ޚިޔާލު / ދީން

މުއުމިނުން އެކަނިވެރިކަން އިހުސާސް ކުރާކަށް ނުޖެހޭނެ

އެކަނިވެރިކަމަށް އޮތް ހައްލަނީ މުއުމިނަކަށް ވުމާއި އީމާންތެރިކަން ވަރުގަދަ ކުރުން.

ދިރިއުޅުމުގެ ހަޔާތުގައި ތަފާތު ސަބަބުތަކާ ހުރެ އެކަނިވެރިކަން އިހުސާސް ކުރަން ޖެހުމަކީ އިންސާނުންނަށް ބައެއް ފަހަރު ކުރިމަތިވާ ކަމެކެވެ. ނަމަވެސް ފުރިހަމަ މުއުމިނުންނަކީ އެ އެކަނިވެރިކަމުގެ އިހުސާސް ކުރަން ޖެހޭ ބައެއް ނޫނެވެ. ސަބަބަކީ އޭނާ ދިރިއުޅޭނީ ވުޖޫދުގައި މިވާ ހުރިހާ އެއްޗަކާ އެކު އެވެ. އެބަހީ އިންސާނުން ނޫނަސް ކައުނުގައިވާ އެހެން ހުރިހާ މަހުލޫގުތަކާއި އިންސާނާއާ ގާތް ގުޅުމެއް ވާ ކަމުގެ އިހުސާސް ކުރަމުންނެވެ. ހަމަ އެފަދައިން މުއުމިނަކު ނަމަ އޭނާއާ އެކު މާތްﷲ އަބަދުވެސް ވޮޑިގެންވާ ކަން ގަބޫލު ކުރާނެ އެވެ. މީގެ އިތުރުން މުއުމިނަކު ނަމަ ގާތުގައި ނެތަސް އެހެން މުއުމިނުންނާ އެކުގައި އުޅޭ ކަމުގެ އިހުސާސް ވެސް ކުރާނެ އެވެ.

އެންމެ ފުރަތަމަ ކައުނާ މެދު އޮންނަ ގުޅުމަށް ބަލާއިރު މުއުމިނަކު ގަބޫލުކުރާނީ ކައުނުގައި މިވާ އެއްޗިއްސަކީ އޭނާއާ ބީރައްޓެހި އެއްޗިތިތަކެއް ނޫން ކަމަށެވެ. އޭނާގެ އަދުއްވުންތަކެއް ނޫން ކަމަށެވެ. އެއާ ހިލާފަށް އެއީ އޭނާ ފަދައިން މާތްﷲ ކަނޑައަޅުއްވާފައިވާ ތަބީއީ ގާނޫނުތަކަށް ތަބާވާ އެއްޗެތި ކަމަށެވެ. އަދި އޭނާ ފަދައިން މާތްﷲ އަށް ތަސްބީހަ ކިޔާ އެއްޗެތި ކަމަށެވެ. މުއުމިނަކާ އެހެން އިންސާނަކާ މި ކަމުގައި ހުންނަ އެންމެ ބޮޑު ތަފާތަކީ މުއުމިނަކު ނަމަ ކައުނުގައި ފެންނަން ހުންނަ އެއްޗިއްސާއި ނުފެންނަ އެއްޗެތި ވެސް ބަލައިގަންނާނެ އެވެ. ޝަހާދަތުގެ އާލަމާ އެކު ޣައިބުގެ އާލަމަށް ވެސް މަރުހަބާ ކިޔާނެ އެވެ. ދުނިޔަވީ ހަޔާތާ އެކު އުހުރަވީ ހަޔާތް ވެސް ޝާމިލު ކުރާނެ އެވެ. ފަނާވަނިވި ދުނިޔެ ބަލައިގަންނަ ހިނދު އަބަދަށް ދެމިހުންނަނިވި ވުޖޫދަށް ވެސް ބަލާނެ އެވެ. އެބަހީ އަޒަލުއްސުރެ ވުޖޫދުވުން ލާޒިމު ގަދަކީރިތިވަންތަ ފަރާތް ވެސް ބަލައިގަންނާނެ އެވެ.

