ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ: އޭނާ ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވަންޏާ ކުރިއަށް ދާންވީ ނަޝީދު ދައްކާ މަގުން ކަމަށް.-- ފޮޓޯ: މިހާރު
15 މާޗް 2023 - 12:21
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވާ ނަމަ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ މަގުން ކުރިއަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ފެކްޝަންގެ އިސް މެމްބަރު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
"ފިިކުރެއްގެ ދިރުން"ގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން ޕާޓީގެ ހުރިހާ މެމްބަރުންނާއި ރައްޔިތުންނަށް ވެސް މިހާރު ޔަގީންވެއްޖެ ކަމަށެވެ.
އީވާ ވިދާޅުވި ގޮތުގައި، އެއީ މި ސަރުކާރުގެ ކޯލިޝަން މިހާރު ރޫޅިފައި ވާތީ އެވެ. މި ކޯލިޝަން، ކޯލިޝަނަކަށް ހަދައިދޭ ޕާޓީ، ޖުމްހޫރީ ޕާޓީން އަމިއްލައަށް ވާދަކުރަން ނިންމުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "އަމިއްލަ ބުރަދަނެއް ނެތްކަން" އެނގިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އީވާ ދެކެވަޑައިގަންނަވާ ގޮތުގައި، ނަޝީދު ދައްކަވާ މަގުން އެމްޑީޕީގެ މަސައްކަތްތައް ބައްޓަންކުރަންވީ އެ ސަބަބަށްޓަކަ އެވެ.
ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވަންޏާ އަޅުގަނޑަކަށް ހިޔެއް ނުވޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު އެމްޑީޕީ މި ރިޔާސީ އިންތިހާބުން އެއީކީއެއް، އެމްޑީޕީއަކަށް އޮތް ޗޮއިސެއްހެން: އީވާ
"އަޅުގަނޑުމެން އެންމެނަށް ވެސް އިނގޭ އިންތިހާބެއްގައި އެކަންޏެއް ނޫން، މި ރާއްޖޭގައި އެމްޑީޕީއަށް ލިބުނު ކާމިޔާބެއް ވިއްޔާ މިއަދާ ހަމައަށް ވެސް ލިބަފައި ވަނީ ހަމަ ރައީސް ނަޝީދު ދެއްކެވި މަގުން އަޅުގަނޑުމެން މި ޕާޓީ ކުރިއަށް ގެންގޮސްގެން،" ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.
"ދެން އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވަންޏާ އަޅުގަނޑަކަށް ހިޔެއް ނުވޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު އެމްޑީޕީ މި ރިޔާސީ އިންތިހާބުން އެއީކީއެއް، އެމްޑީޕީއަކަށް އޮތް ޗޮއިސެއްހެން."
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ވަކިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް، ރޭ އީވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެކުގައި މަސައްކަތް ކުރަން ފަށަން ޖޭޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވާހަކަދައްކަން ޖެހޭ ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ އިތުރުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާނެ ކަމާ މެދު އަޅުގަނޑަށް އެއްވެސް ސުވާލެއް ނެތް،" އީވާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާއެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ރޭ ވަނީ ފާސްކޮށްފަ އެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ޖޭޕީގެ އެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެޭކް
19 March 2023
ނަޝީދު އާއި އާއިލާގެ މުދަލެއްކަމަށް އެމް، ޑީ،ޕީ ހަދައިގެން ނުވާނެ ،
މެހި
18 March 2023
މިހާރު ކަލެޔަށް ހީވާގޮތްތީ އެމް ޑީ ޕީ އައްސަޕޯތޓުކުރާ ޢާއިލާ ތަކަކީ ކަލެޔާ ކަލޭމެން ތިސަޕޯތުކުރާ ކަންތައްތަކައް ކުރަންބޭނުންވާބައެއްނޫންކަން ހަނދާންކުރާތި.
މުހައްމަދު..
16 March 2023
ނަޝީދު ކިބައިގައި ދިވެހި ރައްޔިތުންނަށް ރަގަޅުގޮތެއް ދެއްކޭނެ ވަރުގެ ގާބިލު ކަމެއްނެތް ކަން އަދިވެސް ގަބޫލުކުރާކަށް ނުވޭތަ!
ބޮޑުރިޔާ
16 March 2023
ލަދުހަޔާތްވެސް ކޮންމެވެސްވަރަކަށްހުރުން އެއީ އިންސާނަކު އިންސާނަކަށްވުމުގެ އެއްސިފަ ދޮގާމަކަރާ ހީލަތް މިހުންނަނީ އިންތިހާއަށް އަންނިޔާ އީވާ އަކީ ކޮންބަޔެއްކަން ނޭގެ މީހަކު އެބައުޅޭތަ އެމްޑީޕީ ތިޔަފުނޑާލަނީ ތިމާގެމީހާއަށް މެމްބަރުން ނޫނޭބުނީމަ އެކަމުގެ ހަސަދައިން
އަސްލު..
