ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ޝަރީފް، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ: އެ ކުންފުންޏަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސަސް އަށް ފައިސާ ދޫކުރި މައްސަލާގައި އިހުމާލުވާ މުވައްޒަފުންނާ މެދު ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
22 ޖެނުއަރީ 2017 - 10:03
ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ޚިޔާލު ހޯދުމަށް ފޮނުވައިފި އެވެ.
ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް މި އެކުލަވައިލީ، އެ ކުންފުންޏަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަސް އަށް 17 މިލިއަން ރުފިޔާ ދޫކުރުމުން، ޑޮލަރު ނުލިބި އަދި އެ ފައިސާ ވެސް ގެއްލިފައިވާ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "މިހާރު" އަށް އިއްޔެ ވިދާޅުވީ އާ އުސޫލަށް ޚިޔާލު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރައިވެޓައިޒޭޝަން ބޯޑަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ފެނަކަ އަށް ޑޮލަރު ގަތުމުގެ އާ އުސޫލުގައި ހިމެނޭ ކަންކަމުގެ ތަފުސީލު މި ވަގުތަށް ނުދެއްވި ނަމަވެސް، ޝަރީފް ވިދާޅުވީ އެ އުސޫލުގައި އެންމެ ފާހަގަކުރެވޭނެ ކަމަކީ، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މަރުކަޒީ ބޭންކުން ދޫކޮށްފައި ނެތް ބައެއްގެ އަތުން ޑޮލަރު ގަތުން މަނާކޮށްފައި އޮތުމެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ނެތް މީހުންގެ އަތުން ޑޮލަރު ގަނެ ވިއްކުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަނިޓަރީ ގަވައިދުގެ ދަށުން މިހާރު ވެސް މަނާ ކަމެކެވެ. އެކަމަކު ފެނަކަ އަށް ޑޮލަރު ގަންނަން ފައިސާ ދޫކުރި ޝަރޫ ލޯންޗް ސާވިސަސް އަކީ އެ ހުއްދަ ދީފައި ނެތް އަމިއްލަ ކުންފުންޏެކެވެ. ފެނަކައިގެ އިތުރުން ސްޓެލްކޯ އަށް ދެ ލައްކަ ޑޮލަރު ގަންނަން ވެސް ޝަރޫ ލޯންޗް ސާވިސަސް އަށް ތިން މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މި ފައިސާ ހޯދުމަށް ފެނަކަ އާއި ސްޓެލްކޯ އިން ވެސް ވަނީ ޝަރޫ ލޯންޗް ސާވިސަސްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.
ލައިސަންސް ނެތި ޝަރޫ ލޯންޗް ސާވިސަސް އިން ޑޮލަރުގެ މުއާމަލާތް ހިންގި މައްސަލަ ސެންޓްރަލް ބޭންކުން ބެލުމަށް ފަހު، ފިޔަވަޅު އަޅައި ދިނުމަށް އެދި ޕޮލިހަށް ފޮނުވާފައިވާ ކަމަށް އެމްއެމްއޭ އިން އިއްޔެ ބުންޏެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ފެނަކަ އަށް ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަސް އަށް ފައިސާ ދޫކުރީ ފެނަކައިގެ ބޯޑުން ނިންމައިގެންނެވެ. އެކަމަކު ޝަރޫ ލޯންޗް ސާވިސަސް އަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއްތޯ އެ ބޯޑުން ނުބަލާ ކަމަށް ވެ އެވެ.
މި މައްސަލާގައި ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ އެތެރޭގެ ތަހުގީގެއް ކޮށް، ރިޕޯޓެއް އެކުލަވާލައިފަ އެވެ. ޑޮލަރުގެ މި މުއާމަލާތުގައި އިހުމާލުވި މުވައްޒަފުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ ކުންފުނީގެ ބޯޑުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދައުވާ ކުރާ ނަމަ ކުރާނީ، އިހުމާލުވި މުވައްޒަފުންގެ ފަރާތުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހީ
23 January 2017
އުސޫލު ހެދިޔަސް އުސޫލަކަށް ވާނީ ލޭޒަންފެއަރ
އިބިރިހިން ބެއްޔާ
22 January 2017
މުނިފޫހިފިލުވަން ނުވަތަ ހޮލިޑޭހަދަން ރާްޖެއިން ބޭރަށް ޖައްސާލާ ކުދިންނަށްވެސް ބޮލަކަށް 500 ޑޮލަރު ދިވެހި ދައުލަތުން ވިއްކަވާއިރު ޤާނޫނީގޮތުން ލާޒިމުކުރާ އާންމު ޚިދުމަތަށް ބޭނުންވާ ޑޮލަރުކޮޅު ބޮޑުއަގުގައި ކަޑަތަކާއި ގާޑިޔާތަކުން ޤާނޫނާއިޚިލާފަށް ގަންނަވާހަކަ މިއިވެނީ އަޑު. ރުޅި ކީއްކުރަން ހިނި އަންނަންވެސް ގަންނަނީ ލަދު!
