ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޓީމް
23 ފެބުރުއަރީ 2023 - 12:28
ރާއްޖޭގެ ސްޕޭޝް މިޝަން "އަޒުމް" ގެ ފުރަތަމަ ސެޓެލައިޓް ޑިޒައިންކޮށް، ޓެސްޓު ކޮށްފި އެވެ.
ރާއްޖޭގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ބޭރުގެ އެއްވެސް ބައެއްގެ އެހީއަކާ ނުލައި ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ޑިޒައިން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ސްޕޭސް ޓިމުގެ އޭރޯސްޕޭސް އިންޖިނިއަރު ހުސައިން އައްސަދާއި އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖިނިއަރު މުހައްމަދު ޖުނައިދު އަދި މެކޭނިކަލް އިންޖިނިއަރު އަހުމަދު އިޖާޒު އަބްދުﷲ ކަމަށެވެ.
ސެޓެލައިޓް، ޕްރޮގްރާމް ކުރުމާއި ޓެސްޓުކުރުމުގައި ސްޕޭސް ޓީމުގެ މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން އަދި މަރިޔަމް ޝިމާނަތު ވެސް ބައިވެރިވި އެވެ.
ކިއުބްސެޓް ފެންވަރުގެ ސެޓެލައިޓް ޑިޒައިން ކުރީ ބޭނުންވާ މިޝަނަކާ ގުޅޭގޮތަށް ފަސޭހައިން ސައިޒު ބޮޑުކުރެވޭ އަދި ތަފާތު މިޝަންތަކާ ގުޅޭގޮތަށް ބަދަލުކުރެވޭ ގޮތަށެވެ.
އައިޖީއެސް އިން ބުނީ ސްކޫލް/ޔުނިވާސިޓީތަކުގެ އެކްސްޕެރިމެންޓަލް މިޝަންތަކުން ފެށިގެން ސަބް އޯބިޓަލް މިޝަން އަދި އޯބިޓަލް މިޝަންތަކުގެ ޑިޒައިނަށް ބަދަލު ނުގެނެސް ވެސް ސެޓެލައިޓް ހާޑުވެއާ އުފެއްދޭނެ ކަމަށެވެ.
އެގޮތަށް ސެޓެލައިޓު ހަދާއިރު އެންމެ ބޮޑު ތަފާތަކަށް ވާނީ ހާޑްވެއާ ކޮލިޓީ އާއި ޕޭލޯޑް ނުވަތަ މިޝަންގެ އެޕްލިކޭޝަނެވެ.
އައިސީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި، ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ވަރަށް އުނދަގޫ މަސައްކަތެކެވެ. މުޅިން އަމިއްލައަށް ސެޓެލައިޓެއް ޑިޒައިން ކުރުމަކީ ޓީމުން ހޯދި ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރައްވަ އެވެ.
"މިއީ ހަމައެކަނި ކަރުދާހުގައި އޮތް ޑިޒައިނެއް ނޫން. ސެޓެލައިޓް ޑިޒައިން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ވަނީ ހާޑްވެއާ އުދައްދާ، ސެޓެލައިޓް ޕްރޮގްރާމްކޮށް މުހިއްމު ޓެސްޓުތައް ވެސް ކޮށްފައި،" ރިފްއަތު ވިދާޅުވި އެވެ.
ސްޕޭސް ޓީމުން ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ޑިޒައިން ފައިނަލްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ގަ އެވެ. އެ ދުވަހު ހާޑްވެއާ އޯޑަރުކުރުމަށް ފަހު ހާޑްވެއާ ލިބުމުން ސެޓެލައިޓް ޕްރޮގްރާމްކޮށް، ޓެސްޓުތައް ނިންމީ އިއްޔެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުވީސް
25 February 2023
ކޮން ސިޓުލައިޓެއް ފޮނުވާންތަ ތިއުޅެނީ؟ ބަލަގަ މިރާއްޖޭގަ މީހުން މިއުޅެނީ އަދިވެސް ތިން އިރު ހަމައަށް ނުކައި. އަނބިފރިކަން ކުރާނެ ހާލަތެއްނެތް. ޑިޕުރެސްވާތީބޭސްނުކާ މީހެއްނެތް. ރައްޔަތުނަށް އެކަށީގެންވާ ބޯހިޔާކަމެއް ނެތް ލިބިފަ. ފުރަތަމަ މިބޭސިކު އަސާސީ ބޭނުންތައް ފޯރުކޮށްދެވޭތޯބަލާބަލަ.
