21 އެޕްރީލް 2023 - 07:04
އެއްބަނޑުއެއްބަފާ އަދި އާއިލީ ގުޅުންތައް ހީނަރުވަމުންދާ މި ޒަމާނުގައި، ފ. މަގޫދޫ ރަބީއުގޭގެ މި ތިން އަންހެނުން ދައްކައިދެނީ ތަފާތު މިސާލެކެވެ. ގިނަ ބައެއްގެ އެހީތެރިކަމަކާ ނުލައި އަމިއްލައަށް ކޭކު އަޅައި، ހެދުން ފަހައިގެން އާމްދަނީ ވެސް ހޯދިދާނެ އެވެ.
އެކަމަކު، މި ތިން މީހުން މި މަސައްކަތް ކުރަން ބޭނުންވީ އެންމެން ގުޅިގެންނެވެ. އެކަކު، އަނެކެއްގެ އެންމެ ބޮޑު އެހީތެރިޔާ އަށް ވެގެންނެވެ.
ހަތަރު މީހުން ތިބޭ އާއިލާގައި ދޮއްޓަށް ހުރި އައިޝަތު ޔުމްނާ (ތިއްތަ) ހެދުން ފަހަ އެވެ. ހަގަށް ހުރި ފާތިމަތު ސައްޔަ (ކުޑާ) އަޅަނީ ކޭކެވެ. އެ ދެ މީހުންގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ދެ ވަނައަށް ހުރި ފާތިމަތު ދުންޔާ އެވެ. ޔުމްނާ ފަހާ ހެދުމާއި ސައްޔަ ހަދާ ކޭކު ޖަރީކޮށްދީ، ޑިޒައިންކޮށްދެނީ އޭނާ އެވެ. ކައިވެނީގެ ރަނާއި ހެޑް ބޭންޑު ފަދަ އެއްޗެހި ހެދުމަކީ ވެސް ދުންޔާގެ ހުނަރެކެވެ.
ޔުމްނާ ބުނާ ގޮތުން ތިން މީހުންގެ ބައިވެރިވުމެއް ނެތި އެއްވެސް މަސައްކަތެއް ނުނިންމާނެ އެވެ. އެއްބަނޑު އެއްބަފާ ކަމުގެ އިތުރަށް މި ތިން މީހުން ވެސް ދެކެނީ އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގަ އެވެ.
"ތިން މައިގަނޑު ތަނބޭ ބުނާ ކަހަލަ ގޮތަކަށް. އެއްޗެއް ފުރިހަމަވަނީ ތިން މީހުން ވެގެން." ދުންޔާ، 38، ބުންޏެވެ.
ދުންޔާ ހަދާފައިވާ ބޭންޑުތަކެއް.
ދުންޔާ ބުނީ އެންމެ ބޮޑު ދައްތަ އެ މީހުންނަށް އަޅާލަނީ މަންމައެއް ގޮތަށް ކަމަށެވެ. އެންމެން ބައިވެރިނުކޮށް އެއްވެސް ކަމެއް ޔުމްނާ ނުކުރެ އެވެ. އެ ގުޅުން ދުންޔާ ސިފަކުރަނީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ އެވެ.
"ތިއްތައަކީ ބެސްޓްފްރެންޑު ގޮތަށް ގިނަ ފަހަރަށް ބެލެނީ. ކޮންމެ ކަމެއްގައި ވެސް ޝެއާކުރަން ބޭނުންވާނީ ތިއްތަ ނޫނީ ކުޑާއާ... އެ ގުޅުން އިންނާތީ ކަންނޭނގެ، ބެސްޓްފްރެންޑު ގުޅުން އިންނަންޏާ އެ ކަނެކްޝަން ތަންކޮޅެއް ބޮޑުވާނެ ކަންނޭނގެ އެއްބަނޑު އެއްބަފާ މީހުންނަށް ވުރެ." އޭނާ ބުންޏެވެ.
ކަމެއް ދިމާވާ ދުވަހު ހުންނާނީ އެއްބަނޑުއެއްބަފާ މީހުން ކަމަށް އަބަދު ވެސް ހަނދާން ކުރާތީ އެ ގުޅުމުގައި ހާއްސަ ކަމެއް އޮންނަނީ ކަމަށް ޔުމްނާ ބުނެ އެވެ.
