ރެއާލްގެ ޑިފެންޑަރު އަލަބާ، އޭނާގެ އެއްވަނަ ވޯޓް މެސީ އަށް ދިނުމުން ރެއާލްގެ ސަޕޯޓަރުން ވަނީ އޭނާ އާ ދިމާކޮށްލާފަ --- ފޮޓޯ: ގެޓީ އިމޭޖަސް
01 މާޗް 2023 - 11:25
މެޑްރިޑް (މާޗް 1) - ފީފާގެ އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް، ލިއޮނެލް މެސީ އަށް އެއް ވަނަ އަށް ވޯޓް ދިނުމުން، ރެއާލް މެޑްރިޑްގެ ސަޕޯޓަރުން އެ ޓީމުގެ ޑިފެންޑަރު ޑޭވިޑް އަލަބާއާ ދިމާކޮށްލައިފި އެވެ.
ރެއާލްގެ ސަޕޯޓަރުން ހިތްހަމަނުޖެހުނީ އެ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާގެ ބަދަލުގައި މެސީ އަށް އެއް ވަނަ ވޯޓް ދިނުމުންނެވެ. އޮސްޓްރިއާގެ ކެޕްޓަންގެ ހައިސިއްޔަތުން އަލަބާ ދިން ވޯޓްގައި ބެންޒެމާ އަށް ދީފައި ވަނީ ދެ ވަނަ އެވެ. އޭނާ ތިން ވަނަ އަށް ވޯޓް ދިނީ ކިލިޔަން އެމްބާޕޭ އަށެވެ.
ރެއާލްގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަލަބާއާ ދިމާ ކުރުމުގެ ގޮތުން އޭނާ އަކީ "ގައްދާރެއް" ކަމަށް ވެސް ސިފަކޮށްފައިވެ އެވެ. އަދި އަލަބާ ޓީމުން ބޭރު ކުރަން ގޮވާލައި އެ ކްލަބް ސަޕޯޓަރުން ކެމްޕޭނެއް ވެސް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ އެވެ. އަދި އެއް ބަޔަކު އަލަބާއާ ނަސްލީ ގޮތުން ވެސް ދިމާ ކުރި އެވެ.
ސަޕޯޓަރުންގެ ދިމާކުރުމާ ގުޅިގެން އަލަބާ ބުނީ މެސީ އަށް ވޯޓް ދިނުމަކީ އޭނާގެ އެކަނި ނިންމުމެއް ނޫން ކަމަށެވެ.
"މި އެވޯޑަށް ވޯޓް ދިނީ އޮސްޓްރޭލިއާގެ ގައުމީ ޓީމުން. އަހަރެންގެ އެކަނި ނިންމިކަމެއް ނޫން. ޓީމުގައި ކައުންސިލެއް ހަދައި އެންމެން އެއްކޮށް ނިންމި ނިންމުމެއް އެއީ. އަދި އެންމެންނަށް ވެސް އެނގޭނެ އަހަރެން ކަރީމް ކަރީމް [ބެންޒެމާ] އަށް އިހްތިރާމުކުރާ މިންވަރު. އަދި އަހަރެން ކިހާވަރަކަށް އޭނާ ބަލައިގަންނަކަން، ވެސް އެންމެންނަށް އެނގޭނެ،" އަލަބާ ޓްވީޓްގައި ލިޔެފައިވެ އެވެ.
މިދިޔަ އޮކްޓޯބަރުގައި ބެލަންޑިއޯ އެވޯޑް ހޯދި ބެންޒެމާ އަށް ފީފާގެ އެވޯޑްގައި ލިބުނީ ތިން ވަނަ އެވެ. މިދިޔަ އަހަރު ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގު ހޯދައި ދިނުމަށް ބެންޒެމާ ވަނީ ރެއާލްގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޓު
01 March 2023
މިއީ މައަސަލަޔަކީ.. ބެލުންތެރިން ނޫނީ ސަޕޯޓަރުންނަށް މި އެނގެނީ މޮޅަށް ކުޅެން އެނގޭ ކުޅޭ މީހާއަށްވުރެ ބޮޑަށް، އޭނާޔަށްވުރެ މޮޅީ ކާކުކަންވެސް. އެއްޓީމެއްގައި އުޅެންޏާ އަދި ބޮޑަށް އެނގޭނެއްނު އަނެކާގެ ގޮތް