04 އެޕްރީލް 2023 - 12:52
ދުނިޔޭގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް ކޮންމެ ހަ މީހަކު އެކަކީ، ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދަރިން ލިބުމުގެ އުމުރުފުރާގައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 17.5 ޕަސެންޓް މީހުންނަށް ވަނީ ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ދަރިމައިވުމާބެހޭ ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު، ދަރިން ނުލިބުމުގެ މައްސަލަ މެދުވެރިވެފައިވާ ނިސްބަތުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް އެބަ ހުއްޓެވެ. ރަނގަޅު އާމްދަނީ ލިބޭ ގައުމުތަކުގައި، ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ނިސްބަތަކީ، 17.8 ޕަސެންޓެވެ. ނަމަވެސް އާމްދަނީ ދަށް ގައުމުތަކުގައި އެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ނިސްބަތަކީ 16.5 ޕަސެންޓެވެ.
ޑަބްލިޔޫއެޗްއޯގެ މި ރިޕޯޓާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސުސް ވިދާޅުވީ ދަރިމައިނުވުމުގެ މައްސަލަ ކުރިމަތިވުމުގައި ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި މި މައްސަލައަކީ އާންމު ސިއްހީ ނިޒާމުން އެއްފަރާތް ކުރެވެން ނެތް މައްސަލައެއް ކަން ވެސް މި ރިޕޯޓުން ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވުމުން، ދެމަފިރިންނަށް ކުރިމަތިވާ ސިއްހީ އަދި ނަފްސާނީ އެތައް މައްސަލައެއް ހުންނަ ކަމަށާއި، އެ މައްސަލަތައް މެދުވެރިވުން ކުޑަކުރުމަށްޓަކައި ވެސް، ދަރިމައިވުމުގެ ސިއްހީ ނިޒާމަށް އިތުރު ސަމާލުކަމެއް ދެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިން ހޯދުމަށް ތަބީއީ ގޮތުން ކުރާ މަސައްކަތް ކާމިޔާބު ނުވުމުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިމައިވުމުގެ ފުރުސަތު ވެސް މިހާރު އޮތީ ތަނަވަސްވެފަ އެވެ. ނަމަވެސް އެކަމަށްޓަކައި ކުރަން ޖެހޭ ހޭދަ ބޮޑުވުމުން، އެ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދަރިމައިވުމަކީ ކޮންމެ ދެމަފިރިއަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރު ސައި
04 April 2023
'ހަ މީހަކު އެކަކީ' އޭ؟
ޖުހާ.
04 April 2023
ތިއަހުރިހާ މައްސަލައެއް ވުޖޫދުކުރީ ސައިންސު. ދުޅަހެއު ސިއްހަތެއް ހޯދައިދޭށޭ ކިޔާފަ ބާރުގަދަ ބޭސް އިންސާނުނަށް ދިނީ. ގުދުރަތީ ބޭސްވެރިކަން ދޫކޮށްލީ. ފާޑުފާޑުގެ ވެކުސިންތައްވެސް ޖެހީ. ކާބޯތަކެތިވެސް ހައްދަނީ ބާރުގަދަ ކެމިކަލް ބޭނުންކޮށްގެން. މިކަހަލަ ހާސް މައްސަލަ އުފަންކުރުވުމުގެ ނަތީޖާ މިފެންނަނީ.
އޮނަރަބްލް އަފީފު ދީދީ
04 April 2023
ރާއްޖޭގައިވެސް ދަރިމައިވުމުގެ މައްސަލަ އިންތިހާއަށް ބޮޑުކަމަށް (ސާފުއަދަދު ބެލޭނެދިރާސާއެއް ކުރެވިފައިނެތް) ނޫސްތަކާއި ޓީވީގެ ޒަރީޔާއިން އިގޭ. # ޔާމީނުގެވެރިކަމުގައި އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރިއިރު މިފަދަ ސްޕެޝަލައިޒް ޑިޕާޓްމަންޓެއް ހޮސްޕިޓަލްގައި ޤާއިމްކޮށް ރާއްޖެއިން ބޭރަށްނުގޮސް އިތުބާރުހުރި ފަރުވާލިބޭނެގޮތް ހަދާނެކަމަށް ބުނެފައިވޭ. އޭއީއެޗްގައި IUI އަދި IVF ހިދުމަށްފަށައިގެން އުޅުނުކަމުގައިވިޔަސް އެހާ މަޤުބޫލުކަމެއްނެތް.
އުޝްރަތު ސައީދު.
04 April 2023
ނަމެއްގައި ހިދުމަތެއް ފެއްޓިޔަސް ކަމަކު ނުދާނެ. އަހަރެން ތިތަނުން ހިދުމަތް ހޯދަންވެގެން މައުލޫމާތު ބެލިން. އަހަރެން އެކަން ނުކުރީ އަދި ތިތަނުގައި އެފަދަ ކަމަކަށް ފަރުވާ ދެވޭނެ އިތުބާރު ކުރެވޭ ޑަކްޓަރުން ތިބިކަމަށް ޤަބޫލު ނުކުރެވޭތީ. ފުރަތަމަ އެކަން ރަނގަޅުކުރޭ. އޭރުން ދިވެހިން ތިތަނަށް ދާނެ.