ކައިވެނި ހަފުލާ ފަދަ ބޮޑު މަސައްކަތެއް ކުރާނަމަ އެ ހުރިހާ ކަމެއް ކުރާނީ ތިން މީހުން އެއްކޮށެވެ. ވެޑިން ހެދުމެއް ނުވަތަ ކޭކެއް ހެދިއަސް ތިން މީހުން އެއް ނުވެ މަސައްކަތް ފުރިހަމަ ނުވާ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
ހެދުމެއް ޖަރީކުރުމުގައި ސައްޔަ (ކ)، ޔުމްނާ އަދި ދުންޔާ (ވ) އުޅެނީ.
މި ތިން މީހުންގެ މަސައްކަތް އާއްމުންނަށް ދޫކޮށްލަނީ ހަގަށް ހުންނަ އިކްރާމް އަހުމަދާއި ތިން މީހުންގެ ނަން ފެށޭ އަކުރު ހިމަނައިގެން ހަދާފައިވާ "ޑެއިޒީ" ފޭސްބުކް ޕޭޖުންނެވެ.
މި ރަށާއި އަތޮޅުގެ އެހެން ރަށްތަކަށް ވެސް މި މީހުންގެ ގުޅުމުގެ ހާއްސަކަން އެނގެ އެވެ.
"އަޅުގަނޑު ކައިރީގައި ބުނި ކަމުގައި ވިޔަސް އެ މަސައްކަތް ކުޑާ ކުރާތީ އަޅުގަނޑަށް ވެސް ދޭނެ ހަމަ. މިހާރު ވެސް ގިނަ މީހުން ގުޅާތީ ތިއްތައަށް، ތިއްތަ އެ މަސައްކަތް ކުރަން ފެށީމަ. ތިއްތަ ބުނާނީ ކުޑާ ކައިރީގައި، އޭގެ ލާރި ކުޑާއަށް ލިބޭނީ. ޑިޒައިންކުރުމާ މި ކަންތައްތައް ކޮށްދެނީ ކުޑާއަށް ކޮށްދޭ ކަމެއްގެ ގޮތުގައި." ޔުމްނާ ބުންޏެވެ.
މި ގޭގައި އެ ހުރިހާ މަސައްކަތެއް އެންމެ ފުރަތަމަ ފެށީ ޔުމްނާ، 41، އެވެ. ގޭގައި ހަ ދަރިން ބަލަމުން ހެދުން ފަހައި ކޭކު އެޅި އެވެ. އޭރު އޭނާ ކުރަމުން ދިޔަ މަސައްކަތްތަކަށް ސައްޔަ އެހީތެރިވެ އެވެ. އެކަމަކު، އެ މަސައްކަތްތަކުން ކުޑަކޮށް އެއްފަރާތްވެ، 2019 އިން ފެށިގެން ކޭކު އަޅަމުން އަންނަނީ ސައްޔަ އެވެ. އޭގެ ފަހުން މިހާތަނަށް 300 އަށްވުރެ ގިނަ ކޭކު އެޅިއްޖެ އެވެ.
"ތިއްތަ ނަމޫނާއަކަށް ބަލައިގެން، ތިއްތަ ފަހަތުން އުޅެމުން އެކަން އަޅުގަނޑުމެން ފެށީ. ވަކި ހިސާބަކުން ތިއްތަ އަޅުގަނޑުމެން ދެ މީހުންނަށް ދޫކޮށްލާފައި، އަޅުގަނޑުމެންނަށް އަތްގާތް ކޮށްދޭން ތިއްތަ މަސައްކަތް ކުރަނީ." ސްކޫލުގައި ލީޑިން ޓީޗަރަކަށް އުޅޭ ދުންޔާ ބުންޏެވެ.
ޔުމްނާ ބުނީ އޭނާ ވެޑިން ޑްރެސް ފަހަން ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިން ކަމަށެވެ. އޭގެ ކުރިން، ވެޑިން ޑްރެސް ފަހައިގެން މި ރަށުގައި ޕާޓީތައް ބޭއްވުން އެހާ އާއްމެއް ނޫނެވެ. އެކަމަކު، 200ރ. އަށް ހެދުން ފަހައިދޭން ފެށުމުން ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް، ހަ ކުދިންގެ މަންމަ ބުންޏެވެ. މަސައްކަތް ބާރު ސްޕީޑުގައި ގެންދެވުނީ އޭގެ ފަހުންނެވެ.
