ކުޅިވަރު / މާޒިޔާ ސ.ރ.ކ

ރާއްޖެ އާއި ޕާކިސްތާން ކުޅުނު މެޗުގެ ފައިދާ ކުރީ މާޒިޔާއަށް: ކޯޗު

ޗެރިޓީ ޝީލްޑް މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސް ގައި މާޒިޔާގެ ކޯޗު އިވާން ވާހަކަ ދައްކަނީ.-- ފޮޓޯ: ނައުޝަމް ވަހީދު

މާޗު މަހުގެ 21 ވަނަ ދުވަހު ލ. ގަމުގައި ރާއްޖޭގެ ގައުމީ ޓީމު ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފައިދާ ކުރީ މާޒިޔާ އަށް ކަމަށް އެ ކްލަބުގެ ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ތައްޔާރު ވެފައި ވާއިރު މިހާތަނަށް ޕްރެކްޓިސް ފަށާފައި އޮތީ މާދަމާ ރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާ މާޒިޔާ އާއި އީގަލްސްގެ އިތުރުން، ރޭ ފަރިތަކުރުންތައް ފެށި ބުރު ސްޕޯޓްސް ކްލަބެވެ.

ޗެރިޓީ ޝީލްޑް މެޗްގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވާން ބުނީ މިވަގުތު ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ ޕްރީސީޒަން ގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅެލަން ނުލިބުން ކަމަށެވެ.

"ފްރެންޑްލީއެއް ކުޅެން ނުލިބުން އެއީ އެންމެ ބޮޑު މައްސަލަ. ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަކީ ގައުމީ ޓީމުގެ މެޗެއް ނޫން، އެއީ މާޒިޔާގެ ކުޅުންތެރިންނަށް ލިބުނު ފްރެންޑްލީ މެޗެއް،" ފުރަތަމަ 11 ގައި މާޒިޔާގެ ކުޅުންތެރިން ހިމަނައިގެން ރާއްޖެއިން ގަމުގައި 1-0 އިން ޕާކިސްތާން ބަލިކުރި މެޗަށް އަލިއަޅުވާލައި އިވާން ބުންޏެވެ.

"އެހެން ސިސްޓަމަކަށް އެހެން ޓާގެޓަކަށް ކުޅުންތެރިން ކުޅުނު ނަމަވެސް އެ މެޗު ވީ އަހަރެމެންގެ ކުލުންތެރިންގެ ތައްޔާރީތަކަށް ލިބުނު ރަނަގަޅު ފުރުސަތަކަށް."

މާޒިޔާއަކީ ރާއްޖޭން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ކްލަބެވެ. އިވާން ބުނީ ފުރަތަމަ ފަރިތަކުރުންތައް ފެށިއިރު ކުޅުންތެރިންގެ ހާލަތާއި، ފަހުން ސައުދީ އަރަބިއްޔާގެ ޓްރޭނިން ކޭމްޕަށް ފަހު ކުޅުންތެރިން ވަރަށް ބޮޑަށް އާ ސީޒަނަށް ތައްޔާރު ކުރެވިފައި ވާކަމަށެވެ.

"ފަރިތަކުރުންތައް ފެށިއިރު އަހަރެންނަށް ލިބުނީ ޝޮކެއް. ކުޑަކޮށް ޖޮގް ކޮށްލާފައި ޕާސިން އާއި ހުރިހާ ކަމެއް ހަމަ ސުމެއް. އެކަމަކު ޓްރޭނިން ކޭމްޕުގައި އެމީހުން ވަރަށް ސީރިއަސްކޮށް މަސައްކަތް ކޮށްގެން މިހާރު ކުލުންތެރިންގެ ފެންވަރު އެހުރީ 80 ނޫނީ 90 ޕަސެންޓުގައި،" ހަތް މަސްދުވަހުގެ ބްރޭކަކަށް ފަހު ސީޒަން ފަށާއިރު މާޒިޔާގެ ކުޅުންތެރިންގެ ފިޓްނަސް އާ ގުޅޭގޮތުން އިވާން ބުންޏެވެ.

"އަހަރެމެންނަށް ސައުދީ އަރަބިއްޔާގެ ޓްރޭނިން ކޭމްޕްގެ ފުރުސަތު ހޯދައިދިން ކަމަށްޓަކައި މެނޭޖްމަންޓަށް ޝުކުރު އަދާކުރަން. މި ކޭމްޕުން ކުޅުންތެރިންގެ ކޮލިޓީ ދެނެގަނެވިއްޖެ. މީގެ ކުރިން އަހަރެންނަކަށް ނޭނގޭ ކުޅުންތެރިންގެ ލެވެލް އެއް. އެކަމަކު ކޭމްޕަށް ފަހު އެކަންކަން ދެނެގަނެވިއްޖެ."

ފުރަތަމަ މެޗަށް ނުކުންނައިރު އިވާން ބުނީ އީގަލްސް އަށް އިހުތިރާމް ކުރާ ކަމަށާއި ނަމަވެސް ފެށުން ރަނގަޅުކުރަން ނަތީޖާ ނެރުން މުހިއްމު ކަމަށެވެ. އަދި މީގެ ކުރިން އީގަލްސް ކުޅުނު މެޗެއް އޭނާ ބަލާލުމުން އީގަލްސް އަކީ ނުރައްކާތެރި ޓީމެއް ކަމަށާއި އެޓީމާމެދު ސަމާލުވާން ޖެހޭ ކަމަށް ވެސް އިވާން ބުންޏެވެ. ހަމަ އެއާ އެކު ސީޒަންގެ ޓާގެޓަށް ވާސިލް ވާން މާޒިޔާގެ ހުރިހާ ޑިޕާޓްމަންޓަކުން ވެސް ދަނޑުމަތީގައި އޯގަނައިޒް ކޮށް ކުޅެ އެންމެ ބެސްޓް ދައްކަން ޖެހޭނެ ކަމަށް އިވާން ފާހަގަ ކުރި އެވެ.

މީގެ ކުރިން އިވާން ވަނީ ރާއްޖޭގެ ގައުމީ ޓީމާއި ނިއުރޭޑިއަންޓާ ދެކޮޅަށް ވެސް ކޯޗު ކޮށްދީފަ އެވެ. އޭނާ ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރާއި ހުނަރު އެބަހުރި ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބު ހޯދަން އެދޭނަމަ އިތުރު ކްރައިޓީރިއާއަކަށް މިހާރަށް ވުރެ ސީރިއަސް ވިސްނުމަކާ އެކު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗް ފަށާނީ މާދަމާ ރޭ 10 ޖަހާއިރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454