މެލޭޝިއާގެ ބަޓިކް އެއާލައިން އިން އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފަށަނީ-- ފޮޓޯ: ބަޓިކް އެއާ
03 އެޕްރީލް 2023 - 11:47
މެލޭޝިއާގެ ބަޓިކް އެއާލައިން އިން އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ބަޓިކް އެއާލައިންގެ ބޮއިން 737 ގެ ބޯޓުން މި ދަތުރުތައް ކުރާ އިރު މެއި 1 އިން ފެށިގެން އެ އެއާލައިން އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދައިފަ އެވެ.
އެމްއޭސީއެލް އިން ބުނީ ބަޓިކް އެއާލައިނުން އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. އޭގެ އިތުރުން މެލޭޝިއާ- ކޮލަމްބޯ- ރާއްޖެ އަށް ދަތުރުކުރާ ޓްރާންސިޓް ދަތުރެއް ވެސް ހަމަޖެހިފައިވެ އެވެ. މި ޓްރާންސިޓް ފްލައިޓްގެ ދަތުރުތައް ކޮންމެ ދުވަހަކު ކުރާނެ އެވެ. ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދަތުރުކުރާ ބޯޓަކީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.
އެ އެއާލައިންގެ ސީއީއޯ މުއްޝަފިޒް ބިން މުސްތަފާ ބަކްރީ ވިދާޅުވީ، އެ އެއާލައިންގެ ދަތުރުތައް ކުރިއަށް އޮތްތަނުގައި ވެސް އާ މަންޒިލްތަކަށް ފުޅާ ކުރަމުން ގެންދާނެ ކަމަށެވެ.
ބަޓިކް އެއާލައިންގެ އިތުރުން ސައުދީ ބަޖެޓު އެއާލައިނެއް ކަމަށްވާ، ފްލައިނަސްގެ ދަތުރުތައް ވެސް އަންނަ މަހު ފަށާނެ އެވެ. އަދި ޗައިނާ އިން ދަތުރުކުރާ ޓޫރިސްޓުންނަށް ހާއްސަ ފްލައިޓް ހޮންގްކޮންގް އެއާލައިން އިން ޖުލައި މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ. އެއީ ޗައިނާ އިން ރާއްޖެއާ ދެމެދު ދަތުރުކުރާ ތިން ވަނަ އެއާލައިނެވެ.
ރާއްޖެއަށް މިވަގުތު 36 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރެ އެވެ. ޝެޑިއުލް ދަތުރުތަކުގެ އިތުރުން ދޭތެރެ ދޭތެރެއިން ރާއްޖެއަށް ޗާޓާ ދަތުރުތައް ވެސް އާ އެއާލައިންތަކުން އަންނަނީ ކުރަމުންނެވެ. މިމަހުގެ 21 ގައި އިނގިރޭސިވިލާތުގެ ޓައިޓަން އެއާ އިން ވެސް ޗާޓާ ފްލައިޓެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕީކް ސީޒަނާއި ދިމާކޮށް ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ޗާޓާ ދަތުރުތައް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
20000
03 April 2023
އިންޑިއާގެ ޖީ އެމް އާރު އަތުލާ ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް ހޯދައިދީ އެއަރޕޯޓަށް ދިރުން ގެނުވައިދިން ރައީސްއަށް ޝުކުރިއްޔާ. އެމްޑީޕީ އަކީ ގައުމުގެ ހަރު މުދާ ވިއްކުމުގެ ފިކުރު. މިހާރު ފިކުރެއްގެ ދިރުން ނުވިކިގެން ފަކުރެއްގެ ދިރުން ވިއްކޭތޯ އެބައުޅޭ