މުއުމިނެއް ނޫން ނަމަ އޭނާ ބަލައިގަންނާނީ މާއްދީ އަދި ހިއްސީ އެއްޗިއްސާއި ކަންކަމެވެ. މިފަދަ މީހަކީ ހަގީގަތުގައި އިއްޔެ އާއި މާދަމަ އަށް ވުރެ އަބަދުވެސް މިއަދު މުހިންމު ވާނެ މީހެކެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައި ވެސް ހިއްސީ ލައްޒަތުތައް ފިޔަވައި އެހެން ކަމެއް ބޭނުމެއް ނުވާނެ އެވެ. ހުދު އޭނާގެ އަމިއްލަ ނަފްސުން ވެސް ފެންނާނީ އޭނާގެ މާއްދީ ޖސްމާއި ހައިވާނީ ޣަރީޒާތައް އެކަންޏެވެ. ނަމަވެސް ހަގީގަތަކީ ކައުނުގައި މި ވަނީ ހަމައެކަނި މާއްދީ އެއްޗިއްސާއި ކަންކަމެއް ނޫނެވެ. ވީމާ މާއްދިއްޔަތަށް ނުވަތަ ހިއްސަށް އެކަނި ސަމާލުކަން ދޭ މީހަކަށް ރޫހާނީ އަދި މައުނަވީ ކަންކަން ގެއްލިގެންދާނެ އެވެ. ނަތީޖާއަކީ ރޫހާނީ އަދި ނަފްސާނީ ހުސްކަމެއް އައުމެވެ. ދިރިއުޅުން ހިތްހަމަ ނުޖެހުމެވެ. ހިތްހަމަޖައްސަން އަބަދާއި އަބަދު މާއްދީ ކަންކަމަށް ވަންނަން ޖެހުމުން އެތައް އެތައް ގެއްލުމަކާ ކުރިމަތިލުމެވެ. ދުވަހަކު ވެސް އެ އެދުންތައް ނުފުދިގެން އުޅެން ޖެހުމެވެ. މާތްﷲ ވަހީ ކުރައްވާފައިވާ ފަދައިން އެކަލާނގެ ބާވާލެއްވި ފޮތަށް ފުރަގަސްދީފި މީހަކަށް އޮތީ "ދަތި ދިރިއުޅުމެކެވެ." އަދި ގިޔާމަތް ދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި މަހުޝަރަށް ފޮނުވޭނެ އެވެ (ޠާހާ 124).

މިފަދަ މީހާއާ ހިލާފަށް ﷲ ގެ ހަޒްރަތުން ތެދުމަގު އައުމުން އެ އަށް ތަބާވާ މުއުމިނަކު މަގުފުރެދިގެން ނުދާނެ އެވެ. އަދި އަބާއްޖަވެރިއެއް ވެސް ނުމެވާނޭމެ އެވެ (ޠާހާ 123). އޭނާގެ އީމާންތެރިކަމުގެ ސަބަބުން އޭނާގެ ހިތާއި ނަފްސު ތަނަވަސް ވެގެން ވާނެ އެވެ. އުޑުތަކާއި ބިމާއި މަލާއިކަތުންނާއި އިލާހީ ނޫރު ފެތުރުމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކާ އޭނާގެ ހިތް ވާނީ ގުޅިފަ އެވެ. އެއީ ﷲގެ ހިދާޔަތުގެ ސަބަބުންނެވެ. މި ހިދާޔަތު ދެއްކެވުމަށް އެކަލާނގެ އިރާދަ ކުރައްވާ މީހެއްގެ ހިތް އެކަލާނގެ ތަނަވަސް ކޮށްދެއްވަތެވެ. އެކަމަކު އެ ހިދާޔަތު ނުލިބި މަގުފުރެއްދެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހެއްގެ ހިތުގައި ދަތިކަމާއި ނުތަނަވަސްކަން، އުޑާ ދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން ލައްވަތެވެ (އަލްއަންއާމް 125).

މުއުމިނެއް ނޫން ނަމަ އޭނާ ބަލައިގަންނާނީ މާއްދީ އަދި ހިއްސީ އެއްޗިއްސާއި ކަންކަމެވެ. މިފަދަ މީހަކީ ހަގީގަތުގައި އިއްޔެ އާއި މާދަމަ އަށް ވުރެ އަބަދުވެސް މިއަދު މުހިންމު ވާނެ މީހެކެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައި ވެސް ހިއްސީ ލައްޒަތުތައް ފިޔަވައި އެހެން ކަމެއް ބޭނުމެއް ނުވާނެ އެވެ.

