03 އެޕްރީލް 2023 - 07:17
މިއީ މި ރަށް، ފ. ބިލެއްދޫގައި އާ ނަމެއް ނޫނެވެ؛ މި ރަށުގައި ހުރި އެންމެ މަސައްކަތްތެރި މީހާ އަކީ އަހުމަދު ޝިޔާމެވެ. އޭނާ ނުދަންނަ މަސައްކަތެއް ނެތެވެ. މުޅި ހަޔާތް ހޭދަކުރީ މަސައްކަތުގެ ތެރޭގަ އެވެ. އެކަމަކު، އެހެން މީހުންނާ ހިލާފަށް އޭނާގެ ހާއްސަ ކަމަކީ، އޭނާގެ ފަހަތުން ޖީލެއް ބިނާ ކުރަން އޭނާ ދެކެމުން އަންނަ ހުވަފެނެވެ.
އެ ހުވަފެނުގައި ކުލަ ޖެހޭތޯ ޝިޔާމް ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިފި އެވެ. އުމުރުން 13 އަހަރުން ފެށިގެން އޭނާ، ދިވެހި އަތްތެރި މަސައްކަތްތެރި ކަމަށް ނުކުތީއްސުރެ ފޯކަސް ކުރަމުން އައި އެއް ކަމެއް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއީ، އޭނާ ގަބޫލުކުރާ ގޮތުގައި މީހަކަށް، އޭނާގެ ގައުމަށް ދޫކޮށްލެވޭނެ އެންމެ ބޮޑު އެއް ހަދިޔާ އެވެ. އޭނާގެ އަމިއްލަ ވިސްނުމަށް، އަމިއްލަ ހިޔާލަށް ތައްޔާރުކުރި މޮޑިއުލެއްގައި ދިވެހި އަތްތެރި މަސައްކަތުގެ ގައުމީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް މިހާރު ވަނީ ހިންގަން ފަށައިފަ އެވެ.
"މީހަކަށް އެއަށް ވުރެ ވަކި އަގުބޮޑު ހިދުމަތެއް ނުކޮށްދެވޭނެހެން އަޅުގަނޑަށް ހީވަނީ،" މިހާރު 56 އަހަރުގެ ހުނަރުވެރިޔާ ބުންޏެވެ.
ޝިޔާމް އޭނާގެ ވޯކްޝޮޕްގައި މަސައްކަތް ކުރަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު
ޝިޔާމަކީ އަތްތެރި މަސައްކަތުގައި މި ސަރަހައްދުގައި ވެސް މަޝްހޫރު ނަމެކެވެ. އޭނާ ވަނީ ރާއްޖޭގެ އެކި ހިސާބުގައި ކޯސްތައް ހިންގައިފަ އެވެ. އަދި މިހާރު ވެސް އަންނަނީ ކޯސްތައް ހިންގަމުންނެވެ.
ޝިޔާމް ބުނި ގޮތުގައި އަތްތެރި މަސައްކަތުގެ ތެރެއަށް އޭނާގެ ހިޔާލު ގަންބާލީ ވަރަށް ޅައިރު އެވެ. އެކަމަކު، އެކަމުން އޭނާ ކުރިއަށް ދާން ހުރަސް އެޅީ، އޭނާގެ އާއިލާ އަށް އޭރު ކުރިމަތިވެފައި އޮތް މާލީ ދަތި ކަމެވެ.
"ވަރަށް ކުޑައިރުއްސުރެ ވެސް މަސައްކަތްތެރިކަމާއި ކުރެހުމުގެ ތެރެއަށް ވަންނަން ބޭނުންވެފައި ހުރީ. އެކަމަކު އޭރު މާލީ ހާލަތު އޮތް ގޮތުން އަޅުގަނޑަށް އެހާ ބޮޑު ސަޕޯޓެއް ނުލިބުނު. އެހެންވެ މި ދާއިރާއިން ކުރިއަށް ދެވޭނެ މަގެއް ތަނަވަސް ނުވެފައި ހުރީ،" އޭނާ ބުންޏެވެ.
