09 އެޕްރީލް 2023 - 11:55
އީރާންގެ އާންމު ތަންތަނުގައި ބުރުގާ ނާޅައި އުޅޭ އަންހެނުން ވަކިކޮށް ދެނެގަތުމުގެ ބޭނުމުގައި، އެ ގައުމުގެ އާންމު ތަންތަނުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ފުލުހުން އިއްޔެ ބުނެފި އެވެ.
އީރާން ފުލުހުން ބުނި ގޮތުގައި އާންމު ތަންތަނުގައި ކެމެރާ ހަރުކުރުމަށް ފަހު، ބުރުގާ ނާޅައި އުޅޭ އަންހެނުން ދެނެގަތުމަށް ފަހު، އެފަދަ އަންހެނުންގެ ފޯނަށް، އިންޒާރުގެ ޓެކްސްޓް މެސެޖެއް ފޮނުވާނެ އެވެ. އެ މެސެޖްގައި ހަނދާންކޮށްދީފައި ވާނީ، އެ ގައުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބުރުގާ ނާޅައި އާންމު ތަންތަނުގައި އުޅޭ ނަމަ، ކުރިމަތިވެދާނެ ނަތީޖާއަކާ މެދު ސަމާލުވުމަށެވެ.
ފުލުހުން ބުނާ ގޮތުގައި ބުރުގާ ނާޅައި އާންމު ތަންތަނަށް ނުކުމެ އުޅޭ އަންހެނުންނަށް މެދު އަމަލުކުރުމަށް ކަނޑައެޅި އާ އުސޫލުގެ ސަބަބުން، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނާ ދެކޮޅު ހަރަކާތްތައް މަދުވެގެން ދާނެ އެވެ.
ބުރުގާ ނާޅައި އުޅޭ އަންހެނުން ދެނެގަތުމަށް ކެމެރާ ހަރުކުރުމުގެ މަސައްކަތް އީރާން ސަރުކާރުން މި ފެށީ، ބުރުގާ އެޅުން މަޖުބޫރުކުރާ ގާނޫނާ ދެކޮޅަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ގައުމުގައި މުޒާހަރާކޮށް ބޮޑެތި ހަމަނުޖެހުންތައް ހިންގާފައިވަނިކޮށެވެ. އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ.
އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ތިން ދުވަސް ފަހުން، ސެޕްޓެމްބަރު 16، 2022ގަ އެވެ.
އޭގެ ފަހުން މުޅި އީރާނަށް ފެތުރިގެން ދިޔަ މުޒާހަރާތަކުގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ އިރު، ސަރުކާރުން ހައްޔަރު ކުރި މީހުންގެ ފުރިހަމަ އަދަދެއް މުޅިން ޔަގީނެއް ނުވެ އެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ އިރު، މަރުގެ ހުކުމް އިއްވައި މިހާތަނަށް ހަތަރު މީހަކު ވަނީ ދަންޖައްސައި މަރާލައިފަ އެވެ.
އީރާންގެ ރަސްމީ ނޫސް އޭޖެންސީގައި އިއްޔެ އާންމު ކުރި ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އާންމުން ނުކުމެ އުޅޭ ތަންތަނުގައި ހަރުކުރާނީ ސްމާޓް ކެމެރާތަކެކެވެ. އެ ކެމެރާތަކުން އެފަދަ އަންހެނުންގެ މޫނު ދެނެގަތުމުން، އެމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނަށް، އިންޒާރުގެ މެސެޖެއް ފޮނުވާނެ އެވެ.
އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު، އިސްތަށިގަނޑު ނިވައިވާ ގޮތަށް ބުރުގާ އެޅުން އީރާނުގައި މަޖުބޫރު ކުރީ، 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިސްލާމީ އިންގިލާބަށް ފަހު، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ އުފެއްދެވި ސަރުކާރުން އަމަލުކުރަން ފެށި ގާނޫނެއްގެ ދަށުންނެވެ. އޭގެ ފަހުން އެ ގާނޫނާ ޚިލާފަށް އުޅޭ އަންހެނުން ހައްޔަރުކުރުމާއި ޖޫރިމަނާ ކުރުމުގެ އަދަބު އަންނަނީ ތަންފީޒުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހިތު
11 April 2023
ޑިކްޓޭޓަރުން އުޅޭ ފާޑު ތިޔައީ... އަދި ހަމަބިމަށް ފައިބާނެ. ސައުދީ ގޮތަށް! ރައްޔިތުންނާ ޖައްސާލައިގެން ވެރިކަމެއް ނުކުރެވޭނެ. ދީނޭ ކިޔައިގެން ދުވަސްކޮޅަކު އުޅެވޭނީ..
