13 މާޗް 2023 - 13:51
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޝަރުއީ ދާއިރާގެ އިސްލާހީ އެޖެންޑާއާ ދެކޮޅަށް ފަށާފައިވާ ސިލްސިލާ މުޒާހަރާތައް، 10 ވަނަ ހަފުތާ އަށް ދެމިގެން ދިޔައިރު، ބައިވެރިންގެ އަދަދު ބައި މިލިއަނަށް އަރައިފި އެވެ.
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާއާ ދެކޮޅު މުޒާހަރާތައް އިންތިޒާމުކުރާ ޓީމުން ބުނާ ގޮތުގައި، 10 ވަނަ ހަފުތާގެ މުޒަހަރާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވީ ވެރިރަށް ތެލް އަބީބްގައި ބޭއްވި މުޒާހަރާގަ އެވެ. އެ މުޒާހަރާގައި 240000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް، އިންތިޒާމުކުރާ ޓީމުން ބުނެ އެވެ.
އޭގެ އިތުރުން އަލް ގުދުސް އާއި އެހެން ބޮޑެތި ސަހަރުތަކުގައި ބޭއްވި މުޒާހަރާތަކުގައި ވެސް ގިނަ އަދަދެއްގެ އާންމުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރި އެވެ. ގުދުސްގައި ބޭއްވި މުޒާހަރާގައި ގިނަ ބަޔަކު އެއްވީ، އެ ގައުމުގެ ރައީސް އިސްހާގް ހެރްޒޮގްގެ ރަސްމީ ގެކޮޅު ކުރިމައްޗަށެވެ.
ISRAEL - Up to 500,000 citizens protest against government plans to limit the Supreme Court, increasing its own power.
— Bernie's Tweets (@BernieSpofforth) March 12, 2023
Banning oversight of governments activities, is censoring democracy itself.
Power corrupts & absolute power corrupts absolutely 🔥
pic.twitter.com/qbH46HFasn
މުޒާހަރާތައް ދިގުލައިގެން ގޮސް، މުޒާހަރާގެ ބައިވެރިންގެ އަދަދު ގިނަ ވާން ފަށާފައިވާ އިރު، މިދިޔަ ބުރާސްފަތި ރައީސް އިސްހާގް ހެރްޒޮގް ވަނީ، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާގެ ބިލުތައް އަނބުރާ ގެންދިއުމަށް، ބޮޑުވަޒީރު ނަތަންޔާހޫ އަށް ގޮވާލައްވައިފަ އެވެ. ނަމަވެސް އެފަދަ ނިޔަތެއް ނެތް ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވެ އެވެ.
އިޒްރޭލުގެ އާބާދީގައި ޖުމްލަ ނުވަ މިލިއަން މީހުން ހިމެނޭ އިރު، އިދިކޮޅު މުޒަހަރާތަކުގައި ބައި މިލިއަން މީހުން ބައިވެރިވާ ނަމަ، އެއީ އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް ފަސް ޕަސެންޓް މީހުންނެވެ. މުޒާހަރާގެ ބައިވެރިން މިހާރު އެންމެ އާންމުކޮށް ފާޅުކުރަމުންދާ ޝުއޫރުގައި ބުނަނީ "އިޒްރޭލު ޑިކްޓޭޓާޝިޕަކަށް ވާން ދޫކޮށްނުލެވޭނެ" ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާއި އިދިކޮޅު ސިޔާސީ ލީޑަރުން ވިދާޅުވާ ގޮތުގައި، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލުތަކުގެ ހަގީގީ މަގްސަދަކީ، ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތަކުން ރެކިގަތުމެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުތައް އެ ގޮތަށް ފާސްކޮށް ތަސްދީގުކޮށްފިއްޔާ، އިޒްރޭލުން ޑިމޮކްރެސީއެއްގެ ސިފަތައް މުޅިން ގެއްލިގެން ދާނެ އެވެ.
Hundreds of thousands of people have rallied in cities across Israel for a 10th week to protest plans by Benjamin Netanyahu’s far-right government to curb the powers of the Supreme Court ⤵️ pic.twitter.com/99rWgKPxlJ
— Al Jazeera English (@AJEnglish) March 12, 2023
ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.
އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.
މި ބަދަލުތައް ގެނެސްފި ނަމަ އެ ގައުމުގެ ޝަރުއީ ދާއިރާއާ މެދު އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދި ވިޔަފާރިތަކަށް ގެއްލުން ކުރިމަތިވާނެ ކަމަށް ބުނެ، އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން، އިޒްރޭލުގައި އިންވެސްޓްކޮށްގެން ވިޔަފާރި ހިންގަމުން އަންނަ ބޭރުގެ ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ، އެ މީހުންގެ ވިޔަފާރިތައް އިޒްރޭލުން ބޭރުކުރުމާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތަން
14 March 2023
ބޮޑުވަޒީރު ހޮވަނީ ރައްޔިތުންނެއްނޫން، އެހެންވީމަ ރައްޔިތުން މުޒާހަރާކުރިޔަސް ވާނެ ކަމެއްނެތް!
ކިންގު ފަހުދު.
13 March 2023
މުޒާހަރާކުރިއަސް ތިއަތަނެއް ނުފެންނާނެ. ބަރުލަމާނީގައި ރައްޔިތުންގެ އަޑުއަހާނެ ކަންފަތެއް ނުހުންނާނެ. އެމީހުންގެ ކަންފަތައް އިވޭނީ ފައިސާވެރިންގެ އަޑު.