ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ފެހެންދޫ ބަލިކޮށް ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށްޓަށް

އޭދަފުށިން ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު.-- ފޮޓޯ: ސިޑިބަރި

ފައިނަލުގައި ފަހު ވަގުތު ކާމިޔާބު ކުރި ދެ ގޯލާ އެކު ފަހަތުން އަރައި 2-1 އިން ފެހެންދޫ ބަލިކޮށް އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފެހެންދޫ އިން ލީޑު ނެގީ މެޗު ނިމެން ހަތްވަރަކަށް މިނިޓަށް ވެފައި ވަނިކޮށް މުހައްމަދު ރީހާން އެވެ. އޭދަފުށިން އެއްވަރު ކުރީ އޭގެ ފަސް މިނިޓު ފަހުން އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބު ކުރި ގޯލުންނެވެ. އަދި މެޗު ނިމުމުގެ ކުރިން މޮޅު ކޮށްދިން ގޯލު ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.

ބ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހީ ތުޅާދޫގެ އިބްރާހިމް ރަފާހް އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފެހެންދޫގެ އަހުމަދު ބައްސާމް މުހައްމަދު ނައީމެވެ.

އިއްޔެ ވަނީ އިތުރު ހަ އަތޮޅެއްގެ ފައިނަލް ކުޅެފަ އެވެ. އެންމެ ފުރަތަމަ ހަވީރު ރެހެންދި ޓާފް އެކެއްގައި ކުޅުނީ ފ. އަތޮޅުގެ ފައިނަލެވެ.

ފ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަގޫދޫ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ފ. އަތޮޅު ފައިނަލް ގައި 2-1 އިން ނިލަންދޫ ބަލިކޮށް ފުރަތަމަ ފަހަރަށް އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މަގޫދޫ އެވެ. މޫސާ މާހިލް މިގްދާދް އާއި އަހުމަދު މުއާޒް މަގޫދޫ އަށް ގޯލު ޖަހައިދީފައި ވަނިކޮށް ނިލަންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަބްދުލް އަޒީޒް އިބްރާހިމް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫގެ އަހުމަދު ސާއިން އިސްމާއިލް ޝިޔާމް އެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހީ ނިލަންދޫގެ ފާރޫގު އިސްމާއިލް އެވެ.

ހަމަ އެ ވަގުތު ޓާފް ދޭއްގައި ކުޅުނު ރ. އަތޮޅުގެ ފައިނަލް މެޗުގައި އިނގުރައިދޫން ވަނީ ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރު ބަލިކޮށްފަ އެވެ. މި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. އިނގުރައިދޫއަށް ގޯލުތައް ޖަހައިދިނީ އަލީ ހާފިޒް (އައްޔަ) އާއި މުހައްމަދު މަމްދޫހެވެ. އަލީ ހާފިޒު ދެ ގޯލު ޖެހި އެވެ. ދުވާފަރުގެ ގޯލުތައް ޖެހީ އާދަމް އިލްޔަސައު އާއި މުހައްމަދު އިސާމް އެވެ. އިސާމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިނގުރައިދޫ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ފެނަލްޓީގައި އިނގުރައިދޫ ކުރި ހޯދީ 5-4 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ އިނގުރައިދޫގެ އަލީ ހާފިޒެވެ. އަތޮޅުގެ ޓޮޕް ސްކޯރާ އަކީ މީދޫ ޓީމްގެ ރަޝާދު އަބްދުލް މަތީނެވެ.

މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ދިއްގަރެވެ. ދިއްގަރުން ވަނީ ފައިނަލް މެޗު ގައި 1-0 އިން ނާލާފުށި ބަލިކޮށް ހަތަރު ވަނަ ފަހަރަށް އަތޮޅު ތަށި އުފުލާލައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ދިއްގަރުގެ މުހައްމަދު އަލީ އެވެ. އެންމެ ގިނަ ލަނޑު ޖަހައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނާލާފުށީގެ އަލީ އަޒްމީލެވެ.

ކުޑަހުވަދޫން ވަނީ ފައިނަލް ގައި 3-2 އިން މާއެނޫދޫ ބަލިކޮށް ދ. އަތޮޅުގެ ތަށި ދިފާއު ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުޑަހުވަދޫގެ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މާއެނބޫދޫގެ މަހުތޫމެވެ.

ސ. އަތޮޅުން ދެ ޓީމު ވާދަކުރިއިރު، ފުރަތަމަ ލެގެކޭ އެއްގޮތަށް ފޭދޫ އިން ވަނީ ރޭ ކުޅުނު ދެވަނަ ލެގުގައި ވެސް މަރަދޫފޭދޫ ބަލިކޮށްފަ އެވެ. ފޭދޫ އިން މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަދި އަތޮޅުގެ ޓޮޕް ސްކޯރާއަކީ ފޭދޫގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ފޭދޫގެ ހުސެއިން ގައްސާނެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަނަރަޕް ގާފަރު ބަލިކޮށް ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ދިއްފުށްޓެވެ. ފޯރި ގަދަ ފައިނަލަކަށް ފަހު ދިއްފުށިން ޗެމްޕިއަންކަން ހޯދީ 4-3 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަދި އަތޮޅުގެ ޓޮޕް ސްކޯރާގެ އިތުރުން އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ދިއްފުށީގެ މުހައްމަދު މާޒިން އެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ޒޯން ބުރުގެ މެޗުތަކެކެވެ. ޒޯން 1 އިން ހދ. ނޭކުރެންދޫ އާއި ހއ. އުތީމު ބައްދަލު ކުރާއިރު ށ. ކަނޑިތީމާއި ހއ. ފިއްލަދޫ ވެސް މިރޭ ބައްދަލު ކުރާނެ އެވެ. ދެން ކުޅޭނީ ޒޯން 6 ގެ ދެ މެޗެވެ. ލ. ގަން އަދި ގދ. ވާދޫ ބައްދަލުކުރާ މެޗަށް ފަހު ދެން ކުޅޭނީ ގއ. ނިލަންދުއާއި ގއ. މާމެންދޫ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454