މީހުން / ފ. ފީއަލި

ބަށީގެ ރާނީ: "އެ ފޯރި އާއި ދިރުން ގެއްލުވާލައިފި"!

20 އެޕްރީލް 2023 - 11:49

6 comments

ރަށު ތެރެއިން ހިނގާލާއިރު ފެންނަނީ އެކި ދިމަދިމާލުގައި ބަށި ކޯޓުތައް ހަދައިގެން ކުދިން ކުޅޭ ތަނެވެ. ހަވީރު އަތަށް އެޅުމުން ހުރިހާ އަންހެނުން، ކުޑައެއް ބޮޑެއް ބަލާނެ ކަމެއް ނެތެވެ. ފަނުން ބޯޅަ ވިޔެގެން ވިޔަސް ޖެހުނު އެއްޗެއް ނަގައިގެން ޓީމުތަކަށް ބަހައިގެން ކުޅެ އެވެ.

ހާއްސަކޮށް، ރަށުގެ ޓީމުތަކަށް އަމާޒުކޮށް މުބާރާތްތައް ބާއްވާއިރު، މުޅި ރަށް އޮންނަނީ ސަޕޯޓަރުންގެ އަޑުތަކުން ގުގުމާލައިފަ އެވެ. ރަށް ތަމްސީލުކޮށްގެން އަތޮޅު ނުވަތަ ގައުމީ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވާ ނަމަ އެންމެން އެކަތިގަނޑަކަށްވެ އެވެ.

މުޅި ރާއްޖޭގައި ބަށީގެ ފޯރި އެންމެ ގަދަވިއިރު އެ ކުޅިވަރުގައި ރަނިކަން ކުރީ މި ރަށް، ފ. ފީއައްޔެވެ. އެންމެ ގިނަ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދައި، އިހު ޒަމާނުގައި ދިވެހީންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުގެ ބްރޭންޑަކަށް މި ރަށް ހެދި އެވެ. އެ މުބާރާތްތަކުން ވެސް ވިދާލި އެކަކަކީ ރަޒިއްޔާ އަބްދުލްސަމަދު، 44، އެވެ.

އުމުރުން ނުވަ އަހަރުގައި ބަށި ކުޅެން ފެށި ރަޒިއްޔާ ބުނީ އެ ކުޅިވަރުގައި ރާއްޖޭގެ ބޮންތި އަށް އެރީ އެކަކު އަނެކަކަށް ދޫދިނުމެއް ނެތި ކުރި މަސައްކަތުން ކަމަށެވެ. ހަލުއި ސްޕީޑުގައި އެ ކުޅޭ ކުޅުމާއި ބާރަށް ޖަހާ ސައްޕުތައް ހިފުމަށް، ދެން ހުރި މީހާއަށް ވުރެ މޮޅު ވެވޭތޯ އަބަދު ވެސް ބަލަ އެވެ.

ބަށި ޓީމެއްގައި ތިބެނީ ކޯޗާއި ފަސްޓް އެއިޑުން ހިމަނައިގެން ތިބެނީ 13 މީހުންނެވެ.

"އެއް ކުއްޖަކު އަނެއް ކުއްޖަކަށް ދޫނުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި، ބޯޅަ ވެސް ބާރަށް ޖަހާ ބޯޅަ ތަކެއް އަންނާނީ ދިމާލަށް. ބައެއް ފަހަރު ލޯ މަތީ ވެސް ޖެހޭނެ، އަނގަމަތީގައި ވެސް ޖެހޭނެ. ފަޅައިގެން ވެސް ދާނެ. އެކަމަކު އެ ތަދަށް ވެސް، އެއްވެސް ތަދު ކަމުގެ އިހުސާސްނުކުރެވޭ ހާލުގައި ވަރަށް ފޯރީގައި އެކަން ކުރާނީ." ހަ ކުދިންގެ މަންމަ، ރަޒިއްޔާ ބުންޏެވެ.

