ވިޔަފާރި / ކްރޮސްރޯޑްސް

ހާޑްރޮކްގައި، މަސް ދުވަހުގެ ހެލްތު އެންޑް ފިޓްނަސް ފެސްޓިވަލެއް

ހާޑް ރޮކް ރިސޯޓުގެ މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ހާޑް ރޮކް

މޯލްޑިވްސް ކްރޮޮސްރޯޑްސްގައި ހުންނަ ހާޑްރޮކް ރިސޯޓުގައި "ރޮކް އެންޑް ސޯލް މަންތް"ގެ ނަމުގައި ހެލްތް އެންޑް ފިޓްނަސް ފެސްޓިވަލެއް ފަށައިފި އެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ފެސްޓިވަލް ނިމޭނީ އަންނަ މަހުގެ ހަތެއްގަ އެވެ.

ހާޑްރޮކް އިން ބުނި ގޮތުގައި، އެއީ އެންމެންނަށް ވެސް ބައިވެރިވެވޭނެ ފެސްޓިވަލަކަށް ހެދުމުގެ ގޮތުން އެކި އިންޓެންސިޓީތަކުގެ އެކި ހަރަކާތްތައް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އިރުއެރީއްސުރެ އިރުއޮއްސެންދެން ދުވުމާއި ބީޗް ޔޯގާ އާއި މާޝަލް އާޓްސް އާއި ސެލްފް ޑިފެންސާއި ޑާންސް ފިޓްނަސް އާއި އޭރިއަލް އާޓްސް އަދި އަކުއާ ޖިމް ހިމެ އެވެ. ސްޓްރެންތް ސެޝަނާއި ނިއުޓްރިޝަން އަދި ލައިފްސްޓައިލްގެ މައުލޫމާތު ދޭ ކްލާސްތަކާއި ސްނޯކްލިން ވެސް އޮންނާނެ އެވެ.

ފެސްޓިވަލުގައި މަދުވެގެން ދެ ޕްރޮގްރާމެއްގައި ކޮންމެ ދުވަހަކުވެސް ބައިވެރިވުމަށް އެ ރިސޯޓަށް ދާ ގެސްޓުންނަށް ހިތްވަރު ދޭނެ ކަމަށް ކްރޮސްރޯޑްސް އިން ބުންޏެވެ. ގެސްޓުންނަށް އެ މީހަކު ބޭނުން ޕްރޮގްރާމްތަކެއް ހިމަނައިގެން ފިޓްނަސް ތަޖުރިބާ ކަސްޓަމައިޒް ކުރެވޭނެ އެވެ.

ފެސްޓިވަލަށްޓަކައި ހާޑްރޮކް އިން ވަނީ މޮބިލިޓީ އަދި ސްޓްރެންތް ޓްރެއިނިންގެ ތަޖުރިބާކާރު ޑެނީ އޮ ސަލަވަން އާއި ނިއުޓްރިޝަނަލިސްޓް އަދި ލައިފްސްޓައިލް ކޮންސަލްޓަންޓް ކްރިސްޓީ ވޯކާ ގެނެސްފަ އެވެ. ޑާންސް ފިޓްނަސް އިންސްޓްރަކްޓަރު އަމާންޑާ އާއި އޭރިއަލް އާޓްސް އިންސްޓްރަކްޓަރު ޒޭނިއާ އާއި ޔޯގާ އިންސްޓްރަކްޓަރު މޫޒާ އާއި ބްލެކް ބެލްޓް ބްރެޒިލިއަން ޖިއު-ޖިޓްސޫ އިންސްޓްރަކްޓަރު ރަފާ ވެސް އެ ފެސްޓިވަލުގެ ކްލާސްތައް ނަގައިދޭނެ ކަމަށް ކްރޮސްރޯޑްސް އިން ބުންޏެވެ.

ފެސްޓިވަލްގެ މުއްދަތުގައި ގެސްޓުންނަށް "އަލޯހާ ޕެކޭޖު"ގެ ނަމުގައި ހާއްސަ ސްޕާ ޕެކޭޖެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެ ޕެކޭޖުގައި 30 މިނިޓުގެ ބޮޑީ ސްކްރަބާއި އެއް ގަޑިއިރުގެ މަސާޖަކާއި 30 މިނިޓުގެ މިނީ ފޭޝަލެއް ވެސް ހިމެނެ އެވެ. އެ ޕެކޭޖުގެ އަގަކީ އެކަކަށް ނަމަ 185 ޑޮލަރެވެ. ދެ މީހަކު އެކުގައި ނަމަ 345 ޑޮލަރެވެ.

ހާޑްރޮކްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ ޔުނާން ވިދާޅުވި ގޮތުގައި ފެސްޓިވަލުގައި ކޮންމެ މީހެއްގެ ވެސް ހެލްތް އެންޑް ފިޓްނަސްގެ އަމާޒަށް ވާސިލު ކޮށްދޭނެ ކްލާސްތަކެއް ހިމެނޭނެ އެވެ. ގުދުރަތީ އެ ފަދަ ރީތި މާހައުލަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ހޯދުމަށް އެންމެ އެކަށީގެންވާ ފުރިހަމަ މާހައުލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރޮކް އެންޑް ސޯލް ފެސްޓިވަލް" މިދިޔަ އަންގާރަ ދުވަހު ފަށާފައި ވާއިރު މިދިޔަ މަހުގެ 24 އިން މި މަހުގެ ހަތަރަކަށް ކާނިވަލް ވީކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ހަފުތާ ފާހަގަ ކުރުމަށް ލަޓީނާ ތީމުގެ ހަރަކާތްތަކަކާއި ބްރެޒިލިއަން ޑިނާ އަދި މާސްކަރޭޑް ޕާޓީއެއް ވެސް ވަނީ ބާއްވައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454