ޝިފާގު
22 January 2017
ފެނަކައަށް ޑޮލަރު ގަންނަންޖެހޭ ބޭނުމެއް އަޅުގަޑަކަށް ނުވިސްނުނެވެ. ފެނަކައަށް ބޭނުންވާ ތަކެތި ރުފިޔާއަށް ވިއްކާ ބައެއްގެ އަތުން ގަތީމާ ފެނަކަށް ޑޮލަރު ގަންނާކަށް ނުޖެހޭނެއެވެ. ތިދައްކަނީ ބޭކާރު ވާހަކައެކެވެ. އަޅުގަޑަށް އެނގިފައި އޮންނަގޮތުން ދިވެހިރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތުތައް ކުރަންޖެހޭނީ ދިވެހި ރުފިޔާއިންނެވެ. ފެނަކައިން ކުރަންޖެހޭ ކަމަކީ ގަންނަން ބޭނުންވާ ތަކެތި ބިޑުކޮށްގެން ދިވެހިރުފިޔާއިން ގަތުމެވެ.
އުދުހޭ
22 January 2017
ކައި ނިމުނީމަ ތަބަކުގެ މަތިޖެހީތަ؟ ދެން ކާނީ އެހެން ތަބަކަކުން ދެއްތޯ؟!
ޏ.އަލްގެދަރ އާންތު ޝަރީފު
22 January 2017
އުސޫލް ކުރިން ވެސްއޮތް މައްސަލަ ޖެހިގެން މިއުޅެނީ ތިވައްކަމު ގެ ތަކްލީފު ނިކަމެތި ރައްޔަތުންނަށް ކޖެއްސީމަ އެހެންވީމަ ހައްލު އޮތްގޮތަކީ ވަގަށް ނެގިކަމަށް ދައްކާ ލާރި ކޮޅު ފެނަކަޔަށް އަޅާފަ ރައްޔަތުން މިތަކޮލީފު ން މިންޖު ވާނޭ ގޮތް ހަދަންވީ
ކޮލަމާފުށި
22 January 2017
ކާނެ ވަރަކަށް ކައި ނިންމުމަށްފަހު ދެން ކޮނ ްބޭކާރު ވާހަކަތަކެއް؟
މަގޭގައުމު
22 January 2017
ސަރުކާރުގެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ފިނޭންސް މިނިސްޓްރީ މެދުވެރިވެގެން ހޯދާދޭންވީ އެއިރުން ތިހުރިހާކަމެއް ރަގަޅުވީ. އެކަމަކު މިކަންކުރާކަަށް ބޭބުމެއްނުވާނެ. އެއީ ކަޅުބާޒާރުން ޑޮލަރުގަތުމުން އެލިބޭ މަންފާ ނުލިބޭނެތީ. ވަރަށްސާފު ދެއްތޯ!
އުމަރު
22 January 2017
ފެނަކައަށް ޑޮލަރު ގަންނާނީ ފިނޭސް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރަށް ލިބޭ ޑޮލަރުން، ފެނަކައިންނާއި ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުގައި ޑޮލަރު ގަންނަން ހަދައިގެން މިއަދު ކަޅުބާޒާރުގައި ޑޮލަރުގެ އަގު 17.15 އަށް މައްޗަށް ދިޔައީ، ޑޮލަރުން ސަރުކާރަށް އާމްދަނީ އިތުރުވާނީ ޑޮލަރުން އާމްދަނީ ލިބޭ ޕްރޮޖެކްޓްތަށް ސަރުކާރުން ހިންގައިގެން، ދައުލަތުގެ ކުންފުނިތަކަށް ޑޮލަރު ނުލިބެންޏާ ބޭރުގެ ކުންފުނިތަކަށް ދައުލަތުގެ ކުންފުނިތަކުގެ ހިއްސާވިއްކާލާ، އެއިރުން އެމީހުން ހިންގާނެ ތިޔަކުންފުނިތަށް، އަދި ތިޔަ ކުންފުނިތަކަކީ ދުވަހަކުވެސް ކުރިއަރާކުންފުނިތަކެއްނޫން