ދެބެއިންގެ ދެދަރި ކޮއްކޮއެއްގެ ވެޑިންނަށް ފެހި ހެދުން. މިއީ، ތިން މީހުންގެ މަސައްކަތް.
ކޭކުތަކުގެ ތެރެއިން މި ފަހަށް އައިސް ގިނައިން ލިބެނީ ވެޑިން ކޭކާއި ވެޑިން ޑިޒާޓް ޓޭބަލް ހެދުމަށެވެ. އެއީ ވެސް، މި ތިން މީހުން މި ރަށުގައި ފެށި ކަމެކެވެ.
އެގޮތަށް ފުރަތަމަ ޑިޒާޓް ޓޭބަލް ހެދީ ފިރިހެން ކޮއްކޮ އިކްރާމްގެ ކައިވެނި ޕާޓީއަށެވެ. އޭރު މި ތަނުގައި ބޭއްވި ކައިވެނި ޕާޓީތަކަށް ފަހަނީ ހެދުން އެކަންޏެވެ. ޑިޒާޓް ޓޭބަލް ނުވަތަ ކޭކު އުޅުމެއް ނޯވެ އެވެ. އެކަމަކު، އިކްރާމްގެ ކައިވެނި ހަފުލާ ފުރިހަމަ ކުރަން ތިން މީހުން ވެގެން ޑިޒާޓް ޓޭބަލް ހަދަން އަހަރެއް ކުރިން ތައްޔާރުވެ، ހެދި ޑިޒާޓް ޓޭބަލް އަށްފަހު މި ރަށުގައި ވެސް ކައިވެނި ހަފުލާތަކަށް ޑިޒާޓް ޓޭބަލް ހަދަން ފަށާފައިވާ ކަމަށް ދުންޔާ ބުންޏެވެ.
ތިން މީހުން ބައިވެގެން އަޅާފައިވާ ކޭކެއް.
"ތިން މީހުން އިންވޯލް ނުވެ އަދި އެއްވެސް ކަމެއް ނިންމާފައިނުވާނެ. ކައިވެނީގެ ރަން ހެދިއިރު ވެސް ތިން މީހުންގެ އިންވޯލްވްމަންޓް އޭގައި އިންނާނެ." އޭނާ ބުންޏެވެ.
ހެދުމެއް ފަހައި ނިންމައި ނުވަތަ ކޭކު އަޅައި ނިންމުމަށްފަހު އެ ޖަރީކުރަން އެ ދެ މީހުން ޔުމްނާއަށް ގުޅާނެ އެވެ. ސްކޫލުގެ މަސައްކަތްތައް މެންދުރު ފަހު 3-4 ހާއިރު ނިމޭއިރު، ހުންނަނީ އެ ކަންތައްތައް ހަމަޖެހިފަ އެވެ. ކޮންމެ މީހަކު ވެސް ވަކިން ހެދުމެއް ނުވަތަ ކޭކެއް ހެދިއަސް، އެ މަސައްކަތް ނިންމުމަކީ އެންމެން އުފަލުން ކުރާ ކަމެކެވެ.
"ކުރެހުމާއި އެ ކަހަލަ ކަންތައްތަކަކީ އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް. އެއްޗެހި ޑިޒައިންކުރުމާއި ސްކޫލުގައި ވެސް އާޓް ޓީޗަރަކަށް ވެސް ވަރަށް ގިނަ ދުވަހު އުޅުނީމައާ ވަރަށް ކުރީއްސުރެ އެކަމަށް ޕެޝަން އިނދޭ. ކުރެހުން އެއީ ވަރަށް ކުރާހިތްވާ ކަމެއް ވީމަ އެކަމުގެ ތެރެއިން ތިއްތަ އާއި ކުޑާގެ މަސައްކަތުގެ ތެރެއަށް ވަދެވުނީމީ، ހެލްޕަރެއްގެ ގޮތުގައި ޑިޒައިންކުރަން ފެށީމީ." ދުންޔާ ބުންޏެވެ.
