ދުނިޔެ / އިންޑިއާ

ރަޝިޔާ، ޗައިނާ، އެމެރިކާގެ ޚާރިޖީ ވަޒީރުން އިންޑިއާގައި

01 މާޗް 2023 - 16:37

1 comments

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މާދަމާ ފަށާ، އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގެ (ޖީ20) ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސާޅީސް ގައުމުގެ މަންދޫބުން މާދަމާގެ ބައްދަލުވުމުގައި ބައިވެރިވާ އިރު، ގިނަ ބައެއްގެ އަދި ޚަބަރު ފަތުރާ ވަސީލަތްތަކުގެ ލޯ އަމާޒުވެފައި ހުރީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގްގެ ހަރަކާތްތަކަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުކުރައްވައިފި ނަމަ، އެކަން މީޑިއާގެ ފަލަ ސުރުޚީ އަށް އަންނާނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ނިއު ދިއްލީގައި ބާއްވާ، ޚާރިޖީ ވަޒީރުންގެ މި ބައްދަލުވުން ކުރިއަށް ދާއިރު، ޔޫކްރޭންގެ ހަނގުރާމައިގެ މައްސަލައިގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ. އަދި ބޮޑު ތިން މައްސަލައަކާ ގުޅިގެން ޗައިނާ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު މައްސަލަ އެވެ. އަނެއް ކަމަކީ ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އަށް އެހީވުމުގެ ގޮތުން ޗައިނާ އިން ހަތިޔާރު ފޮނުވަން އުޅޭ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތެވެ. އޭގެ އިތުރުން ތައިވާންގެ މައްސަލައިގައި ވެސް ޗައިނާ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ޖީ20ގެ މި ހިނގާ ދައުރުގެ ރިއާސަތާ އިންޑިއާ އިން ހަވާލުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މި ދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު، ޖީ20ގެ މާލީ ވަޒީރުންގެ ބައްދަލުވުމެއް، މާބޮޑު ނަތީޖާއެއް ނުނެރެވި އިންޑިއާގެ ބެންގަލޫރުގައި ވަނީ ނިންމާލައިފަ އެވެ.

އެހެން ނަމަވެސް ދުނިޔޭގެ ބޮޑު ތިން ބާރުގެ މެދުގައި ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އެ ތިން ގައުމުގެ ޚާރިޖީ ވަޒީރުން އެއް މޭޒެއްގެ ކައިރިއަށް ގެނެވުމަކީ ވެސް ކުރިއެރުމެއް ކަމުގައި ބެލެވެ އެވެ. މިފަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރުމަށް ތާވަލުކޮށްފައި އޮތީ، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ހަކަތައިގެ ބާވަތްތަކުގެ އަގުތައް އުފުލުމާއި، ގައުމުތަކުގެ ދަރަނީގެ މައްސަލައިގެ އިތުރުން، ކޮވިޑްގެ ވަބާއިން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުން ލަސްވާ މައްސަލަ އެވެ.

ނަމަވެސް ބައެއް ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި ކޮންމެ މައުލޫއަކަށް ބަހުސް ކުރަން ތާވަލު ކުރިޔަސް، މުޅި ބައްދަލުވުމުގެ ވާހަކަތައް އެނބުރޭ ނާރެހަކަށް ވާނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެވެ. މި ހަނގުރާމަ ހުއްޓުވުމަށް ގޮވާލައި ޗައިނާ އިން މިހާރު ވަނީ 12 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ވާހަކަތަކެއްގެ ދެލިކޮޕީއެއް ރަޝިޔާ އަށް ހުށަހަޅައިފަ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެނަލިސްޓު

02 March 2023

ހުޅަނގުން ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެފައިސާ ބޭކާރު އެއްޗަކަށް ހަދާކަށް ބޭނުމެއް ނުވާނެ. ހަމަގައިމުވެސް ރަޝިއާގެ ޑިމާންޑުތަކަށް ހުޅަނގުން އެއްބަސް ނުވާހާ ހިނދަކު ހަނގުރާމަ ނުހުއްޓޭނެ! ތިބައްދަލުވުމުގަވެސް ނޭޓޯ ބަލާނީ ޔުކްރޭނުގެ މީހުން މަރުވާތީ އެކަން ހުއްޓުވުމުގެ ބަދަލުގަ، ޔުކްރޭނުން ނޭޓޯގެ ގައުމުތަކަށް މުދާ ސަޕްލައިކޮށް ނޭޓޯގެ އިގުތިސާދު ރަނގަޅުކުރުމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454