އެކަނިވެރިކަމުގެ އިހުސާސް ކުރަން ޖެހުމަކީ ވަރަށް ބޮޑު ނަފްސާނީ ނުކުޅެދުންތެރިކަމެކެވެ. ޖަލެއްގެ ކުޑަގޮޅީގައި އިންނަ މީހަކަށް ކުރެވޭ އިހުސާސްތަކަށް ވުރެ ނުތަނަވަސްކަން ބޮޑު ހިތްދަތިކަމެއް މިފަދަ މީހާ ކުރަން ޖެހޭނެ އެވެ. ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ މީހުންގެ މި ނަފްސާނީ ނުކުޅެދުންތެރިކަމަކީ ހަމައެކަނި ނަފްސަށް ކުރިމަތިވާ އުދަގުލެއް ނޫނެވެ. ޖިސްމާނީ އެތައް އުދަނގޫތަކެއް ވެސް ކުރިމަތިވެ އެވެ. ދާހިއްލުމާއި ބޯއެނބުރުމާއި ހިތުގެ ވިންދު އަވަސްވުމާއި ހިނގައި ހަރަކާތް ކުރުމުގައި ވަޒަން ނުހިފެހެއްޓުން ފަދަ ކަންކަން ކުރިމަތިވެ އެވެ. އެކަނިވެރިކަމުގެ އިހުސާސަކީ ވިސްނުމުގެ ހައިޖާނުތައް އުފައްދާ ކަމެއް ކަމުގައި ވެސް އެ އިލްމުވެރިން ވިދާޅުވެ އެވެ.

ކޮންމެއަކަސް މި ވޭން ހުރި ނަފްސާނީ ބަލިން ސަލާމަތްވުމަށް ނަފްސާނީ ޑޮކްޓަރުން އެތައް ދިރާސާތަކެއް ކުރެ އެވެ. ފަރުވާތައް ހުށަހަޅަ އެވެ. ނަމަވެސް އާހިރުގައި އެ މީހުން ބުނަނީ މި ކަމުގެ ފަރުވާ އޮތީ ދީނުގައި ކަމަށެވެ. އީމާންތެރިކަމުގައި ކަމަށެވެ. ކަލާނގެއާ އެކުގައި ތިމާވާ ކަމުގެ އިހުސާސް ކުރެވިގެންނެވެ. އަޅުކަން ކުރުން ހައްގު ނޫން ފަރާތެއް ކަލަކު ކަމުގައި ގަބޫލުކުރާ މީހުންނަށް ވެސް އެ ބަޔަކު ގަބޫލުކުރާ ކަލާނގެއާ އެކުގައި ތިމާ ވާ ކަމުގެ އިހުސާސް ކުރުމުން އެކަނިވެރިކަމުގެ އިހުސާސަށް ފަރުވާއެއް ލިބޭ ކަމަށް ވާ ނަމަ އާލަމްތަކުގެ ވެރި އެއްކައުވަންތަ ﷲއާ އެކުގައިވާކަން ގަބޫލު ކުރާ މުއުމިނު އިންސާނާ އަށް ލިބޭނެ ހިތްހަމަ ޖެހުން ތަސައްވަރު ކޮށްލައްވާށެވެ!

މުއމިނަކު ގަބޫލު ކުރާ ގޮތުގައި ﷲ އަބަދުވެސް އޭނާއާ އެކުގައި ވާނެ އެވެ. ގުދުސިއްޔަ ހަދީސެއްގައިވާ ގޮތުން ﷲގެ އަޅާ ﷲ އަށް ޒިކުރު ކުރާ ހިނދު ﷲ ވެސް އެ އަޅާ އަށް ޒިކުރު ކުރައްވާނެތެވެ. ބަގަރާ ސޫރަތުގެ 115 ވަނަ އާޔަތުން އެނގޭ ގޮތުގައި ކޮންމެ ދިމާއަކަށް މޫނު ކުރިމަތި ކުރިއަސް އެ ފަރާތެއްގައި ﷲ ވޮޑިގެންވާނެ އެވެ. އަދި "ތިޔަބައިމީހުން ވީ ކޮންމެ ތަނެއްގައި ތިޔަބައިމީހުންނާ އެކު ﷲ ވޮޑިގެންވެ އެވެ" މިފަދައިން ހަދީދު ސޫރަތުގެ 4 ވަނަ އާޔަތުގައި ވެއެވެ.

ވީމާ މުއުމިނަކު އިހުސާސް ކުރާނީ މޫސާގެފާނު ވެސް އިހުސާސް ކުރެއްވި ފަދައިން "ތިމަންކަލޭގެފާނާ އެކު ތިމަންކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ވެ އެވެ" މިފަދައިންނެވެ. އަދި ކީރިތި ނަބިއްޔާ ﷺ ސައުރު ފަރުބަދައިގެ ހޮހަޅައިގައި އިންނެވި ހިނދު ވިދާޅުވި ފަދައިން "ކަލާގެފާނު ހިތާމަ ނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ އަހަރެމެންނާ އެކުގަ އެވެ" މިފަދައިންނެވެ.

