ޚިޔާލު / ޒަކާތް

ފިތުރު ޒަކާތަކީ ވަކި އަޅުކަމެއް، ދޫކޮށްލައިފި ނަމަ ވާޖިބު އަފޫއެއް ނުކުރައްވާނެ

މި އަހަރުގެ ފިތުރު ޒަކާތް ދައްކަން ދިޔަ މީހެއްގެ ޒަކާތް އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ބަލައިގަންނަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު

ކީރިތި ރަސޫލާ ﷺ ގެ ހަދީސެއްގައި ވެ އެވެ. "ރަމަޟާން މަހުގެ ރޯދަ ވަނީ އުޑާއި ބިމާ ދެމެދު އެވެ. ފިތުރު ޒަކާތް ދިނުމުން މެނުވީ އެ ނުއުފުއްލެވޭނެ އެވެ." މި ހަދީސްގެ ސައްހަ ކަމާ މެދު އިލްމުވެރިން ވާހަކަފުޅު ދައްކަވާފައި ވެ އެވެ. ނަމަވެސް ފިތުރު ޒަކާތަކީ މުހިންމު ވާޖިބެއް ކަމަށް ވާހިނދު އެ ވާޖިބު އަދާކުރުމަށް ކޮންމެ މުސްލިމަކު ވެސް ސަމާލުކަން ދޭން ވާނެ އެވެ. އެހެނީ ފިތުރު ޒަކާތަކީ ރޯދަ އެކޭ އެއްފަދައިން އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބު ކުރެވިގެންވާ ކަމެއް ކަން ކީރިތި ނަބިއްޔާގެ ކިބައިން ސައްހަ ގޮތުގައި ސާބިތުވެފައިވެ އެވެ.

ފިތުރު ޒަކާތަކީ ރޯދައިގެ ބައެއް ނޫނެވެ. މިއީ މުސްތަގިއްލު ވަކި އަޅުކަމެކެވެ. ވީމާ ރޯދަ ހިފިއަސް އަދި މިކަން ފުރިހަމަ ނުކުރާ ނަމަ މި ވާޖިބު އަފޫ ނުކުރެވޭނެ އެވެ. އެކަމަކު، އިސްވެ ބަޔާން ކުރެވުނު ހަދީސަށް ބަލާއިރު މިއީ ރޯދައާ ވަރަށް ގުޅުން ބޮޑު އަޅުކަމެއް ކަން އެނގެ އެވެ. މިކަމަށް އިތުރަށް ބާރު ލިބެނީ ފިތުރު ޒަކާތަކީ ރޯދަވެރިޔާ އަށް ބުނެވޭ ބޭކާރު ބަސްތަކާއި ކުރެވޭ ނުރަނގަޅު އަމަލުތަކުގެ ކައްފާރާއެއް ކަމުގައި އެކަން ވާ ކަމަށް ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައި ވާތީ އެވެ. ވީމާ ތިމާ ހިފާ ރޯދައިގެ ސަވާބު ފުރިހަމަ އަށް ލިބިގަތުމަށްޓަކައި ފިތުރު ޒަކާތުގެ އަޅުކަން ވަރަށް ވެސް މުހިންމެވެ. އެކަން ދޫކޮށްލައިފި ނަމަ ރޯދަ އިން ލިބެންޖެހޭ ހަގީގީ މަންފާ ނުލިބި ދިއުން އެކަށީގެން ވެ އެވެ.

ފިތުރުޒަކާތުގެ މިންވަރާއި ޒަކާތަށް ނެރެންޖެހޭ ތަކެތި

ފިތުރު ޒަކާތުގެ ނިސާބު ހަމަވާ ކޮންމެ މީހަކު އީދު ނަމާދުގެ ކުރިން އެ ޒަކާތް ނެރުން ލާޒިމުވާނެ އެވެ. އެ ޒަކާތް ދިނުން ވާޖިބުވާ ނިސާބަކީ (މިންވަރަކީ) އެ މީހަކާއި އެ މީހަކު ހަރަދު ކުރަން ޝަރުއީ ގޮތުން ޖެހިފައިވާ މީހުން އީދު ދުވަހާއި އީދު ވިލޭރޭ ކައިބޮއެ ހަދާނެ މިންވަރަށް ވުރެ އިތުރަށް އެ މީހެއްގެ އަތުގައި ހުރުމެވެ. އެ މިންވަރު ހުރި ނަމަ ޒަކާތުގެ ގޮތުގައި ނެރޭނީ ކޮންމެ ބޮލަކަށް "ސާއާއެއް" ގެ މިންވަރެވެ. މިޒަމާނުގެ މިންތަކުން ބަލާއިރު އެއީ ދެ ކިލޯ ހަތަރު ސަތޭކަ ގްރާމެވެ. އެ ޒަކާތް ނެރުމަށް ހަދީސްގައި ބަޔާން ކުރައްވާފައި ވަނީ ކަދުރާއި ހިކިމޭބިސްކަދުރާއި ގޮދަނާއި ހިމަގޮދަނުންނެވެ. މިގޮތަށް ވަކި ބާވަތްތަކެއް ކަނޑައެޅިގެން އޮތުމުން އިހުގެ ބައެއް ފިގުހުވެރިން ވިދާޅުވެފައިވަނީ އެ ތަކެތި ނޫން އެހެން އެއްވެސް އެއްޗަކުން ފިތުރު ޒަކާތް ނެރެގެން ނުވާނެ ކަމަށެވެ. އަމިއްލަ ވިސްނުމަށް ހަދީސް މާނަކޮށްގެން އެއާ ހިލާފުވާކަށް ނުވާނެ ކަމަށެވެ.