އެސްޓީއޯއިން 2014 ވަނަ އަހަރު ބޭއްވި ބަށި މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބުނު ފައިސާގެ އިނާމާއެކު ރަޒިއްޔާ.

މި ރަށުގައި ބަށި ކުރިއެރުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީންނެވެ. މި ދެ ޖަމިއްޔާގެ ދަށުން އެއް ނަމްބަރު ޓީމާއި ދެ ނަމްބަރު ޓީމެއް އޮވެ އެވެ. އެ ޓީމުތަކުގެ ވާދަވެރިކަން ކިތައްމެ ބޮޑު ނަމަވެސް ރަށް ތަމްސީލުކުރާ ނަމަ އެ ހުރިހާ ކަމެއް ދޫކޮށްލަ އެވެ.

މުބާރާތެއް އޮންނަ ނަމަ ހެނދުނު 6:00-9:00 ވަންދެން ފަރިތަކުރުން އޮންނާނެ އެވެ. އަނެއްކާ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-11:00 ވަންދެން ކުޅޭނެ އެވެ.

އެގޮތަށް ގިނަ މުބާރާތްތަކެއްގައި ރަޒިއްޔާ ކުޅެފި އެވެ. މާލޭގައި އަހަރުތަކެއް ވަންދެން ބޭއްވި އެސްޓީއޯ ބަށި މުބާރާތުގެ އެންމެ ގިނަ ޗެމްޕިއަންކަން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއްވި ފަސްޓް ލޭޑީ ބަށި މުބާރާތް (މެޑަމް ކަޕުން) ވެސް އެއްވަނަ ހޯދުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ.

ފައިނަލް މެޗުގެ ފަހު ސިކުންތު ގުނަމުން ދަނިކޮށް ގައިން ލޭ ކެކި، ޖަހަމުން ދިޔަ ފޯލިތަކާ އެކު އެ ޓީމު މޮޅުވީ އެވެ. އެއީ، ފީއަލީ ޓީމުން އެންމެ ފަހުން ބައިވެރިވި މުބާރާތް ވެސް މެ އެވެ.

ފުރަގަސް ދީގެން ކުޅޭ ކުޅިވަރުގައި މޮޅުވަނީ އެންމެ ގިނަ ލަނޑު ހަދައި ސައްޕު ޖަހައި ތިން ފޯލި ހަދާ ޓީމެކެވެ.

ރަޒިއްޔާ ބުނީ އެސްޓީއޯގެ ދެ މުބާރާތެއް ފިޔަވައި ބާކީ ހުރި މުބާރާތެއްގެ ކެމްޕިއަންކަން މި ރަށު ޓީމް ހޯދި ކަމަށެވެ. ބަލިވި ދެ މުބާރާތުގައި ވެސް ސެމީ ފައިނަލުގައި ކުޅުނެވެ.

އެސްޓީއޯ ބަށި މުބާރާތުގައި ރަޒިއްޔާ ކުޅެނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

އަތޮޅު ތަމްސީލުކުރި މުބާރާތްތައް ފީއަލީ ކާމިޔާބުކުރި އެވެ. އޭގެ ތެރެއިން ރަަޒިއްޔާ އަށް ވަނީ އަތޮޅުގެ ތިން މުބާރާތެއްގައި ބަށި ރާނީކަން އަދި މޮޅު ހޮވުންތެރިޔާކަން ލިބިފަ އެވެ.

އެ މުބާރާތްތަކުގެ ތައްޓާއެކު ރަށަށް އައުމުން އެ ކިޔާ ހޫނު މަރުހަބާއަކީ ވެސް ބައްޓާ ގުޅިފައިވާ އޭނާގެ އެންމެ އުފާވެރި ހަނދާންތަކެވެ. ކޮޅު ނުފެންނަ ވަރަށް ސަފުތައް ހަދައި، ރަތް ދޫލައިގެ މަރުހަބާ ކިޔަ އެވެ.