ކޮންމެއަކަސް މި ވޭން ހުރި ނަފްސާނީ ބަލިން ސަލާމަތްވުމަށް ނަފްސާނީ ޑޮކްޓަރުން އެތައް ދިރާސާތަކެއް ކުރެ އެވެ. ފަރުވާތައް ހުށަހަޅަ އެވެ. ނަމަވެސް އާހިރުގައި އެ މީހުން ބުނަނީ މި ކަމުގެ ފަރުވާ އޮތީ ދީނުގައި ކަމަށެވެ. އީމާންތެރިކަމުގައި ކަމަށެވެ. ކަލާނގެއާ އެކުގައި ތިމާވާ ކަމުގެ އިހުސާސް ކުރެވިގެންނެވެ.

މުއުމިނަކަށް އަބަދުވެސް އިހުސާސް ކުރެވޭނީ އޭނާ އަބަދުވެސް ވަނީ ﷲ އާ އެކުގައި ކަމަށެވެ. ﷲ އަކީ ހުރިހާ އެއްޗެއް ހައްދަވައި ހުރިހާ ކަމެއް އެ ފަރާތުގެ ކުޅަދުންވަންތަ ކަމުގެ ދަށުގައިވާ ފަރާތެވެ. އިންސާސުންގެ އެންމެހައި ބޭނުންތައް ފުއްދަވާ ފަރަތާކީ އެ ފަރާތެވެ. އެހެންކަމުން މިފަދަ ފަރާތަކާ އެކުގައި ވާ ކަމުގެ އިހުސާސް ކުރެވުމަކީ ހަމަ ޔަގީނުން ވެސް އެކަނިވެރިކަމުގެ އިހުސާސް ދުރުކޮށްދޭނެ ކަމެކެވެ. މުއުމިނަކީ އޭނާގެ އަހުން ކަމުގައިވާ އެހެން މުއުމިންނާ ވެސް އެކުގައިވާ މީހެއް ކަމުގެ އިހުސާސް ކުރާނެ މީހެކެވެ. ނަމާދުގަ އާއި އެ ނޫން ވެސް ހާލަތްތަކުގައި ކުރާ ގިނަ ދުއާތަކުގައި އެހެން އެންމެން ބައިވެރި ކުރެއެވެ.

ތެދުމަގު ދެއްކެވުމަށް ﷲ ގެ ހަޒްރަތުގައި އެދެނީ އެންމެންގެ ނަމުގަ އެވެ. ﷲ އަށް އަޅުކަން ކުރާ ކަމާއި އެ ފަރާތުން ވާގިވެރިކަން އެދޭކަން ކަށަވަރު ކުރަނީ އެންމެންގެ ނަމުގަ އެވެ. އީމާންކަމުގައި ތިމަންމެންގެ ކުރިން އުޅެފައިވާ އެންމެހައި މުއުމިނުންނަށް ވެސް ތިމަންނެންނާ އެކު ފާފަ ފުއްސެވުމަށް އެދެ އެވެ. ސާލިހު އެންމެހާ އަޅުންނަށް އައްތަހިއްޔާތުގައި ސަލާމް ރައްދު ކުރެ އެވެ. ތިމާގެ އީމާންކަމާއި ސާލިހު އަމަލުތަކުގެ ސަބަބުން ތިމާއަކީ ހުރިހާ ނަބީންނާއި ސިއްދީގުންނާއި ޝަހީދުންނާއި ސާލިހުންނާ އެކު ﷲގެ ނިއުމަތުގައި ވާނެ މީހެއް ކަމުގައި ގަބޫލު ކުރާނެ އެވެ.

ވީމާ މުއުމިނަކީ ކައުނުގައިވާ އެންމެހައި މަހުލޫގުންތަކާއި ކައުނުގެ ވެރި މާތްﷲ އާއި އަދި ސާލިހު އެންމެންނާ އެކުގައި އަބަދުވެސް ވާނެ މީހެކެވެ. މީގެ ނަތީޖާއަކީ އެކަނިވެރިކަމުގެ އިހުސާސް ކުރަން ނުޖެހުމެވެ. އޭގެ ސަބަބުން ނަފްސަށާއި ހިތަށް ހަމަޖެހުން ލިބުމެވެ. ދުނިޔެ އާއި އާހިރަތުގައި ބާއްޖަވެރިކަން ލިބުމެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަންް

04 March 2023

ހާދަ ފުރިހަމަ ލިއުމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454