފަހު އައި ލޮޅުންތަކުގައި – އެއީ 5700 އަށް ވުރެ ގިނަ ލޮޅުން – ގެއްލުންތައް ލިބުނީ ހަމައެކަނި އިމާރާތްތައް ވެއްޓުނު 11 ޕްރޮވިންސްގައި އުޅޭ މީހުންނަކަށް ނޫން. މުޅި ގައުމަށް އޭގެ ގެއްލުންތައް ލިބިއްޖެ،" ޔޫނުސް ސީޒަރު ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ތުރުކީ ވިލާތާއި ސީރިޔާގައި، އިންސާނީ ޒަރޫރީ އެހީތެރިކަން ބޭނުންވާ 26 މިލިއަން މީހުން އެބަ ތިއްބެވެ. އެމީހުންނަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އެހީތެރިކަން ބޭނުންވެ އެވެ.

މި މަހުގެ 4 ވަނަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. ވެއްޓުނު އިމާރާތްތަކާއި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކާ އެކު، މި ބިންހެލުމުގައި ތުރުކީ ވިލާތުން ހަލާކުވި އިމާރާތްތަކުގެ ޖުމްލަ އަދަދު މިހާރުވަނީ 84000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ފެބްރުއަރީ 4 ވަނަ ދުވަހު (ހޯމަ)ގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ހޯމަ ވިލޭރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454