"ރަށަށް އަރާއިރު ރަށުގެ ރައްޔިތުން ތިބޭ ގޮތާއި، މުޅި ރަށުގައި އަޅުގަނޑުމެންނަށް މަރުހަބާ ކިޔުމަށްޓަކައި މުޅި ރަށް އޮންނަ ގޮތާއި އެންމެން އެކަތިގަނޑަކަށް ވެގެން ތިބޭ ގޮތާއި ގާތްގަނޑަކަށް ރަށަށް އައިސްގެން 1-2 ދުވަސް ވާއިރު ވެސް އަޅުގަނޑުމެންނަށްޓަކައި މުޅި ރަށުގެ ރައްޔިތުން ސީދާ ހުސްވެގެން އެ ތިބޭ ތިބުން އެއީ ހަނދާނުން ފުހެވިގެން ދާނެ މަންޒަރެއް ނޫން." އޭނާ ބުންޏެވެ.

އެ ހުރިހާ ކަމެއްގައި ވެސް އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ އެވެ. މެޗުތައް ކުޅެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ދަތުރުތަކުގައި ރަޒިއްޔާއަށް ހިތްވަރު ދޭން އޭނާގެ ފިރިމީހާ ވެސް ބައިވެރިވެ އެވެ. އަދި ކުޅެން ތަނަކަށް ދާން ޖެހިއްޖެނަމަ ދަރިންގެ ކަންތައްތައް އާއިލާގައި ދެން ތިބި މީހުން ކޮށްދޭނެ އެވެ.

އެސްޓީއޯ ބަށި މުބާރާތް ކާމިޔާބުކުރުމަށްފަހު ފީއަލީ ޓީމުން އުފާ ފާޅުކުރަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

"އަސްލު އަޅުގަނޑުގެ ކާމިޔާބީގެ ސިއްރަކީ އަޅުގަނޑުގެ ފިރިމީހާގެ ހިތްވަރު." އޭނާ ބުންޏެވެ.

އެ މުބާރާތްތަކުން ލިބުނު އެތައް ލައްކަ ރުފިޔާ ހަރަދުކުރީ ފީއަލީ ޒުވާނުންގެ ޖަމިއްޔާގެ މަރުކަޒު ހެދުމަށެވެ.

ބަށި ކުރިއަރުވަން މި ރަށުގެ ސްކޫލުގައި ވެސް ދަރިވަރުން ތިން ހައުސަކަށް ބަހާލައިގެން މުބާރާތްތައް ބޭއްވި އެވެ. ކައިރި ރަށްރަށަށް ފޮނުވައިގެން ވާދަވެރިކަން ބޮޑުކުރި އެވެ. އެކަމަކު، ރަޒިއްޔާ ބުނާގޮތުން ބަށި ކުޅުމާ ގުޅޭ ހުރިހާ ކަމެއް މިހާރު މާޒީވެ ހިނގައްޖެ އެވެ.

ބަށީގައި ރާއްޖޭގެ ރަސްކަން ކުރަމުން ދިޔަ މި ރަށުގައި މިހާރު ބަށި ކުޅޭނެ ދަނޑެއް ނެތެވެ. ބަށި އެސޯސިއޭޝަން އުވާލުމާއެކު، ފީއަލީ އެކަތިގަނޑަކަށް ހަދައިދިން ކުޅިވަރު ވެސް ވަޅު ޖެހިގެން ދިޔައީ އެވެ. މި ރަށުގައި މިހާރު ބަށި ނުކުޅޭތާ ފަސް ވަރަކަށް އަހަރުވީ އެވެ.

އެއީ، ބައްޓަށް ހާއްސަ ލޯތްބެއް އޮތް ރަޒިއްޔާއެކޭ އެއްގޮތަށް އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.

"ބަށީގެ އެއްވެސް ގޮތެއް ކުރިއަށްދާ ގޮތެއް ނެތް. އެ އޮތީ މިހާރު ބަށި އުވިގެން ގޮސްފައި މިހާރު. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ، ވަރަށް ދެރަވެސް ވޭ. އަޅުގަނޑުމެން ކުޅެން ވެސް ބޭނުންވޭ. އަނެއްކާ އަޅުގަނޑުމެންގެ ފަހަތުން އައި ދަރިންނަކީ ވެސް ވަރަށް އެކަމުގައި ހިތްވަރުލައި، ޖޯޝުގައި އެ މަސައްކަތްކުރި ކުދިން." އޭނާ ކުރިއަށްގެންދިޔަ އެވެ.