"އެގޮތަށް ތިން މީހުންގެ މަސައްތަކަށް ވެފައި އިންނަނީ. ކޭކު އެޅިޔަސް، ވެޑިން ޑްރެސް އެއް ފެހިއަސް. ވެޑިން ޑްރެސް ވެސް ފަހާއިރު އޭތި ޑިޒައިންކުރުމާއި މި ކަހަލަ ކަންތައްތައް އަޅުގަނޑު ބައިވެރިވެގެން ދެބެއިން ވެސް ކުރާނީ. ކޭކު އެޅުން ވެސް، ކޭކު އަޅާފައި ތިން މީހުން ވެގެން ޑިޒައިންކުރުމާއި އަޅުގަނޑުގެ ހިޔާލަށް ނޫނީ ކުޑާއެއް ވެސް އަދި ތިއްތައެއް ވެސް ނުކުރާނެ. ތިން މީހުން ވެގެން މިކަން މި ކުރަނީ."
ތިން ބެއިން، އެ މީހުންގެ މަންމަ އާއި ބައްޕައާއެކު.
އާމްދަނީ ހޯދަން ކުރާ މަސައްކަތުން ލިބޭ އާމްދަނީ އެންމެންގެ މެދުގައި ބަހާލަ އެވެ. ރަނގަޅަށް މަސައްކަތް ކުރާ ދުވަސްވަރެއް ނަމަ ގާތްގަނޑަކަށް 2،000-2،500ރ. ވެސް މަހެއްގެ މައްޗަށް ލިބެ އެވެ.
އެކަމަކު، ސައްޔަ ބުނީ ރަށުގައި ވުމުން ހަމަ ކޭކު އަޅާ ލާއިރަށް ވަގުތުން އޭގެ ރުފިޔާ ނުދޭ ކަމަށެވެ. ދެވޭ ދުވަހަކުން ދެނީ އެވެ. ބައެއް ފަހަރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ވެސް ކޭކަށް ރުފިޔާ ދައްކާފައި އެބަ ހުއްޓެވެ.
އެއް މަހެއްގައި 16 ކޭކު އަޅާފައި އެބަހުއްޓެވެ. މި ރަށުގެ އިތުރުން ކައިރި ރަށްރަށުން ވެސް އޯޑަރު ލިބެ އެވެ.
ދުންޔާ ބުނީ ރަނގަޅަށް ވަގުތު ވާނަމަ މި މަސައްކަތް މިއަށްވުރެ ފުޅާ ކުރެވޭނެ ކަމަށެވެ. ބައެއް ދުވަސް ދުވަހު 3-4 ކޭކު ވެސް އަޅާފައި އެބަހުއްޓެވެ. ވެޑިންތަކުގެ އިތުރުން މުނާސަބުތަކަށް ވެސް އެއްފަހަރާ 10-12 ހެދުން ފަހައިދެ އެވެ.
ޑިޒާޓް ޓޭބަލް އަކަށް ވިޔަސް ތިން ދުވަހުން މަސައްކަތް ނިންމާލެވެ އެވެ. ވެޑިން ހެދުމެއް ވިޔަސް ދެ ތިން ދުވަހުން ނިންމާލެވުނަސް އޭގެ ބުރަ މަސައްކަތަކީ މިނާ ފުށާއި ފާޑުފާޑު އެއްޗެހި ހަރުކުރުމެވެ.
އެ ތިން މީހުން ވެގެން އެންމެ ބުރަ މަސައްކަތް ކުރަނީ ދެބެއިންގެ ދެދަރި ކޮއްކޮއެއްގެ ވެޑިން އަކަށެވެ. މި މީހުންނަށް އާ ޑިޒައިނަކަށް ހެދުން ފަހަން ޖެހުމުން އުނދަގޫތަކާ ދިމާވި އެވެ. އެއްވެސް ޓްރެއިނިންއެއް ނުހަދާތީ އެ ހުރިހާ ކަމެއްގެ ހައްލު ހޯދީ ތިން މީހުންގެ ވިސްނުމާއި އިންޓަނެޓުން މައުލޫމާތު ހޯދައިގެންނެވެ.
