20 ފެބުރުއަރީ 2023 - 12:19
އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބާބާގައި އިއްޔެ ނިމުނު، އެފްރިކާ އިއްތިހާދުގެ ވެރިންގެ މަހާސިންތާ އިން، އިޒްރޭލުގެ މަންދޫބާއި އޭނާގެ ވަފްދު ބޭރުކޮށްލި މައްސަލައިގައި އިޒްރޭލުން ރުޅިގަދަވެ އެކަން ކުށްވެރިކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، މަހާސިންތާގެ އިފްތިތާހީ ޖަލްސާ ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ސަލާމަތީ އޮފިސަރަކު ގޮސް އިޒްރޭލުގެ އެމްބެސެޑަރު ޝެރޯން ބާރް-ލީ ގޮވައިގެން ޖަލްސާކުރާ މާލަމުން ބޭރަށް ނުކުންނަ މަންޒަރެވެ.
އެފްރިކާ އިއްތިހާދުގެ ޗެއާޕާސަންގެ ތަރުޖަމާނު އެއްބާ ކަލޮންޑޯ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ޑިޕްލޮމޭޓް ބޭރުކުރަން ޖެހުނީ، އޭނާއަކީ އިޒްރޭލު ސަރުކާރުން އިތިއޮޕިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމަށް ނުވާތީ އެވެ. އަދި އެ މަހާސިންތާގައި ބައިވެރިވުމަށް ދައުވަތު ފޮނުވާފައި އޮތީ، އިތިއޮޕިއާގައި ހުންނަވާ އިޒްރޭލުގެ ސަފީރު އަލޭލީ އަޑްމާސޫ އަށެވެ.
An Israeli observer delegate was removed on Saturday from the African Union summit in Addis Ababa, Ethiopia.
— Middle East Eye (@MiddleEastEye) February 19, 2023
An AU official said the individual was not invited to attend, with a non-transferable invitation issued only to Israel's ambassador to the African Union. pic.twitter.com/aKWa0qU3eb
އިޒްރޭލުގެ ޑިޕްލޮމެޓަކު މި މަހާސިންތާ ފެށުމުގެ ޖަލްސާ އިން ބޭރުކުރުމުގެ އިތުރުން، އިޒްރޭލުގެ ވަފުދު ވެސް ވަނީ، ހަތަރު ދުވަހަށް ކުރިއަށް ދިޔަ މި މަހާސިންތާ އިން ބޭރުކޮށްފަ އެވެ.
އެފްރިކާ އިއްތިހާދުގެ ކޮމިޝަންގެ ޗެއާޕާސަން މޫސާ ފަކީ މުހައްމަދު ވިދާޅުވި ގޮތުގައި އެ މަހާސިންތާގައި ބައިވެރިވުމަށް އިޒްރޭލަށް ދައުވަތު ދީފައެއް ނުވާނެ އެވެ. ދައުވަތު ނުދޭ ގައުމެއްގެ ވަފުދެއް އެ މަހާސިންތާގައި ބައިވެރިވުމަށް ހާޒިރުވި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފްރިކާ އިއްތިހާދުގައި އޮބްޒާވަރެއްގެ ހައިސިއްޔަތު އިޒްރޭލަށް ދިނުމުގެ މައްސަލަ އަދިވެސް އޮތީ ވަކި ގޮތަކަށް ނުނިމި އެވެ. މިދިޔަ އަހަރުގެ ތެރޭގައި އެ ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު، ގޮތެއް ނިންމުމަށް އެފްރިކާ އިއްތިހާދުގެ ހަތް ގައުމެއްގެ ވެރިން ހިމެނޭ ކުޑަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށާއި، އެ ކޮމިޓީން މިހާތަނަށް އެ މައްސަލަ ނުނިންމާ ކަމަށް ވެސް ކޮމިޝަންގެ ޗެއާޕާސަން މޫސާ ފަކީ ވިދާޅުވި އެވެ.
"އެހެންވީމާ އެފްރިކާ އިއްތިހާދުގައި އިޒްރޭލު ބައިވެރިވުމުގެ ގާނޫނީ ހައިސިއްޔަތު އަދި އޮތީ ވަކި ގޮތަކަށް ނުނިމި. އެ ސަބަބަށްޓަކައި މި މަހާސިންތާގައި ބައިވެރިވުމަށް އިޒްރޭލުގެ މަސްއޫލުވެރިންނަށް އަހަރެމެން ދައުވަތެއް ނުފޮނުވަން،" ކޮމިޝަންގެ ޗެއާޕާސަން މޫސާ ފަކީ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަހަރެމެންނަށް ފާހަގަ ކުރެވުނީ، މަހާސިންތާ ފެށުމުގެ ޖަލްސާގައި ބައިވެރިވުމުގެ ފާހެއް ހިފައިގެން، އެ ޖަލްސާ އަށް ދައުވަތު ނުދޭ މީހަކު އެ ޖަލްސާ އަށް ވަދެ އިން ކަން. އަދި އޭނާ އަކީ މި ގައުމުގައި ހުންނަވާ ޑިޕްލޮމޭޓެއް ވެސް ނޫން، އޭނާއަކީ އިޒްރޭލުން މި މަހާސިންތާ އަށް އައި މީހެއް."