"އެކަމަކު އަޅުގަނޑު މާލޭގައި ކިޔަވަން ހުރީއްސުރެ އުމުރުން 12-13 އަހަރުން ފެށިގެން މިހާތަނަށް އަޅުގަނޑު ގޮސް ބަލައިނުުލާ އަތްތެރި މަސައްކަތުގެ މައުރަޒެއް ނޯންނާނެ. ރަށުގައި ހުއްޓަސް އެ މައުރަޒެއްގެ ކަންކަން ބަލާލަން. އަޅުގަނޑު ހިތަށް އެރީ އެ އެއްޗެހި ބަލައިގެން އަމިއްލަ އަށް ކުރިއަށް ދާނީއޭ. ދެން, އެ އެއްޗެހި ބަލައިގެން އެއްޗެހި އުފައްދަން ފެށީ. މީހުން ކޮށްފައި ހުރި އެއްޗެހި ބަލައިގެން އެ އުފައްދަން އަޅުގަނޑަށް އުނދަގުލެއް ނުވި. އެއީ ﷲ އަޅުގަނޑަށް ދެއްވި ހުނަރެއް."
އަތްތެރި މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަނުމަށް ފަހު، ދެން އޭނާގެ ކެރިއާ ފެށީ ޓީޗަރު ކަމުންނެވެ. މަޖީދިއްޔާ ސްކޫލަށް، 1985 ގައި ވަނުންވީ ޝިޔާމްގެ އަތްތެރި މަސައްކަތް އާ މިސްރާބަކަށް ބަދަލުކޮށްލި ކަމަކަށެވެ.
ޝިޔާމް އިސްވެ ހުރެ ނިލަންދޫގައި ހިންގި ކޯހުގައި ތައްޔާރުކުރި އެއްޗެހި ބަލާލަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު
"ކިޔަވައިދިނުމުގެ ދާއިރާ އަށް ވަނީމަ އަޅުގަނޑަށް ވިސްނުނީ އަތްތެރި މަސައްކަތް ދަސްކޮށްދޭންވީއޭ ދެން. އަޅުގަނޑަށް ލިބިފައި ހުރި ހުނަރެއް އެހެން ބަޔަކަށް އުނގައްނައިދޭންވީއޭ. އަނެއްކާ އަޅުގަނޑަށް ވިސްނުނީ އެކަން ފަށަން ވީހާ އަވަހަކަށް،" އޭނާ ބުންޏެވެ.
އެކަމަކު، މާލެ ދޫކޮށްލައި 1992 ގައި އޭނާ ރަށަށް ރަށަށް ބަދަލުވި އެވެ. އޭރު އޭނާ ބުނި ގޮތުން ރަށުގެ ތައުލީމީ ފެންވަރު ވެސް އޭރު އޮތީ އެހާ ރަނގަޅަކަށް ނޫނެވެ.
"[ރަށަށް އައިސް] ސްކޫލު ރަނގަޅު ކުރުމުގެ ތެރޭގައި ވެސް އުޅެން ޖެހިފައި އޮތީ."
އޭނާ އަކީ ދަރިވަރުންގެ ވަރަށް ބޮޑު ލޯތްބެއް ލިބުނު ޓީޗަރެކެވެ. މި ރަށުގެ އިތުރުން މާލޭގެ އެކި ސްކޫލުތަކުގައި އޭނާ ކިޔަވައިދިނެވެ. ހާއްސަކޮށް އިސްލާމާއި ގުރުއާން އަދި ދިވެހި މާއްދާ އެވެ.