ޔުމްނާ ބުނީ ތިން މީހުންގެ މަސައްކަތް ފުޅާކުރަން ބޭކަރީއެއް ހަދަން ވެސް ވިސްނި ކަމަށެވެ. ހެދުން ފެހުން ވެސް ކުރިއަށް ޖައްސާލުމަށް ފަހާ ތަނެއް ހުޅުވުމުގެ އުއްމީދު އެބައޮތެވެ. އެކަމަކު، އެފަދަ ތަނެއް ހަދަން ބޮޑު ހަރަދެއް ކުރަންޖެހެ އެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކަން ހާސިލްވާނެ ކަމުގެ އުއްމީދު އޭނާ އެބައޮތެވެ.
ނަމަވެސް، އަމިއްލަ ގޭގައި އެ މަސައްކަތް ކުރިޔަސް ލިބުނު ބޮޑު ކާމިޔާބީއަކީ މީހުންގެ އިތުބާރު ލިބުމެވެ. ކޭކު އަޅަން ނުވަތަ ހެދުމެއް ފަހަން ވިޔަސް އަމިއްލަ ޑިޒައިނަކަށް އެ ފުރިހަމަ ކުރުމުގެ ބާރު އެ މީހުންނަށް އޮންނަނީ ދީފަ އެވެ. ދުންޔާ ބުނާގޮތުން އެ ފުރުސަތު ލިބެނީ ވެސް މީހުން އިތުބާރުކުރާތީ އެވެ. މި މަސައްކަތުގައި ލިބޭ އުފަލަކީ ވެސް އަދި އެންމެ ބޮޑު ކާމިޔާބީއަކީ ވެސް އެއީ ކަމަށް އޭނާ ބުނެ އެވެ.
"ވަކި ދުވަހަކަށް ފަހަން ބުނެފަ ދެން ނުބަލާނެ އެ ދުވަހަށް ހެދުން ނިމޭތޯއެއް. އޭގެ ބަދަލުގައި އެ ދުވަހު އަންނަނީ ހެދުން ނަގަން."
"އެ އިތުބާރު އޮންނާތީ އެއީ." ޔުމްނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
22 April 2023
''އެކަމަކު، ސައްޔަ ބުނީ ރަށުގައި ވުމުން ހަމަ ކޭކު އަޅާ ލާއިރަށް ވަގުތުން އޭގެ ރުފިޔާ ނުދޭ ކަމަށެވެ. ދެވޭ ދުވަހަކުން ދެނީ އެވެ. ބައެއް ފަހަރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ވެސް ކޭކަށް ރުފިޔާ ދައްކާފައި އެބަ ހުއްޓެވެ.'' ދިވެހިންގެ އަސްލު ސްޓައިލް
ޖުހާނާ
21 April 2023
އެ ހުރިހާ މަސައްކަތެއް 3 މީހުންވެގެން ކުރީމާ މަހެއްގެ މައްޗަށް މި ލިބެނީ 2000 ނުވަތަ 2500 ރުފިޔާޔޯ؟
ހައްޕު
21 April 2023
2500 ރުފިޔާ ތިކަމަށް މަދު. ރަށެއްގާވިއަސް މިވަރު މިހާރު މާމަދު. އެރަށުމީހުން ރުޅިއަންނާނެ މިހެން ލިޔުނީމަ. އެކަމަކު މިޒަމާނުގެ ހައްްގު އަގު ލިބެންވާނެދޯ!
ނަން.
22 April 2023
އާބާދީއެއް ނެތި އިގްތިސާދެއް ނުހިނގާނެ. އެއީ ރާއްޖޭގެ އެންމެ ކުދި ރަށްތައް އެއްފަސްކުރަންވީ އެންމެ ބޮޑު އެއް ސަބަބު.
ހެދިކާ
22 April 2023
އެއީ އަދި ގޭބަދިގެން ނަގާ ސާމާނަށް އަގުނަހަދާ! ހެހެ
ކާއްޑަ
21 April 2023
އެކުވެރިކަމަކީ ގަދަފަދަ ބާރެއް.
ކޮރަލް
21 April 2023
ސަރުކާރާ މިނިސްޓްރީ ތަކާ ވިޔަފާރި ވެރީން މިފަދަ ހުނަރު ހުރި މީހުންނަށް އިންވެސްޓް ކޮށް ދީ ބަލާށެވެ. ގައުމު ކުރިއަށް ދާނެ އެވެ .