"އެ ވެސް ހުއްޓުނީ. ހޮބީއަކަށް ވެސް، ހިތްހަމަ ޖެހުމަކަށް ވެސް ފީ އަލީގައި މިހާރު ބަށި އެއްކޮށް އުވިގެން ގޮސްފައިވަނީ. އެ ފޯރި އާއި ރޫހު ވެސް މިހާރު ގެއްލިއްޖެ. ގެއްލުވާލައިފި!"

އޭނާ ގަބޫލުކުރާ ގޮތުގައި ކައުންސިލުން އެއްބާރުލުން ނުދޭހާ ހިނދަކު މި ރަށުގައި ބަށި އާލާނުކުރެވޭނެ އެވެ. އެކަމަކު، މި ރަށުގެ ނަން މުޅި ރާއްޖެއަށް ވިދުން ކުރުވި ކުޅިވަރު އުވިގެން ދިއުމަށް ޖާގަ ނުދީ، ކޮންމެ ވެސް ހިސާބެއްގައި ބަށި ކުޅެވޭނެ ގޮތް ހެދުން މުހިއްމު ކަމަށް ރަޒިއްޔާ ބުނެ އެވެ. އެއީ މުޅި ރަށަށް ވެސް ދިރުން އަންނާނެ ކަމެކެވެ.

6 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްޖޭ

21 April 2023

ބާސްކެޓު ބޯޅަ މާ ރަނގަޅުވާނެ ބައްޓށް ވުރެން އަންހެންކުދިންނަށް އެވަރުގެ ކުޅިވަރެއް ނެތް

The name is already taken The name is available. Register?

މުސްކާން

20 April 2023

ފުޓުބޯލަ ކުޅެގެން ވެސް އަނިޔާ ވެފަ އެބަ ހުރި

The name is already taken The name is available. Register?

ބެލެނިވެރިން

20 April 2023

ރާއްޖޭގަ އަދިވެސް ކުރިއަރުވަން ރަނގަޅު ކުޅިވަރެއް ، ބާސްކެޓައް ވުރެ މާގިނަ އަންހެންކުދިން ނައް ފުރުސަތުވެސް ލިބޭނެ

The name is already taken The name is available. Register?

ބަށި

20 April 2023

ހާއްސަ ހެދުމެއް އަޅައިގެން ވެސް ބަށީގެ ކުޅިވަރު ކުރިއަރުވަން މަސައްކައްކަތް ކުރަންވާނެ، ކައުންސިލުން އެއްބާރުލުން ނުދޭނަމަ ދެންފަހަަރަކުން މިހާރު ތިބި ކައުންސިލަރުން ނުހޮވަމާ

The name is already taken The name is available. Register?

ސަބޫތު

20 April 2023

ތީ މާސްކް އަޅާގެން ނޫނީ ކުޅެން ހުއްދަކުރާވަރު ކުޅިވަރެއްނޫން. ރާއްޖޭގައި މީހުންގެ ލޮލުގެ ފެނުންގޮސްފަ އެބަހުރި ތި ބޯޅަ މޫނުމަތީ ޖެހިގެން.

The name is already taken The name is available. Register?

ބަށިކޯޓް

20 April 2023

ބޭސް ބޯޅަވެސް އެއޮއް ކުޅެނީ ގައިމު. ރަނގަބީވެސް ކުޅޭ. ދޮންމީހުން ކުޅޭތީ އެ ނުވޭ ކުޅެން ނުވާވަރު އެއްޗަކަށް. ބަށިކުޅެންވެސް އެޅޭނެ ދޯ ޝީލްޑް. ނުޖެހޭ ކޮންމެހެން ހުއްޓާލާކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454