ޗެއާޕާސަން ވިދާޅުވި ގޮތުގައި އެހެން މީހަކަށް ބަދަލު ނުކުރެވޭ ފާހެއް ހިފައިގެން، ދައުވަތު ނުދޭ މީހަކު މަހާސިންތާ އަށް ވަދެ އިން މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ފަޅާ އެރީ، އިޒްރޭލުގެ ވަފުދެއް އެ ޖަލްސާ އަށް ވަދެ ތިބިކަން، އަލްޖީރިއާ އާއި ދެކުނު އެފްރިކާގެ ވަފުދަށް ފާހަގަކުރެވިގެން، ރިއާސަތަށް އެ މައްސަލަ ހުށަހެޅުމުންނެވެ.
މި މައްސަލައިގައި އިޒްރޭލުން ވަރަށް ބޮޑަށް ރުޅި ގަދަވެ، ޚާރިޖިއްޔާ އިން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އިޒްރޭލުގެ ވަފުދާ މެދު އެފްރިކާ އިއްތިހާދުން މުއާމަލާތު ކުރީ ވަރަށް އިހާނެތި ގޮތަކަށެވެ.
އެ ކަމުގެ ފަހަތުގައި އޮތީ އަލްޖީރިއާ އާއި ދެކުނު އެފްރިކާ ކަމަށް ތުހުމަތުކޮށް، އިޒްރޭލުގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި އެފްރިކާ އިއްތިހާދު އޮތީ، އެހެން މީހުންނާ މެދު ނަފްރަތު އުފައްދާ ގައުމުތަކެއްގެ މުށު ތެރޭގައި ރަހީނުވެފަ އެވެ.
އެފްރިކާ އިއްތިހާދުން ވަނީ އިޒްރޭލަށް އޮބްޒާވަރެއްގެ ހައިސިއްޔަތު ދިނުމަށް 2021 ވަނަ އަހަރު ނިންމައިފަ އެވެ. ނަމަވެސް، އެއީ ފަލަސްތީނު މައްސަލައިގައި އެފްރިކާ އިއްތިހާދުން ގެންގުޅެމުން އަންނަ ސިޔާސަތާ ފުށައަރާ ނިންމުމެއް ކަމަށް ބުނެ، އަލްޖީރިއާ އާއި ދެކުނު އެފްރިކާ އިން އެކަމާ ދެކޮޅު ހެދުމުން، އިޒްރޭލުގެ ހައިސިއްޔަތު އަދި އޮތީ މުޅިން ފުރިހަމަ ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެތެމަސަ
21 February 2023
މެދުއިރުމަތީގެ އިސްލާމީ ގައުމުތައް ކަމަށްވާ ސައުދީ އަރަބިއާ އާއި ބަހުރެއިން މިސްރު ޔޫއޭއީ ފަދަ ގައުމުތަކުން އުޅެނީ އިޒްރޭލް ވަރަށް ގާތްކޮށްލައިގެން މިގައުމުތަކުން ފަލަސްތީނާ ދޭތެރޭ އެއްވެސް ހަމްދަރުދީވުމެއް ކަންބޮޑުވުމެއް ނެތް
ކާކު ކުރިކަމެއްތަ މިއީ؟
21 February 2023
ނުޖެހޭނެ ވާކައް! އެމީހުންނެއް ނޫން އެކަން ކުރީކީ!
ވަހީދުބޭބެ
21 February 2023
އިސްރާއީލަކީ މުޅިން ވެސް ވަގަށް ތަންތަނަށް ވަންނަ ބައެއް.
ޖަލީލީ
20 February 2023
އެފްރިކާ ކުދިންވެސް މާ ރަނގަޅު. މި އުޅޭ ނަމުން މުސްލިމު ގައުމުތަކުން ޔަހޫދީންނާއިގެން މޮޔަވަނީ
ޥަތަނީ
20 February 2023
ތިވަރުވެސް ކޮށްލަންނުރޭ މިއުޅޭ މުސްލިމް އަރަބި ގައުމުތަކަށް