ޚިޔާލު / ރޯދަ މަސް

ރޯދައިގެ އަޅުކަމާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާ ދުރުވާން ޖެހޭ

ރޯދަވީއްލަން މާލޭގެ މިސްކިތަކަށް ދިޔަ ބަޔަކު މަޣްރިބު ނަމާދުގެ ބަންގީގެ އިންތިޒާރުގައި: ރޯދައަކީ ބުރަކަމެއް ކަމަށް ދުށުމަކީ ވަރަށް ބޮޑު ގޯހެއް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިސްލާމްދީނުގައި ފަރުލު ކޮންމެ އަޅުކަމަކީ ވެސް އެކަން އަދާކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހޭ އަޅުކަމެކެވެ. އެހެންކަމުން އެފަދަ ތަކުލީފެއް ނުވަތަ ބުރައެއް އުފުލަން ބޭނުން ނުވާ މީހަކަށް އިސްލާމީ އެއްވެސް އަޅުކަމަކީ ކަމުދާ ކަމެއް ކަމުގައި ފަހަރެއްގައި ނުވެދާނެ އެވެ. އަދި ކިއެއްތަ، މިފަދަ މީހުންނަށް މުޅި ދީން ވެސް ކަމަކު ނުގޮސްދާނެ އެވެ. އެހެނީ މިފަދަ މީހުންނަށް ކަމުދާނީ ފަސޭހަކަމާއެކު ހިތަށް އެރި ގޮތަކަށް ތިމާގެ އެދުންތައް ފުއްދައިގެން އުޅެން ފުރުސަތު އޮންނަ ދީންތަކެވެ.

އިސްލާމްދީނަކީ އެއްކައުވަންތަ ކަލާނގެ އަށް އީމާންވާން ޖެހޭ އަގީދާއާ އެކު ހެޔޮ އަމަލު ކުރުމުން މެނުވީ އިންސާނާ އަށް ސަލާމަތް ނުވެވޭނެކަން ގަބޫލު ކުރަން ޖެހޭ ދީނެކެވެ. އެހެންކަމުން އިސްލާމްދީނުގައި ފަރުލު އަޅުކަންތައް ދީނުގައި ބަޔާން ކޮށްފައިވާ ގޮތަށް އަދާކުރަންޖެހޭނެ އެވެ. އެ އަޅުކަންތަކާ މެދު ނުރަނގަޅު ވިސްނުންތަކެއް ގެންގުޅުމުގެ ބަދަލުގައި އީޖާބީ ވިސްނުމެއް ގެންގުޅެންވާނެ އެވެ.

ބައެއް ކަހަލަ އާދަތައް ބަދަލުކުރަން ޖެހުމަކީ މަންފާ ހުރި ކަމަކަށް ވެސް ވެދާނެ

ރޯދައާ މެދު ބައެއް މީހުން ގެންގުޅޭ ނުރަނގަޅު އެއް ވިސްނުމަކީ، ރޯދައަކީ ކެއުންބުއިމާއި ދިރިއުޅުމުގެ އެހެން ބައެއް އާދަތަކާ ހިލާފުވާން ޖެހޭ، ބޮޑެތި އުނދަގޫތަކާ ބުރަތައް އުފުލަން ޖެހޭ، ތަރައްގީގެ މި ޒަމާނާ ނުގުޅޭ ކަމެއް ކަމަށް ދެކުމެވެ. ނަމަވެސް ސުވާލަކީ ދިރިއުޅުމުގެ އަމަލީ ހަޔާތުގައި ހަގީގަތުގައި ވެސް އިންސާނާ ކުރިމަތިލާން ޖެހިދާނެ ފަދަ ދަތިތަކާ އުނދަގޫތަކަށް މީހަކު ތަމްރީނު ހޯދުން އެއީ އެ އިން ލިބޭ ހެޔޮ ނަތީޖާއާ އަޅާކިޔާއިރު ބުރަ ކަމެއް ކަމަށް ބެލިދާނެ ހެއްޔެވެ؟ މީހެއްގެ އަމިއްލަ އެދުންތައް ވަކި ހައްދެއްގައި ހިފަހައްޓައި އެ ކޮންޓްރޯލް ކުރަން ދަސް ކުރުން އެއީ ތަރައްގީގެ ޒަމާނާ ނުގުޅޭ ކަމެއް ހެއްޔެވެ؟ ހެޔޮ ލަފާ މުޖުތަމައެއްގައި އިންސާނާ ހެޔޮ ލަފާ މީހަކަށް ވެވޭނީ އެ މީހެއްގެ އަމިއްލަ އެދުންވެރިކަން ކޮންމެވެސް ވަރަކަށް ގުރުބާންކޮށް، އެހެން މީހުންނަށް ތަން ދީގެންނެވެ. ހައިވާނުންނާއި ތަންދޮރު އޮޅުން ނުފިލާ ކުޑަކުދިން ފަދައިން ބޭނުންތައް ފުއްދަން އުޅެގެނެއް ނޫނެވެ.

