ދުނިޔޭގެ ކުޅިވަރު / ޔޫރޮޕާ ލީގް

ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް

މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭއޮފުން ސްޕެއިނުގެ ބާސެލޯނާ ކަޓުވާލައި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ރޭ ޖާގަ ހޯދައިފި އެވެ.

މީގެ 12 އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި އެކަމަކު މިހާރު ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތަށް ސޮއްސާލާފައިވާ ދެ ޓީމުގެ ކުރިމަތިލުމުގެ ދެ ވަނަ ލެގު ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކާމިޔާބުކުރީ 2-1 އިންނެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-2 އިން އިން އެއްވަރުވެފައިވާތީ، ދެ ލެގުގެ އެގްރިގޭޓުން ޔުނައިޓެޑަށް ކުރި ލިބުނީ 4-3 އިންނެވެ.

ރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ބާސެލޯނާގެ ރޮބަޓް ލެވޮންޑޮސްކީ ލީޑު ނެގި އެވެ. އެއާ އެކު 3-2 ގެ އެގްރިގޭޓުން ބާސެލޯނާ އަށް ކުރި ލިބުނެވެ. އެކަމަކު ދެ ވަނަ ހާފުގައި ފްރެޑް އާއި އެންޓޮނީ ޖެހި ލަނޑުތަކާ އެކު ފަހަތުން އަރައި ޔުނައިޓެޑް މޮޅުވީ އެވެ.

"އާދަޔާ ހިލާފު ރެއެއް،" ޔުނައިޓެޑާ މި ސީޒަނުގައި ހަވާލުވެ ޓީމުގެ ކުޅުމާއި ނަތީޖާތައް ބަދަލުކޮށްފައިވާ ކޯޗު އެރިކް ޓެން ހަގް ބުންޏެވެ.

"މިރޭ މި އެޅުނީ އާ ފިޔަވަޅެއް. ސަބަބަކީ ބާސެލޯނާ ބަލިކުރެވުމުން އިތުބާރު ބޮޑުވާނެތީ. މިހާރު ގަބޫލުކުރެވޭނެ އަހަރެމެންނަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެކަން."

އިޓަލީގެ ގަދަބާރު ޔުވެންޓަސް ވަނީ އެންހެލް ޑި މަރިއާގެ ހެޓްރިކާ އެކު، ރޭ ރަށުން ބޭރުގައި ފްރާންސްގެ ނޯންޓްސް އަތުން 3-0 އިން މޮޅުވެ ދެ ލެގުގެ އެގްރިގެޓުން 4-1 އިން ކުރި ހޯދައި ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދައިފަ އެވެ. މި ދެ ޓީމު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވީ އެވެ.

އެންހެލް ޑި މަރިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އާޖެންޓީނާއާ އެކު މިދިޔަ ޑިސެމްބަރު މަހު ވޯލްޑް ކަޕް ކާމިޔާބުކުރި ޑި މަރިއާ ފުރަތަމަ ގޯލް ވައްދާލީ ފަސް ވަނަ މިނެޓުގަ އެވެ. ދެ ވަނަ ގޯލް 20 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރުމަށް ފަހު، ހެޓްރިކް ފުރިހަމަކުރީ 78 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.

މިދިޔަ ސީޒަނުގެ ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން އިޓަލީގެ އޭއެސް ރޯމާ އިން ވަނީ އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒާބްގެ އަތުން 2-0 އިން މޮޅުވެ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ސަލްޒްބާގުގައި ކުޅުނު މެޗު އެ ޓީމު 1-0 އިން ކާމިޔާބުކޮށްފައިވާތީ، ރޯމާ އަށް ދެ ލެގުން ކުރި ލިބުނީ ހަނި ގޮތަކަށް 2-1 އިންނެވެ.

ރޯމްގެ އޮލިމްޕިކޯގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި ރޯމާ އަށް ގޯލް ޖަހައިދިނީ އަންދްރޭ ބެލޮޓީ އެވެ. އަދި ދެ ވަނަ ގޯލް 40 ވަނަ މިނެޓުގައި ވައްދާލީ ޕައޮލޯ ޑިބާލާ އެވެ.

ޕްލޭއޮފް ކާމިޔާބުކޮށްގެން ގަދަ 16 ޓީމުގެ ބުރަށް ދަތުރުކުރީ ޔުނައިޓެޑާއި ޔުވެންޓަސް އާއި ރޯމާގެ އިތުރުން ޖަރުމަނުގެ ބެޔާ ލެވަކޫސަން އާއި އެ ގައުމުގެ ޔޫނިއަން ބާލިން އާއި ޕޯޗުގަލްގެ ސްޕޯޓިން އާއި ސްޕެއިނުގެ ސެވިއްޔާ އަދި ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކް އެވެ.

އަނެއް ގްރޫޕް ސްޓޭޖުގައި ގްރޫޕުގެ އެއް ވަނަ ހޯދައިގެން، އެ ބުރަށް ދަތުރުކުރީ ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ޖިލޮއިސް އާއި އިންގްލެންޑުގެ އާސެނަލް އާއި ޖަރުމަނުގެ ފްރީބާގާއި ހަންގޭރީގެ ފެރެންސްވަރޯސް އާއި ނެދަލެންޑްސްގެ ފެޔަނޫޑާއި ސްޕެއިނުގެ ރެއާލް ބެޓިސް އާއި ރެއާލް ސޮސިއެޑާޑް އަދި ތުރުކީގެ ފެނަބާޗޭ އެވެ.

މި 16 ޓީމުގެ މެޗުގައި އަނެއް ބުރު ފަށާނީ އަންނަ މާޗު 9 ގަ އެވެ. އަދި ދެ ވަނަ ލެގު އޮންނާނީ 16 ގަ އެވެ. މި ބުރުގެ ގުރުނެގުން މިއަދު އޮންނާނެ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

24 February 2023

އަނެއް ހަރުފަތުން ވެއްޓޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454