ކުޅިވަރު / ގޯލްޑަން ފުޓްސަލް މުބާރާތް

ގޯލްޑަން ފުޓްސަލްގެ ސެމީ އަށް އިނގުރައިދޫ، ކުޑަހުވަދޫ، ވާދޫ އަދި ގަން

ކުއާޓާ ގެ ހަތަރު މެޗުގެ މޮޅު ކުޅުންތެރިން، (ކ-ވ) އިނގުރައިދޫ މަމްދޫހު، ކުޑަހުވަދޫ ކީޕަރު މާނިއު، ވާދޫ އިޔާދު އަދި ގަން ޓީމު ކެޕްޓަން ހުސެއިން ޝަރީފް.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ފޯރިގަދަ ކުޅުމަކަށް ފަހު ގދ. ވާދޫ، ރ. އިނގުރައިދޫ، ލ. ގަން އަދި ދ. ކުޑަހުވަދޫ އިން، މި އަހަރުގެ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކުއާޓާގެ އެންމެ މެޗެއް ފިޔަވައި ތިން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރިހަމަ ވަގުތުގެ ކުޅުމަށް ފަހު ކުއާޓާގެ މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 އިން މާފަންނު ބަލިކުރި ވާދޫ އެވެ.

ގަމާއި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ބައްދަލު ކުރި މެޗު 1-1 އިން އެއްވަރު ވެގެން ޖެހި ޕެނަލްޓީގައި ގަން ކުރި ހޯދީ 4-3 އިންނެވެ. އިނގުރައިދޫ އާއި ހދ. ނައިވާދޫ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީ ޝޫޓައުޓް އިނގުރައިދޫ ކާމިޔާބު ކުރީ 4-2 އިންނެވެ. ލަނޑެއް ނުޖެހި ބ. އޭދަފުށްޓާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ޖެހި ޕެނަލްޓީން ކުޑަހުވަދޫ މޮޅުވީ 3-2 އިންނެވެ.

ވާދޫ ޓީމުގެ ބައެއް ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މާފަންނާ ދެކޮޅަށް ވާދޫ ކުޅުނު މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީ ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ އިބްރާހިމް ޝައުފް އެވެ. ފަހު ވަގުތު ގޯލެއް ޖަހަން މުޅި ޓީމު ކުރިއަށް އަރައި އުޅުވު ވަގުތު މާފަންނަށް ސުން ކަނޑުވައިދިނީ ގޯލްކީޕަރު އިބްރާހިމް ނާޖިހް (ހޭޓް) އެވެ.

މުބާރާތް މިލްކު ކުރަން ނުކުތް ތިމަރަފުށްޓާ ދެކޮޅަށް މެޗުގެ ވަރަށް ކުރީކޮޅު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ގަން ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ އެންމެ ފަހު ވަގުތު ތިމަރަފުށްޓަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަބްދު ޒިޔާން (ޖަންކީ) އެވެ.

މުޅި މެޗުގައި ގަމުގެ ގޯލު ބެލެހެއްޓީ މުހައްމަދު ލުފްޝާން (ޕަފް) އެވެ. ނަމަވެސް ޕެނަލްޓީގައި ގޯލު ކުރިމަތީ ދިފާއަށް ހުރީ އެ ޓީމުގެ ދެވަނަ ކީޕަރު ހުޝާމް އެވެ. ޕެނަލްޓީގައި އެންމެ ފުރަތަމަ ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރިއިރު، ގަން ޓީމުގެ އަހުމަދު ހަލީމް (އަންމަޑޭ) ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ދިފާއު ކުރި އެވެ.

ޕެނަލްޓީގައި ގަން ޓީމުގެ ގޯލު ބެލެހެއްޓި ހުޝާމް، އޭނާ ވަނީ ދެ ޕެނަލްޓީ މަތަޮށްފައި.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ގަމަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ހުސެއިން ނާޝިދު (ނާއްޓޯ)، އަލީ ޝާމިސް (ތޮއްޕޭ)، އޮންލީ އަދި އަބްދުﷲ ޖުނެއިދު (ޖެންނޭ) އެވެ.

ތިމަރަފުށީގެ އަހުމަދު ހައިލަމް އާއި ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) އަދި ޖަންކީ ގެ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ކީޕަރު ހުޝާމް ވަނީ އެޓީމުގެ ފަހު ޕެނަލްޓީ އިބްރާހިމް ހަމްދާން ފޮނުވާލުމުން މަތަކޮށް، ޓީމަށް ސެމީގެ ޖާގަ ޔަގީން ކޮށްދީފަ އެވެ.

އިނގުރައިދޫ އާ ދެކޮޅަށް އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނައިވާދޫ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ވިސާމް އެވެ. ދެ ވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއް ތެރޭ އިނގުރައިދޫ އަށް އެއްވަރު ކޮށްދިނީ މުހައްމަދު މަމްދޫހު (މަންޑޭ) އެވެ. އޭގެ ފަހުން ނައިވާދޫ އިން ލީޑު ނެގީ ކެޕްޓަން ޔާމިން މުހައްމަދު (ޔާންޓޭ) ގެ ގޯލަކުންނެވެ. މިފަހަރު އިނގުރައިދޫ އަށް އުންމީދެއް ހޯދައިދިނީ އަލީ ހާފިޒު (ހާއްޕެ) ކާމިޔާބު ކޮށްދިން ގޯލަކުންނެވެ.