އިންސާނެއްގެ ސުލޫކުގެ އަސާސަކީ އެ މީހަކު ބޭނުންހާ ގޮތަކަށް އެއްވެސް ގައިދެއް ނެތި އެދުންތައް ފުއްދުން ކަމަށް ވާ ނަމަ ފުރިހަމަ މުޖުތަމައެއް ނުއުފެއްދޭނެ އެވެ. މުޖުތަމައުގައި ހަމަޖެހުމާއި އަމަން އަމާންކަން ބޭއްވެނީ އެ މުޖުތަމައެއްގެ އަފްރާދުން ކޮންމެ ކަމެއްގައި ވެސް ވަކި ހައްދުތަކެއްގެ މަތީ ތިބުމުންނެވެ. ތިމާ އަށް ހައްގުތަކެއް ލިބިގެންވާ ފަދައިން ތިމާ ވާޖިބުތަކެއް ވެސް އަދާކޮށްގެންނެވެ. އިސްލާމްދީނުގެ އެހެން އަޅުކަންތަކެކޭ އެއްފަދައިން ރޯދައަކީ ވެސް އެ އިން މީހާ ވަކި ގޮތަކަށް ތަރުބިޔަތު ކުރުވާ ކަމެކެވެ. ހެޔޮ ލަފާ މީހަކަށް ވުމަށް ދެވޭ ތަމްރީނެކެވެ. އެހެންކަމުން މި ކަމުގައި ބުރަތަކެއް އުފުލުން އެއީ މައްސަލައެއް ކަމުގައި ބަލައިގެން ނުވާނެ އެވެ. ސަބަބަކީ އެ ބުރަތަކާ އެކު އޭގެ މަންފާތައް ގިނަކަމުންނެވެ.

އުފެއްދުންތެރިކަމަށް ފަހަރެއްގައި ބަދަލެއް އަޔަސް ހަގީގަތުގައި ލިބޭނީ ކުރިއެރުން

ރޯދައާ މެދު ގެންގުޅޭ އަނެއް ނުރަނގަޅު ވިސްނުމަކީ، ރޯދައަކީ އަދަދުގެ ގޮތުންނާއި ފެންވަރުގެ ގޮތުން އުފެއްދުންތެރިކަމަށް ހުރަސް އަޅާ ކަމެއް ކަމަށް ދެކުމެވެ. އެހެންވެ ކުރިއަރައި ތަރައްގީވުން ފަސްޖެހޭނެ ކަމަށެވެ. އެކަމަކު ސުވާލަކީ ރޯދައަކީ މާތް ﷲ އަށް ބިރުވެތިވެ ހުޝޫއަތްތެރި ވާން ދަސްކޮށްދޭ ކަމަކަށް ވާއިރު، އޭގެ ސަބަބުން އިންސާނާގެ ޒަމީރު ވަރުގަދަވެ އެވެ. މިފަދަ ޒަމީރަކީ އަމިއްލަ އަށް ހަދާ ގާނޫނުތަކާ ގަވައިދުތަކުގެ ސަބަބުން ލިބޭ ބާރަށް ވުރެ ވަރުގަދަ ބާރެކެވެ.