ގުދުގުދާބެއްޔާ
25 February 2023
ސެޓަލައިޓްގެ ހާޑްވެއަރ ބޯޑް އުފެއްދުމަކީ ވަރަށް އުދަގޫ މަރުހަލާއެއް! ޓީވީ، ނުވަތަ ގޭގައި ބޭނުންކުރާ ތަކެއްޗައް އުފައްދާ ސާރކިޓް ބޯޑާ އެއާ ވަރަށް ތަފާތުވާނެ. އެހެން ގޮތަކަށް ބުނާނަމަ %100 ސާކިއުޓް ބޯޑް އެއް ގެ ފެންވަރުގައި އެއުފައްދަން ވާނީ ކޮލިޓީކޮއް! ސާރކިޓްގެ ސްޓެމެޓިކް ޑައިގްރާމް ޑިޒައިން ކޮއް އެފަދަ ތަކެތި އުފައްދާ ފެކްޓަރީ އަކަށް ދީގެންވާނީ! އެބުނަނީ އެކަންކުރިވާހަކަ! މަރުހަބާ ޓީމަށް!
މައިކްރޯވޭވް
24 February 2023
މަރުހަބާ! ޑިޒައިންކުރި ސެޓެލައިޓްގެ ފޮޓޯއެއް ލީނަމަ ރަނގަޅުވީސް.
ގެދާނޯމޮސް
24 February 2023
ޑިޒައިން އަށްވުރެން ދާޚަރަދު ބުނެލިނަމަ މާރަނގަޅެވެ.
ބޮޑުމީހާ
23 February 2023
މިކަހަލަ ޚަބަރު މީޑިއާއަށް ދޫކޮށްލާއިރު ފޮޓޯ ވީޑިއޯ ފޮނުވީމަ ވާނުވާ އިގޭނީ، ސެޓްލައިޓް ޑިޒައިންކޮށް އެ އޯބިޓަށް ފޮނުވައި އެ ބެލެހެއްޓުމަކީ ވަރަށް މަދު ގައުމުތަކަށް ހާސިލުކުރެވިފައިވާ ކަމެއް. މިރާއްޖޭގެ އަދި މިއުޅެނީ ހިކިފަސްތަނެއްގައި ފްލެޓެއް ނޭޅިގެން
ށަވިޔަނި
23 February 2023
ޓީމުގެ ހުރިހާ ކުދިންނަށް މަރުހަބާ އާއި ތަހުނިޔާ ކިޔަން. އަންހެނުން ބާރުވެރިނުވެ ކޮބާ؟ މި ޓީމުގަވެސް ދެކުދިން ހިމެނޭ.
އުދުހޭ
23 February 2023
އެތިބީ ސްޕޭސް އަށް ދެވިފަ. ފޮޓޯގެ ފަހަތުން އެބަފެނޭ ދުނިޔޭ.
ކިއުރިއަސް
23 February 2023
ޑިޒައިންތޯ ކުރީ ނުވަތަ، ތަނަކުން ދިން ޑިޒައިނަކަށް ބަލައިގެން އެއްޗެއް އެސެމްބްލްތޯ ކުރީ؟ އެއީ ވަރަށް ތަފާތު ދެކަމެއް އިނގޭތޯ
ށަލީމް
23 February 2023
ސެޓެލައިޓެއް ބަނީ..
ނޭފަރީ
23 February 2023
ކޮބާ ޗޭތިދައްކޭލެބަލަ
މުތޮލިބް
23 February 2023
މި ހީވަނީ ފުޓްބޯޅަ ޓީމެއްހެން! މިކުދިންލައްވަން މިއަވުރެން ރީތި އެއްޗެއްނުލިބުން؟
ބުލެކް
23 February 2023
ކޮންމެ ހެން މުހިންމު ތަ ލާފައި ހެދުން. ބަލަ ކުރި ކަން ކިހާ ގަދަ
ޑަރޯމަތު
23 February 2023
ހެހެ، ރޮކެޓަކަށްލާފަ ފަހާފޮށްޓެއް ޖައްވަށް ފޮނުވިއަސް އޭތިވާނީ ސެޓެލައިޓަކަށް. މިހާރު ކިލޯއެއް ޖައްވަށް ފޮނުވޭ އަގު އޮތީ އިންތިހާއަށް ތިރިވެފަ.