މާޗް 10، 2023؛ ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އަހަރީ އާންމު ބައްދަލުވުމުގައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ވެރިކަމުގެ ތިން ވަނަ ދައުރަކަށް އިންތިޚާބު ކުރުމާ ގުޅިގެން މަގާމުގެ ހުވާ ކުރައްވަނީ.. --އޭއެފެއްޕީ
12 މާޗް 2023 - 11:03
ޗައިނާގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ރައީސް ޝީ ޖިންޕިންގް، މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބުކޮށްފި އެވެ.
ޗައިނާގެ ވެރިކަމުގެ ނިޒާމުތައް ހަމަޖެހިފައި އޮންނަ ގޮތުން ރައީސް ކަމުގެ މަގާމަކީ މާ ބޮޑު ބާރުތަކެއް ނޯންނަ، ހަމައެކަނި ރަމްޒީ އަދި ޝަރަފްވެރިކަމުގެ މަގާމެކެވެ. ނަމަވެސް އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބާރުތަކާއި އިމްތިޔާޒުތައް ލިބިވަޑައިގަންނަވަނީ، ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުންނާއި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަންގެ ހައިސިއްޔަތުންނެވެ.
އެ ދެ މަގާމުގައި ވެސް، މާޗް 2013 އިން ފެށިގެން ހުންނެވީ ރައީސް ޝީ އެވެ. އަދި މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި، ކޮމިޔުނިސްޓް ޕާޓީގެ އަހަރީ އާންމު ބައްދަލުވުމުގެ އިއްތިފާގުން ވަނީ، އެ ދެ މަގާމުގެ ތިން ވަނަ ދައުރަކަށް، ރައީސް ޝީ އިންތިޚާބު ކޮށްފަ އެވެ.
މާޗް 11، 2023؛ ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ އަހަރީ އާންމު ބައްދަލުވުމުގައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފެއްޕީ
ޗައިނާގެ ރައީސް ކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން، ރައީސް ޝީ އިއްޔެ ވަނީ ޗައިނާ ސަރުކާރަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެ ބަދަލުތަކުގެ ތެރެއިން ބޮޑުވަޒީރު ކަމުގެ މަގާމަށް އޭނާ ހުށަހެޅުއްވި، ލީ ޗިއާން އެ މަގާމަށް އައްޔަންކުރުމަށް އިއްޔެ ފާސްކޮށް، އޭނާ މިހާރު ވަނީ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
ވެރިކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވި އިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކާ އެކު، ޗައިނާ ރައްޔިތުންގެ ފަރާތުން ކުރިމަތިވާ ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ. އޭގެ އިތުރުން، ކުދިން އުފަންވާ ނިސްބަތް އާދަޔާ ޚިލާފަށް ދަށްވެ، މުސްކުޅިންގެ އާބާދީ އިތުރުވުމުގެ ސަބަބުން، އިގްތިސާދީ ދުވެލި ހަލުވި ކުރުމުގައި ވެސް ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ހަމައެފަދައިން، ޚާރިޖީ ދާއިރާ އިން ކުރިމަތިވާ ގޮންޖެހުންތައް މާ ގިނަ ނޫން ނަމަވެސް އެމެރިކާގެ ފަރާތުން ކުރިމަތިވާ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ. ތައިވާންގެ މިނިވަންކަމާ ދެކޮޅަށް ޗައިނާ އިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެމެރިކާ އިން ތައިވާނާ އެކު އަސްކަރީ ގުޅުން ވަރުގަދަކުރަމުން ދިއުމަކީ، ރައީސް ޝީގެ ވެރިކަމުގެ ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވާނެ ވަރަށް ބޮޑު އުނދަގުލަކަށް ވާނެ އެވެ.
އަދި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައިގައި ޗައިނާ އިން ޔޫކްރޭން ކުށްވެރި ކުރުމުގެ ބަދަލުގައި ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ބާއްވަމުން ދާތީ ވެސް، އެމެރިކާގެ ފިއްތުންތައް ދަނީ އިންތިހާ އަށް ބޮޑުވަމުންނެވެ. އޭގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާގެ އަސްކަރީ ޖާސޫސީ ފުއްޕާހަމެއް ކަމަށް އެމެރިކާ އިން ތުހުމަތުކުރާ ބިޔަ ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަން މައްސަލައިގައި ވެސް، އެމެރިކާ އާއި ޗައިނާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
13 March 2023
ޗައިނާ އާ ޢެމެރިކާ މިދަނީ ހެޑްއޮން ކޮލިޝަނަކައް، ދެގައުމު މެދުގައި ހަންގުރާމައެއް ފެޝުންގާތީ، ކޮންމެޕާޓީއެގެ ރައީސެއް އަޔަސް އެދައްކަނީ ޗައިނާއިން ކުރިމަތިވާނެ ނުރައްކަލުގެވާހަކަ، އެމެރިކާ އެދަނީ އެމީހުންގެ އެމްޕަޔަ ބިލްޑިން މަސަކަތުގައި ކުރިޔައް ހުރިހާ އިކޮނަމިކް އަދި މިލަޓަރީ ތްރެޓަކައް ވެދާނެ ގައުމެއްވިޔާ ބަލިކުރަމުން. ޜަޝިޔާ ހަންގުރާމަ ނިމުމުން ޗައިނާ ކޮންޕްރަންޓޭޝަން ފެޝޭނެ. ޗައިނާ އަކީ ރައިވަލްއެއް އެހެންވީމާ އެމީހުން ޗައިނާއާ ކުރިމަލިލާނެ
އިންތިޒާރު
13 March 2023
މަރުހަބާ ޝީ، އެމެރިކާއާއި ބިޑެންގެ ސުންޕާކަމުން ދުނިޔެ ސަލާމަތުގެ އަށްސޭރިއަކަށް ގެންދެއްވާ
ޖުހާ.
12 March 2023
މަރުހަބާ. މަރުހަބާ. މަރުހަބާ. މުސްލިމުންނަށް އޯގާތެރިވާނެކަމަށް އުންމީދުކުރަން.
ޔާ މިނު
12 March 2023
ޝީގެ ކަރަަފުޝަނެއް ނެތްއތަ؟