މި ރޯދަމަހުގެ ފުރަތަމަ ހުކުރު ނަމާދު މާލޭގެ އިސްލާމީ މަރުކަޒުގައި ބަޔަކު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަނެއްކޮޅުން ބަލާއިރު ރޯދައަށް ތިބުމަކީ ދިރިއުޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތުން ޗުއްޓީ ނަގަން އިސްލާމްދީން ބާރު އަޅާ ކަމެއް ނޫނެވެ. އިސްލާމީ ގޮތަކީ އެހެން ދުވަސް ދުވަހާ ވަކި ތަފާތެއް ނެތި ދިރިއުޅުމުގެ މަސައްކަތުގައި ރޯދައަށް ތިބޭ އިރު ވެސް އުޅުމެވެ. މަސައްކަތް ވަރަށް ބޮޑަށް ބުރަވެ ތިމާ އަށް ތަހައްމަލު ކުރަން ވަރަށް ދަތި ވެއްޖެ ހާލަތެއްގައި ވެސް މަސައްކަތް ހުއްޓާ ނުލައި އިސްލާމްދީން ދޭ ފުރުސަތަކީ ފަހުން ހިފާ ގޮތަށް ރޯދަ ދޫކޮށްލުމުގެ ހުއްދަ އެކެވެ. ވީމާ ރޯދަ ހިފަން ޖެހުމުން އުފެއްދުންތެރިކަމުގެ މަސައްކަތްތައް އުނިކަމެއް ނާންނާނެ އެވެ. ދެން އޮތީ އެފަދަ އުނިކަމެއް ރޯދަމަހު ލިބިދާނެ ކަމަށް ގަބޫލުކުރި ނަމަވެސް ފުރިހަމަ ގޮތުގައި ރޯދަ ހިފާ މީހެއް ނަމަ ރޯދައިގެ ސަބަބުން އެ ތަރުބިޔަތުވާ ޒަމީރަކީ އަހަރުގެ ދެން އޮތް ބައިގައި ބުރަކަމާ އެކު މަސައްކަތް ކުރަން ބާރު އަޅާނެ ޒަމީރެކެވެ.

ހަގީގަތަށް ބަލާ ނަމަ އުފެއްދުންތެރިކަމުން ލިބޭ މާއްދީ ކުރިއެރުން އެކަނި އެއީ އަދި ފުރިހަމަ ތަރައްގީއެއް ނޫނެވެ. އެހެނީ އަފްރާދުންގެ ބާއްޖަވެރިކަމާއި ހަމަޖެހުމާއި އަމާންކަން މުޖުތަމައުގައި އޮންނާނެ ކަމުގެ ގެރެންޓީއެއް އެހިސާބުން އަދި ނުލިބޭނެތީ އެވެ. އަދި ކިއެއްތަ! އިންސާނިއްޔަވަންތަކާއި މާތް އަހުލާގުގެ މިންގަނޑުތަކުން އެއްކިބާ ވެފައިވާ އެފަދަ މާއްދީ ކުރިއެރުމަކީ މުޖުތަމައުގެ ހަލާކު ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދުލުވެރިކަމާއި އެއްބައިވަންތަކަމާއި ލޯތްބާއި އުހުއްވަތްތެރިކަން ފަދަ މާތް އުސޫލުތައް ނެތި ހަމައެކަނި މާއްދީ ކުރިއެރުމަކުން ފުރިހަމަ ހަޟާރަތެއް ގާއިމު ނުކުރެވޭނެ އެވެ.

ރޯދައަކީ މުޖުތަމައު ބައިބައި ކުރުވާނެ އަޅުކަމެއް ނޫން

ރޯދައާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކުގެ ތެރޭގައި، ރޯދައަކީ މުޖުތަމައުގައި މީހުން ބައިބައި ކުރުވާ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެނީ ރޯދަހިފުމުގައި ބައެއް މީހުން އެކަމަށް ތަރުހީބުދީ، އެކަން ކުރިއަސް އަނެއް ބަޔަކު އެކަމަކަށް ތަރުހީބު ނުދޭތީ އެވެ. އެހެންވެ، މިފަދަ މީހުން މިކަމަށް އިދިކޮޅު ހަދައި ގޮންޖެހުމުގެ ރޫހެއް އުފެދިދާތީ އެވެ. ކޮންމެ މުޖުތަމައެއްގައި އެ މުޖުތަމައުގެ އަފްރާދުންގެ މައްޗަށް ލާޒިމުކުރާ ކަންކަން އަދާކުރުމުގައި އެކަން ކުރާ ހިތްވާ ބަޔަކާއި ކުރާ ހިތްނުވާ ބަޔަކު ކޮންމެ ކަމެއްގައި ވެސް ފެނެ އެވެ. މުޖުތަމައެއްގައި އޮންނަ ގާނޫނު ތަންފީޒު ކުރުމުގެ ބާރުތައް ނޯންނަ ނަމަ މި ދެންނެވި ތަފާތު ވަރަށް ސާފުކޮށް ފެންނާނެ އެވެ.