"އަޅުގަނޑުގެ އުމުރުން 56 އަހަރު ފުރުނީ. އުމުރުން 13 އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އަޅުގަނޑު ޓީޗިންއެއް ދޫކޮށެއް ނުލަން. މާލޭގައި މަޖީދިއްޔާ, އަހުމަދިއްޔާ, އެމްއީއެސް, ގަލޮޅު މަދަރުސާ, ކިނާރާ ޓިއުޝަން ކުލާހުގައި ވަރަށް ގިނަ ދުވަހު ކިޔަވައިދޭން އުޅުނިން،" އަމިއްލަ ގޭގައި މިހާރު ވެސް ގުރުއާން ކުލާސްތަކެއް ހިންގާ ޝިޔާމް ބުންޏެވެ.
"އަޅުގަނޑަކީ ކުރަހާ މީހެއް. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މި ގޭގެ ބޭރުގައި ހުރި ކުރެހުންތައް ވެސް، އެއީ އަޅުގަނޑު ކުރަހާފައި. މަސައްކަތްތެރިކަމުގެ ގޮތުން އަޅުގަނޑަށް ދެންނެވިދާނެ ރަންރިހީގެ މަސައްކަތް ފިޔަވައި އަޅުގަނޑަށް ނޭނގޭ ކަމެއް ނޯންނާނެއޭ."
ޝިޔާމް، ނިލަންދޫގައި ހިންގި ކޯހުގައި ދަރިވަރުން ތައްޔާރުކުރި ބައެއް އެއްޗެހި -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު
ޝިޔާމް ބުނި ގޮތުގައި، އޭނާ އަކީ އެއް ކަމަކަށް ހުސްވެގެން ހުރި މީހެއް ކަމަކަށް އޭނާ އަށް ދުވަހަކު ވެސް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު މިހާރު އޭނާގެ އަމާޒަކީ، ދުވަހުގެ ބޮޑުބައި މީހުން އުފެއްދުމުގެ ތެރޭގައި ހޭދަކުރުމެވެ.
"މި ދާއިރާ އަށް އަޅުގަނޑު ތަމްރީނުތަކެއް ރަސްމީކޮށް ފެށީ 2019 ގައި. ދެޙާސް ސަތާރައިގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް މިކަހަލަ ޕްރޮގްރާމެއް ހިންގިން. އޭގެ ކުރިން ބިލެއްދޫގައި ވެސް ޕްރޮގްރާމެއް ހިންގިން. އަދި އައްޑު އަތޮޅު އަންހެނުންގެ ކޮމެޓީގެ އެދުމުގެ މަތިން އައްޑޫގައި ވެސް 2015 ގައި ޕްރޮގްރާމެއް ހިންގިން. އިހަކަށް ދުވަހު ނިލަންދޫގައި ވެސް މި ނިންމީ ލެވެލް 3ގެ ކޯހެއް،" އޭނާ ބުންޏެވެ.
އެކި ރަށްރަށުގައި ހިންގި ކޯސްތަކުން ޝިޔާމަށް އެނގުނު އެކައްޗަކީ ރަށްރަށުގައި ވަރަށް ތޫނުފިލި މީހުން ތިބި ކަމެވެ.
"އައްޑޫ ކަހަލަ ތަންތަނުގައި ޕްރޮގްރާމެއް ހިންގާލީމަ އަޅުގަނޑަށް ވިސްނުނީ އެކަހަލަ އަތޮޅެއްގައި މީހުން އުފެއްދިއްޖެ ނަމަ މިއީ އިގްތިސާދީ ޗެއިނަށް އިތުރުކޮށްލެވިދާނެ ބޮޅެކޭ،" ޝިޔާމް ބުންޏެވެ.
