އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ: އެ މަޝްރޫއުގެ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
13 މާޗް 2023 - 16:26
އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ސަރުކާރުގެ މައްޗަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ސަރުކާރުން ހެދި އެއްބަސްވުމާއި ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ މައުލޫމާތުތައް ހޯދަން އެދުމުން އެ ހާމަ ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، އެގޮތަށް ބުނެފައިވަނީ މައުލޫމާތު ނުދެވޭނެ ގާނޫނީ ކޮން ސަބަބެއް އޮވެގެންކަން އެ މިނިސްޓްރީއަށް ބުނެދެވިފައިނުވާ ކަމަށެވެ.
ހުކުމުގައިވަނީ ސަބަބު ބަޔާން ކުރުމެއް ނެތި މައުލޫމާތު ދޭން ދެކޮޅު ހެދުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބަލަން ފެށުމުން އާ ސަބަބުތަކެއް ނުދެއްކޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރާނަމަ ގާނޫނުގައި ބުނާ އިސްތިއުނާފްގެ ފުރުސަތު ގެއްލިގެންދާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ މައުލޫމާތަކީ ގާނޫނުގައި ބުނާ ފަދަ އިސްތިސްނާ ހާލަތްތަކަށް ފެތޭ މައުލޫމާތެއް ކަން ޕްލޭނިން މިނިސްޓްރީއަށް ކޯޓުގައި ބުނެދެވިފައެއް ނުވެ އެވެ. އަދި އެ މައުލޫމާތު ދޭން ދެކޮޅު ހަދަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، ތިން ވަނަ ފަރާތުގެ ތެރޭގައި ދައުލަތުގެ އިދާރާތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ހުކުމުގައިވެ އެވެ. އަދި އާރުޑީސީއަކީ ވެސް ދައުލަތުގެ އިދާރާގެ ތެރޭގައި ހިމެނޭނެ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ހައި ކޯޓުން ތާއީދުކުރީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އަމީނީމަގު ހަދަން އާރުޑީސީއާ ހަވާލު ކުރުމަށްފަހު އެ މަގުގެ ފުރަތަމަ ސެގްމެންޓް މިހާރު ވަނީ ހުޅުވައިފަ އެވެ. އެ މަގުގެ ފުރަތަމަ ސެގްމެންޓްގެ ތާރު އެޅީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
13 March 2023
އެންމެ ޑިމޮކްރެޓިކް ކަމަށް ދައުވާކުރާ ސަރުކާރަށް، ސަރުކާރާއި ސަރުކާރު ކުންފުންޏަކާއިއެކު އޮތް އެއްބަސްވުމެއް މި ހާމަކުރެވެނީ ހައިކޯޓާއި ހަމައިން، އިބޫ ސޯލިހަށް ހުންނާނެ ވެރިކަމެއް ކުރެވިފަ
ކްރޫސް
13 March 2023
ތިންވަނަ ފަރާތެއްގެ މަސްލަހަތޭ؟ ތިންވަނަ ފަރާތް ނޫން ސަތޭކަ ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނުނަސް ތިއީކީ ސިއްރުކުރަންޖެހޭ ކަމެއްނޫން. ސިއްރުކުރުމުގެ މާނައަކީ ކޮރަޕްޝަންގެ އަމަލެއް ތިކަމުގަ ހިމެނުމޭ.
އޯޝަނޯގްރަފަރ ބައި ޕުރިފެސަ ް
13 March 2023
ޢިންޓަލެކްޗުއަލް ޕްރޮޕަޓީއޭ ކިޔައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް މިނިސްޓަރ އަސްލަމް ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށް ނަސޭހަތްތެރިވަން.
އެމްސް
13 March 2023
ސިއްރުން ކުރާނީ މުޅިންވެސް ނުރަގަޅު ކަންކަން!
އޮނަރަބްލް އަފީފު ދީދީ
13 March 2023
ވެރިކަން ހޯދަން ދެއްކި ވާހަކަތަކާއި ޙިލާފަށް ސޯލިޙްގެ ސަރުކާރަކީ "ސިއްރުން" ކަންކަން ކުރާ ރައްޔިތުނާއި ބީރައްޓެހި ސަރުކާރެއް. # ޗާގޯސް މައްސަލައިގަ ސޯލިޙް ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުން ބޮޑުބައެއް ގެއްލިގެންދިއުމުގެ ފުރުސަތުއޮތްކަމަށްބުނެ ސިޓީހާމަކުރަންބުނުމުން ޤައުމީސަލާމަތަށް ނުރައްކާވާތީ އެކަމެއް ނުކުރި. އިންޑިއާ އާއި އެކު ހަދާ އެއްބަސްވުމާއި ދައުލަތުންހިންގާ ޕްރޮޖެކްޓްތައްވެސް ހިމެނެނީ މިގިންތީގެ ތެރޭގައި. އަޖާއިބެއް ނުވާނެތަ.
ހުރަވީން
13 March 2023
ދެން މައްސަލަ ގެންދާނީ ސްޕްރީމް ކޯޓަށް.އެވަރުންވެސް ތި އެއްބަސްވުން ނުދައްކާނެ.
އުދުހޭ
13 March 2023
މަގުހެދުމުގެ ކުރެހުން ދެއްކުމަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލަކީތޯ؟
އެމްސް
13 March 2023
ވެންޓިލޭޓަރުތަކަށް ވީހެން ވެދާނެތީ!