އެހެން އަޅުކަންތަކެކޭ އެއްފަދައިން ރޯދައަކީ ވެސް އެ އިން މީހާ ވަކި ގޮތަކަށް ތަރުބިޔަތު ކުރުވާ ކަމެކެވެ. ހެޔޮ ލަފާ މީހަކަށް ވުމަށް ދެވޭ ތަމްރީނެކެވެ. އެހެންކަމުން މި ކަމުގައި ބުރަތަކެއް އުފުލުން އެއީ މައްސަލައެއް ކަމުގައި ބަލައިގެން ނުވާނެ އެވެ. ސަބަބަކީ އެ ބުރަތަކާ އެކު އޭގެ މަންފާތައް ގިނަކަމުންނެވެ.

އަނެއްކޮޅުން ބަލާއިރު އެފަދަ ވާޖިބުތައް އަދާކުރުމުގައި އެކި މީހުން ތަރުހީބުދޭ ވަރު ތަފާތު ވާތީ އެ ތަފާތުތައް ނައްތާލުމަށް އޮތް އެންމެ މޮޅު ހައްލަކީ އެ ވާޖިބުތައް ކެންސަލް ކުރުން ހެއްޔެވެ؟ މުޖުތަމައަށް ވިއަސް ވަކިވަކި ފަރުދުންނަށް ވިއަސް މަސްލަހަތާއި ފައިދާ ހުރި ކަންކަން ކަމަށް ވާ ނަމަ އެކަންކަން ކުރަން ނުރުހޭ ބަޔަކު ތިއްބޭ ކިޔާފައި އެކަން ދޫކޮށްލުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ އެވެ. މިގޮތަށް ހަދަން ވެއްޖެ ނަމަ އެއްވެސް ކަމެއް މުޖުތަމައުގެ މައްޗަށް ލާޒިމު ނުކުރެވޭނެ އެވެ. ކޮންމެ މީހަކު ވެސް އެ މީހަކު ބޭނުންވާ ގޮތަކަށް އޭރުން ޖެހޭނީ ދޫކޮށްލާށެވެ. ހަގީގަތުގައި ބައިބައި ވާނީ މިހެން ދޫކޮށްލުމުން ނޫން ބާވަ އެވެ؟

މި ފާހަގަ ކުރެވުނު ކަންތައް ފިޔަވައި ވެސް އެހެން ބައެއް ނުރަނގަޅު ވިސްނުން ރޯދައާ މެދު މީހުން ގެންގުޅެ އެވެ. ނަމަވެސް މުސްލިމުންގެ ހައިސިއްޔަތުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އިސްލާމީ އަޅުކަންތައް ފަރުލު ކުރައްވާފައިވަނީ އިންސާނާ ހައްދަވައި ބޮޑުކުރެއްވި އެ އިންސާނާގެ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ކަމަށް ވާތީ އެއްވެސް އަޅުކަމަކީ ހަމަ ޔަގީނުން ވެސް އިންސާނާ އަށް އެ އިން ގެއްލުމެއް ލިބޭނެ ކަމެއް ނޫން ކަމެވެ. އަދި ކޮންމެ އަޅުކަމަކުން ވެސް ލިބޭނީ ފައިދާ ކަމެވެ. ރޯދައިގައި ހިމެނޭ ހުރިހާ ފައިދާތައް އިންސާނާގެ ކޮށި ވިސްނުމަށް ނުވިސްނުނު ނަމަވެސް ރޯދައިގެ އަޅުކަމާ މެދު މިފަދަ ނުރަނގަޅު ވިސްނުން ބަދަލުކޮށް، ރޯދައާ މެދު އީޖާބީ ވިސްނުމެއް ގެންގުޅެން ޖެހެ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަނގަޅުގޮތަށް ލިޔަމާ

06 April 2023

ބަހަކީ އެބަހުރުވައެއްގެ އަހުލުވެރިން ބަދަލުކުރީމަ ކުރެވޭ އެއްޗެއް. ބަދަލުނުކުރާހާ ހިނދަކު ތަބީއީގޮތުން ބަސް ބަދަލެއް ނުވާނެ. ބަހަކީ އަޑުން އުފައްދައިދޭ އެއްޗަކަށް ވީއިރު ބަސް އުފައްދައިދޭ އަޑު އެއީ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ތަބީއީ ސިފައެއް. މިމޭރުމުން އެހެން ބަހަކުން އުފެދިފަ ހުންނަ ލަފްޒެއް އަމިއްލަ ބަހުރުވަޔަށް ބަދަލުކޮށް ކީމަ ނުވަތަ ލިޔުނީމަ އެ ލަފްޒެއްގެ ލުޣަވީ މާނަޔާއި އިސްޠިލާޙީ މާނަ އޮޅި ބަހުގެ އަޞްލު ގެއްލޭގޮތް މެދުވެރިވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454