"އަޅުގަނޑަކީ ކަމެއް ނެތަސް ވަރަށް ގިނަ ސުވެނިއާ ޝޮޕްތަކަށް ވެސް ވަދެ އުޅޭ މީހެއް. ސުވެނިއާ ޝޮޕްތަކުން މި ފެންނަނީ ބޭރުން އެއްޗެހި އުފައްދާލައިގެން ރާއްޖޭގެ އުފެއްދުންތަކުގެ ނަމުގައި ވިއްކާތަން. އަޅުގަނޑުމެންނަށް އެ އެއްޗެހި އުފެއްދޭނެ. ކުރަން ޖެހޭ ކަމަކީ އެ އުފައްދާނެ މީހުން ހޯދުން."
ޝިޔާމް، އޭނާ ގޭގެ ބޭރުގައި ކުރަހާފައި -- ފޮޓޯ: މިހާރު
އެކަން ފުޅާ ދާއިރާއެއްގައި ކުރަން ނިންމައި, ކަމާ ބެހޭ ފަރާތްތަކާ ޝިޔާމް ވާހަކަ ދެއްކި އެވެ. އޭގެ ނަތީޖާ އަކީ އޭގެ މޮޑިއުލެއް ތައްޔާރުކޮށް، ޓިވެޓަށް ހުށަހަޅައި އެ ކޯސްތައް އެމްކިޔޫއޭ ގަބޫލުކުރާ ކޯސްތަކަކަށް ބަދަލުވުމެވެ.
"މިއީ އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނަކީ،" އޭނާ ބުންޏެވެ.
ސެޓްފިކެޓް ލެވެލް 4 އާ ހަމައަށް ހިންގާ އެ ކޯސްތަކުގައި 120 ބާވަތެއްގެ އެއްޗެހި އުފައްދަން ދަސްކޮށްދެ އެވެ. އޭގެ އިތުރުން އެކްރިލިކް، ތްރީޑީ އާޓް, އޮއިލް ޕެއިންޓިން, އެއާ ބްރަޝް ޕެއިންޓިން ދަސްކޮށްދިނުން ވެސް ހިމެނެ އެވެ.
"އަދި ލަކުޑި ލިޔުން، ކުދިކުދި އެއްޗެހިން ފެށިގެން މަލާފަތް އަދި ވާސް ލިޔުމާ ހަމައަށް. އަދި އުކާލާ ބާވަތްތައް ބޭނުންކޮށްގެން ތަފާތު އެއްޗެހި ވެސް ހަދަން ދަސްކޮށްދެން. ވަރަށް ގިނަ ސްކިލްތަކެއް މި ހިމެނެނީ މީގައި."
ރާއްޖޭގައި ޓޫރިޒަމް ފުޅާވަމުން އަންނަ އިރު އަތްތެރި މަސައްކަތުގެ ދާއިރާ އަށް ވަރަށް ބޮޑު މާކެޓެއް އޮތް ކަމަށް ޝިޔާމް ބުންޏެވެ. އޭނާ ބުނި ގޮތުގައި، މޮޑިއުލް ހެދިއިރު، އޭނާ އެއްކުރި މައުލޫމާތުތަކުން، މައްސަލައަކަށް ވީ އެއް ކަމަކީ ދިވެހި އުފެއްދުންތަކުގެ އަގު ބޮޑު ކަމެވެ. އެކަމަކު، އެއީ ހައްލު އޮތް ކަމެއް ކަމަށް އޭނާ ބުންޏެވެ.
ޝިޔާމް އޭނާގެ ގޭގައި ހަދާފައިވާ ވޯކްޝޮޕްގައި -- ފޮޓޯ: މިހާރު
"އަޅުގަނޑު މި މަސައްކަތް ކުރަނީ [ބޭރުން އެތެރެކުރީމަ ޖެހޭ] ރޭޓުގައި ހިފަހައްޓަން. އެކަމަކު ސީދާ އެ ރޭޓުގައި ނުލިބުނަސް ދާދި އެއް އަގެއްގައި އެ ވިއްކޭނެ ނިޒާމެއް ގާއިމްކުރެވޭތޯ މި ބަލަނީ،" އޭނާ ބުންޏެވެ.