ޕެނަލްޓީ ކާމިޔާބު ކުރުމަށް ފަހު އިނގުރައިދޫ ޓީމު ކުޅުންތެރިން. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މެޗުގައި ފުރަތަމަ ފަހަރަށް އިނގުރައިދޫ އަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މަންޑޭ އެވެ. ނަމަވެސް އެންމެ ފަހު ސިކުންތުގައި ވިސާމް ވަނީ ނައިވާދޫ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ނައިވާދޫގެ ފުރަތަމަ ދެ ޕެނަލްޓީ ޔާންޓޭ އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ކާމިޔާބު ކުރި ނަމަވެސް އިއްސެ ގެ ޕެނަލްޓީ ކީޕަރު އިހުސާން ދިފާއު ކުރިއިރު މިދުހަތު ފޮނުވާލި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އިނގުރައިދޫ އަށް ޕެނަލްޓީތައް ޖަހައިދިނީ އަހުމަދު އައިހަމް (އައިހު)، އަހުމަދު މަޝީދު، މަންޑޭ، އަބްދުﷲ ސަނޫން އެވެ.

އޭދަފުށްޓާ ދެކޮޅަށް ޕެނަލްޓީ ޝޫޓައުޓް ގައި ކުޑަހުވަދޫގެ ކުޅުންތެރިން. -- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

މިދިޔަ އަހަރުގެ ކުއާޓާ ފައިނަލެކޭ އެއްގޮތަށް ކުޑަހުވަދޫ އިން މި އަހަރު ވެސް ވަނީ ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށްފަ އެވެ. ކުއާޓާ ގައި ފެނުނު ޕެނަލްޓީ ޝޫޓައުޓްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ޝޫޓައުޓެއް ވެސް ފެނުނީ މި މެޗުގަ އެވެ.

ކުޑަހުވަދޫގެ އަރީޝް އާއި ހާރޫން އިބްރާހިމް (ހާންޑޫ) ފޮނުވާލި ޕެނަލްޓީ ކީޕަރު އަބްދުﷲ ނާސިހު ދިފާއު ކުރި އިރު އަބްދުލް މުގުސިތުގެ ޕެނަލްޓީ ދިޔައީ ބޭރަށެވެ. ނަމަވެސް އިރުފާން އާދަމް ނަސީތާއި އަޔާޒް މުހައްމަދު އަދި އިރުޝާމް އާދަމް ނަސީރުގެ ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ.

އޭދަފުށްޓަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ހާފިޒު އަހުމަދާއި ޝާރިފް އަބްދުމް މަޖީދެވެ. މުއާޒް އަލީގެ ޕެނަލްޓީ ދަނޑިއަށް އަމާޒު ވިއިރު މުހައްމަދު އަޖުފާނާއި ހަމްދާން އަބްދުއްސައްތާރު އަދި ސުލްތާން ހަބީބުގެ ޕެނަލްޓީގެ ހުރަހަކަށް ވީ ކުޑަހުވަދޫގެ ގޯލްކީޕަރު އަބްދުﷲ މާނިއު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް މާނިއު އެވެ.

ކުއާޓާ ގައި ވާދަކުރި ޓީމުތަކުގެ ތެރެއިން މީގެ ކުރިން މުބާރާތް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމުތަކަކީ ތިމަރަފުށްޓާއި މާފަންނެވެ. ދެ ޓީމު ވެސް މިހާހިސާބުން މުބާރާތާ އަލްވަދާއު ކިޔައިފައި ވާއިރު، މި އަހަރު މިވަނީ މުޅިން އާ ރަށަކަށް ޗެމްޕިއަން ޓްރޮފީ ގެންދަން ފުރުސަތު ލިބިފަ އެވެ.

މި އަހަރުގެ މުބާރާތުގައި މުޅި އެކު 102 ޓީމު ވާދަ ކޮށްފައި ވާއިރު މުބާރާތުގައި ބާކީ އޮތީ ސެމީ ފައިނަލަށް ހޮވުނު ހަތަރު ޓީމެވެ. ސެމީ ފައިނަލްގެ މެޗުތައް މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު، އެ ރޭ އިނގުރައިދޫ ނުކުންނާނީ ގަމާ ދެކޮޅަށެވެ. އަދި ވާދޫ ނުކުންނާނީ ކުޑަހުވަދޫއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟުހައްމަދު އިބްރާހިމް ދީދީ

12 March 2023

ވާދޫ ފުޓްސަލް ޓީމައް ޝުކުރާމަބާރިކްބާދު އަރިސްކުރަން

The name is already taken The name is available. Register?

ގައްދަޑު ލަތީފް

13 March 2023

ވާދޫ ކުދިން މޮޅުވާނެ ފުޓްސެލް ކުޅެންށާ ހަކުރު ބޯން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454