16 March 2023
މޮޔަވާހަކަ ނުދައްކަވާ، އަމިއްލައެދުމަށް ދުނިޔޭގައި ހުރެވޭމަދު ދުވަސްކޮޅު މީހުންއޮޅުވާލާ ފިތުނަ އުފައްދާ ގާތްމީހަކު ނުވަތަ ތިމާއަށް ކޮންމެވެސް މަންފާއެއްކުރާނެ މީހަކު ވެރިކަމަށް ގެނެވޭތޯ މަސައްކަތް ތިކުރައްވަނީ، ނަޝީދު އަށް ރައްޔަތުން ވެރިކަން ދެއްވީމަ ކަންތަށް ކުރެއްވިގޮތް ރައްޔަތުން ހަދާން އެބަހުރި...
ތައްތީ
16 March 2023
ކީކޭ ދެން ބުނާނީ. އަހަރެމެން ދެން ހޮވާ ސަރުކާރެއްގައި އެމްޑީޕީގެ އަމިއްލަ އެދުން ބޮޑު ނާގާބިލް މީހުން ތިބޭކަށް ބޭނުމެއް ނޫން. އެހެން ނޫނަސް އަސްލު އިސްލާހީ ވިސްނުމުގައި އެމްޑީޕީގައި ތިބި މީހުން ދެކޭނެ ކަމަށް ހީކުރި ދުވަހެއް ނޫން ވެރިކަމުން ބައިކުޅަ ބައެއް ހޯދަން ގޮސް ޖޭޕީއާއި ކޯލިޝަން ހަދައިގެން ޤާސިމް ރައީސްއަކަށް ގެންނަން އެމްޑީޕީ އުޅޭނެ ދުވަހެއް. އެހެންވެ އަހަރުން އެމްޑީޕީ ދޫކޮށް ކާނަލް ނާޒިމްއަށް ސަޕޯޓް ކުރަން ނިންމީ. އެގިއްޖެ؟
މަފް
15 March 2023
ރައީސް ނަޝީދަކީ ކޯލިޝަނަށް ތާއިދު ކުރާމީހެއް ނޫންކަމަށް އެތައްފަހަރަކު ބުނެފަވަނީ. ދެން ކީއްކުރަން ޤާސިމްއާއެކު ކޯލިޝަން ހަދަން ތިއުޅެނި. ހަމަ ވެރިކަމާހެދި ދޮގާ މަކަރު ވިއްކައިގެން އުޅޭ ފިކުރުރެއް.
ކާތިބު
15 March 2023
މިހާރުވެސް އެމްޑީޕީގެ ރައީސްގެ މަގާމުގައި މުހައްމަދު ނަޝީދު އަދި ނައިބު ރައީސްގެ މަގާމުގައި މުހައްމަދު ޝިފާޒު ނޫންތޯ އެތިއްބެވީ 4 އަހަރު ވެގެން ދިޔައިރު ޕާޓީ ކުރިޔަށް ގެންދަން ކިތައް ޖަލްސާ ބޭއްވިތޯ؟ އިލެކްޝަނުން ކޮންމެ އަހަރަކު އެތައް މިލިޔަން ރުފިޔާ ނުލިބޭތޯ؟ ކީއްވެތޯ ކުޑަމިނުން މެންބަރޝިޕް އިތުރުކުރަން ފޯމު ފުރުވައި އިލެކްޝަނަށް ހުށަނޭޅުއްވީ؟ މިހާރު "ފިކުރެއްގެ ދިރުން" ކިޔާފަ ފޯމު ފުރުވަން ފޫގަޅާފަ ހުރިވަރަށް ޕާޓީ ކުރިއަރުވަން ނޫޅުނީ ކީއްވެ؟
ކަނބިލި
15 March 2023
އެމްޑީޕީއަކީ ނަޝީދުގެ ހަރުމުދާތޯ. ކެނެރީގޭ ޢާއިލާއަށް ނިސްބަތްވާ ޕާޓީއެއްތޯ. ޢާއިލީވެރިމާ ދެކޮޅަށް ވަކާލާތުކޮށް ރައްޔިތުންގެ އިތުބާރު ހޯދީ. މިހާރު ކީ ހުރިހާއެއްޗެއް ބިލާހަކަށް ވެއްޖެ. ލަދު ކޮބާ؟
ކޯޅުން
15 March 2023
(ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އުފެދޭ ސަރުކާރެއްގައި އެމްޑީޕީގެ ހިއްސާ އޮންނަން ބޭނުންވާ ނަމަ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ މަގުން ކުރިއަށް ދިއުން ނޫން ގޮތެއް ނެތްކަމަށް އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ.) ދެން މިބުނީ ކީކޭތަ (މުހައްމަދު ނަޝީދު އެމްޑީޕީއާ ވަކިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް) ބާރުއޮތީ ކާކު ކަމެއް ނޭނގުނު.