"މިސާލަކަށް ތަޅުދަނޑިލާ އެއްޗެހި އަޅުގަނޑު ހަދާފައި އެބަ ވިއްކަން. މި ވިއްކަނީ 25ރ. އަށް. ދުވާލަކު 50 އެތި އަޅުގަނޑަށް ހެދޭނެ. އަޅުގަނޑުމެންނަކަށް އެވަރަކުން ވެސް ގެއްލުމެއް ނުވާނެ. އެއީ ދެމެހެއްޓެނިވި ގޮތަށް އެކަން ކުރެވޭނެ ގޮތަކީ ވެސް."
"މާކެޓް އެބައޮތް. މިހާރު ވެސް އަޅުގަނޑަށް އެކި ދިމަދިމާލުން އޯޑަރުތައް އެބަލިބޭ. އެކަމަކު އަޅުގަނޑު އެކަންޏަކަށް ނުވެއް ހިފެހެއްޓޭނެ. މީހުން އުފައްދައިގެން މިކަން ވާން އޮތީ. މިހާރު މާކެޓް ކުރެވޭނެ ގޮތްތައް އެބަހުރި. ސޯޝަލް މީޑިއާ ވެސް އީޓުކުރި ވެސް އަދި އިކޮނޮމިކް މިނިސްޓްރީގައި ވެސް އެކަން އެބަ އޮތް ކުރެވޭ ގޮތަށް."
ޝިޔާމް ބުނި ގޮތުގައި އަތްތެރި މަސައްކަތް ރާއްޖޭގައި އޮތީ، އަޅާނުލެވި އެވެ. އޭގެ ބައެއް މިސާލުތަކަށް އޭނާ ދިޔަ އެވެ.
"އަޅުގަނޑުމެން ކުޑައިރުއްސުރެ ވެސް އަޑުއަހަން. ރާއްޖޭގައި ލިޔެލާ ޖަހަން އެންމެ މަޝްހޫރީ ތުޅާދޫ ކަމާއި ރަންރިހީގެ މަސައްކަތަށް ރިނބުދޫ އަދި ކުނާވިޔަން ގައްދޫކަން. ބައްލަވާ އޭގެ ފަހުން ވެސް 50 އެތައް އަހަރެއްވީ. އަދިވެސް އެ ތިން ރަށް ހަމަ. މާނައަކީ ރާއްޖޭގައި ކީއްވެގެންހެއްޔޭ އެކި ކަންކޮޅުތަކުގައި އެކަން ނުކުރެވެންވީ."
ޝިޔާމް އޭނާގެ ގޭގައި ހަދާފައިވާ ވޯކްޝޮޕްގައި: އޭނާ އަކީ މަސައްކަތްތެރިއެއް
"އަނެއް ކަމަކީ ސްކޫލުތަކުގައި ކޮބައިހެއްޔޭ ކްރިއޭޓިވް އާޓް ނުކިޔަވައިދޭ ދުވަސްވަރެއް. އެކަމަކު ގިނަ ސްކޫލުތަކުގައި އެބަތިބިތޯ ކްރިއޭޓިވް އާޓްގެ ސެޓްފިކެޓް އޮތް ޓީޗަރެއް. ނެތް. މި ދާއިރާ އިން ސެޓްފިކެޓް ނަގައިގެން ކިޔަވައިދޭ މީހުން ސްކޫލުތަކުގައި ކިޔަވައިދެންޏާ އަޅުގަނޑަށް ހަމަ ހީވަނީ މިކަން ރާއްޖޭގައި ފުޅާކުރެވިދާނެއޭ."
އެކަމަކު އެ ހިސާބަށް ދާން ޝިޔާމަށް ފެންނަނީ ހުރަސްތަކެވެ.