ގިނި
10 April 2023
އީރަނުގެ ވެރިކަން ކުރަނީ އިސްލާމްދީނާ ވަރަށް ބީރައްޓެހި ބައެއް
ޙައވާ
10 April 2023
ޥ ރަނގަޅު ކަމެއް
ކާލާމަންނަ.
09 April 2023
އިރާނަށްވެސް ބޭނުމީ ސަޢުދީ ބުރޯ މުހައްމަދުކަހަލަ ވެރިއެއް. އޭރުން ޒަމާނީ ޑިމޮކްރަސީ އާއި ޒަމާނީ އިސްލާމިކް ވާސަން ގެނެސްދޭނެ. ޒުވާނުންނަށް ޒުވާނުން ބޭނުންވާގޮތަށް އުޅެވޭނެ. އިރާނުގެ ހާމަނާއީ ނިޒާމު އުވާލާނެ އޭރުން.
ޒަމާނީ
10 April 2023
ރަމާނީ ވާޝަން ހިފައިގެން ކާލާމަންނަ މާދަމާ ޤިޔާމަތް ދުވަހުން ކޮން އަނގައެއް ހުޅުވާނި. ނިކަން ބުނެދީބަލަ.
މުގާބޭ ބެ
10 April 2023
@ޒަމާނީ، ނުފެންނަ ހިޔާލީ ވާހަކަ ނުދައްކާ
އާދަނު33
09 April 2023
އީރާނުމީހުންނަކީ ވަރަށް ފާޑަކަށް ބުރުގާ އަޅާބައެއް. އެމީހުން ބުރުގާ އަޅަނީ އަޅާހިތަކުންނޫން. މަޖުބޫރުވެގެން. ގަދަަކަމުން ބުރުގާ އެޅުވުން އިސްލާމްދީނަކު ނޯވޭ.
މޮދީސް
09 April 2023
އިންޑިއާއިން މިޒާތުގެ ކަމެއްކުރީމަ މިރާއްޖޭ މީހުން ހާދަ ކެކޭތަން ފެނެޔޭ
އާދަނުު
09 April 2023
މަހްސާ އަމީނީ މަރުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުންނެއްނޫން، އެއީ ހުސްދޮގު. ފުލުހުން މަހްސާ އަމީނީގެ ވީޑިއޯއާއެކު ބުނެފައިވަނީ އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންކަމަށް. މިހާރުން މިކޮމެންޓު ނުޖަހާތި ހަޤީޤަތް ހާމަވެދާނެތީ.
މުގާބޭ ބެ
10 April 2023
އާދަނު ތިއީ ނޯބަލް ޕުރައިޒް ދޭން ޖެހޭ މީހެއް. ތިއޮތީ ވަރުގަދަ ތަހުލީލެއް ކޮފީ މޭޒުގައި ހުރެފަ ހަދާފަ. ރޯނު އެދުރު
ކަން އޮތް ގޮތް
09 April 2023
އިސްލާމީ ވެރިކަމެއްގައި ވެރިމީހާގެ އެންމެ އިސް ވާޖިބަކީ މާތްﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރުން. ކާއިނާތާއި އެތަނުގައި ވާހާ ތަކެއްޗެއް ހެއްދެވި، އަދި އެންމެހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއަށްވުރެ މޮޅުކަމަށް ހެދިގެން އުޅޭ ބަޔަކު މިޔަށް ދެން ކޮންމެ ނަމެއް ކިޔަސް މީ ކަން އޮންނަންޖެހޭ ގޮތް. މިނިވަންކަމޭ، ހައްގޭ ކިޔައިގެން ޖާހިލުކަމާއި ބޮޑާކަމުގައި މިއަދު އުޅެވިދާނެ. އާހިރުގައި މާދަމާ ތިމާގެ ނިކަމެތިކަން ފެންނާނެ.
ކަން ކުރަންވާ ގޮތް
09 April 2023
ކޮންމެ މީހަކަށްވެސް އަމިއްލަ އިހްތިޔާރު ލިބިގެންވޭ! ލާ އިކްރާހަ ފިއްދީނި.
ހަބީ
09 April 2023
އިސްލާމްދީނަކީ ގަދަބާރުން ކަންތައް ކުރާ ދީނެއް ނޫން. ބުރުގާ އަޅަން ބޭނުންނުވާ މީހުންގެ ގަދަކަމުން ބުރުގާ އަޅުވަނީ ކީއްކުރަން. އަދި ބުރުގާ/މޫނު ބުރުގާ އަޅާ މީހުންގެ ބުރުގާ ބާލުއްވަނީ ކީއްކުރަން.