"ފަރުދީ ގޮތުން އަޅުގަނޑު އެކަންޏަކަށް އެކަމެއް ނުވާނެ. އެކަމަކު އަޅުގަނޑަށް ވީ ވަރަކުން އެކަން ކުރާނަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދު1
03 April 2023
ޝިޔާމްސޯ އަކީ ވަރަށްރީތިކޮށް ކުރަހާމީހެއް ، އަޅުގަނޑަކީ މަޖީދިއްޔާއިން ކިޔެވި ދަރިވަރެއް ، އަޅުގަނޑުގެ އިސްލާމްޓީޗަރ އެއީ ، ވަރަށްރީތިކޮށް ތާނަވެސްލިޔާނެ ބޮޑުއަކުރުންވެސް ލިޔާނެ. އަހަރެން މިސާލު ނެގި ޝަހުސިއްޔަތެއް ޝިޔާމްސޯ އަކީ. ޝިޔާމްސޯ އަކީ ވަރަށް ސްމާރޓް ކޮށް ހުރިމީހެއް ، ހައިރާންވެއްޖެ ފެނިފަ ތިހާބޮޑު ބަދަލެއްއައިސްފަ ހުރުމުން. އަހަރެން އިންތިޒާރު ކުރާ ވަގުތަކީ އިސްލާމް ގަޑި ބޯޑުގަ ޗޯކުން ބޮޑުއަކުރުން ތާނަ އިން އިސްލާމް ލިޔެލާނެ އާ ފޮންޓަކަ
ރަދީފު ބިން ރަފައިދާ
03 April 2023
މިލިޔުން ކިޔާލުމުން އެނގުނުއެއްޗަކީ ޝިޔާމަކީ ފަސްމީރުކުރިރުކެއްކަން.
ބާރުގަދަމީހާ
03 April 2023
ހިތާމައިގެ ކޮޅެއް ނެތެެވެ.މިދިޔަ 10 ވަރަކަށް އަހަރުތެރޭގާ ބާރުގަދަ ބަޔަކު ސަރުކާރުގާ ތިބެ ކުރިއޭޓިވް އާޓްސް އާއި، އެހެނިހެން އާޓްސް، ފަންނުތައް ސްކޫލް ތަކުގަ ކިޔަވާދިނު މަށް އެބަ ހުރަސް އަޅައައެވެ އެމީހުން ފަތުރާ ޕްރޮޕެގެންޑާގެ ދަށުން ގިނަ ކާމިޔާބުތައްވެސް ހޯދާފިއެވެ.ތިނޫނަސް ދިވެހިންގެ ކްރިއޭޓިވް ތިންކިންގ،ކްރިޓިކަލް ތިންކިންގ ރޮގުން،އަމިއްލަ ސިކުޑިން ކަންކަން ހޯދާ ވިސްނުމުގެބާރު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. ޝިޔާމްގެ މަސައްކަތަށް މަރުހަބާ
ވޯލް
03 April 2023
ރާއްޖޭގެ މިހާތަނަށް އައި އެއްވެސް ސަރުކާރަކުން މިފަދަ ދިވެހި ވަންތަ ކަންކަން ތަރައްޤީ ކުރަން ކުރި އެންމެ މަސައްކަތެއްވެސް ނެތް. އޭރެއްގައި ހުންނަ ޓޫރިޒަމް މިނިސްޓަރަކަށް ޓޫރިޒަމްގެ އަސްލުނަފާ ގެނެސްދޭން ނޭންގޭ. ބޮޑު ހެރިޓޭޖް މިނިސްޓްރީއެއް އޮވޭ އެޑިއުކޭޝަން މިނިސްޓްރީއެއް އޮވޭ. ދައުލީމީ އުމުރަކީ މިފަދަ ކަންކަމަށް ކުދިންގެ ހިތްޖައްސާ މި ދާއިރާއިން ކުދިން މިނާ ކުރެވޭނެ އެންމެ ފަސޭހަ މަގު. އެކަމަކު މާލެގެ އެންމެ ސްކުލެއްގައިެވެސް މިފަދަ ކަމެއްނެތް.