ނަމަވެސް ފުންކޮށް ވިސްނާލާއިރު މިޒަމާނުގައި މިގޮތަށް އަމަލުކޮށްފި ނަމަ ހަގީގަތުގައި ބޭރުފުށުން ބަލާއިރު ސުންނަތަށް ތަބާވުން ކަމަށް ފެނުނަސް ސުންނަތާ އެބަ ހިލާފު ވެ އެވެ. އެހެނީ ސުންނަތުގެ ރޫހު ގެއްލިގެންދާތީ އެވެ. ފިތުރު ޒަކާތުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކަދުރު ނުވަތަ މޭބިސްކަދުރު ހޯދައިގެން އެ އިން ވަކި މިންވަރެއް ފަގީރުންނަށް ދިނުން ހެއްޔެވެ؟ ނުވަތަ އީދު ދުވަހު މުއްސަންޖެއް، ފަގީރެއް ވަކި ނުކޮށް އެންމެން ކައިބޮއި ހަދައި، އެހެން އަސާސީ ބޭނުންތައް ފުއްދައި އެންމެން އުފަލުގައި ތިބުން ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި މަގުސަދަކީ ފަހުން މި ދެންނެވި ކަންތަކެވެ. އަދި ކިއެއްތަ، އެހެން ހަދީސްތަކުން އެނގޭ ގޮތުގައި އެ ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ އެބަޔަކު އާންމުކޮށް ކާން ގެންގުޅޭ އެއްޗަކުންނެވެ.

ކީރިތި ރަސޫލާ ﷺ ވަކި ބާވަތްތަކެއް ހާއްސަކޮށް ހަދީސްގައި ބަޔާން ކުރެއްވީ އެ ޒަމާނުގައި އެތަކެއްޗަކީ އެ ޒަމާނުގައި އެންމެން އާންމުކޮށް ކާން ގެންގުޅޭ ކާޑުގެ ބާވަތްތައް ކަމަށް ވާތީ އެވެ. އެންމެންނަށް ފަސޭހައިން ލިބެން ހުރި އަދި އޭގެ ބޭނުން އެންމެންނަށް ވެސް ޖެހޭ އެ ޒަމާނަށް އެންމެ ކަމުދާ ތަކެތި ކަމަށް ވާތީ އެވެ.

ގޮވާމުން ޒަކާތް ދައްކަން މިދިޔަ އަހަރު ދިޔަ ބައެއްގެ ހަނޑޫ ކޮތަޅުތައް އިސްލާމިކް މިނިސްޓްރީގެ މުއައްޒަފުން ކިރަނީ.---ފައިލް ފޮޓޯ: ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަގުދަކީ (ދީނާރާއި ދިރުހަމް) އެ ޒަމާނުގައި ކޮންމެކޮންމެ މީހަކަށް ފަސޭހަ އެއްޗެއް ނޫނެވެ. ގަނެ ވިއްކުމުގައި ނަގުދަށް ވުރެ ތަކެތި ބޭނުން ކުރުމަކީ މާ އާންމު ކަމެކެވެ. އަދި ފަސޭހަ ގޮތެކެވެ. މިސާލަކަށް ގޮދަން ކޮޅެއް ގަންނަ މީހާ ދީނާރާއި ދިރުހަމް ދީފައި އެ ގަތުމަށް ވުރެ އެހެން ކޮންމެވެސް ކާއެއްޗެއް ދީފައި އެ ގަތުން ފަސޭހަ އެވެ. އަނެއްކޮޅުން ދެ މުދާ އެގޮތަށް ބަދަލު ކުރުމުން ދެ ފަރާތަށް ވެސް ފައިދާ ބޮޑުވެފައި އިތުރު އުދަނގޫތަކާ ކުރިމަތިލާން ނުޖެހެ އެވެ.

އެކަމަކު، މިއަދު މިއޮތީ ޒަމާން ބަދަލު ވެފަ އެވެ. ކޮންމެ އެއްޗެއް ގަންނަން ބޭނުން މީހަކު ވެސް ނަގުދު (މިޒަމާނުގައި ރަނާއި ރިހީގެ ރަމްޒުގެ ގޮތުގައި ބޭނުން ކުރާ ކަރުދާސްކޮޅު) ބޭނުން ކުރުމަކީ އެންމެންނަށް ވެސް އެންމެ ފަސޭހަ ގޮތެވެ. އެ ނޫން ގޮތަކަށް ވިޔަފާރި ކުރުމަކީ މިހާރު ނާދިރު ކަމެކެވެ. ހަނޑޫ ކޮޅެއް ގަންނަން ގޮދަން ކޮޅެއް ނުވަތަ އެހެން މުދަލެއް ހޯދާކަށް ނުޖެހެ އެވެ. އެ ގަންނަން ލިބެނީ "ރުފިޔާ" ދީފަ އެވެ. އެ ގޮތް މާ ފަސޭހަ އެވެ. އަނެއްކޮޅުން ބަލާއިރު ހަދީސްގައި ބަޔާން ވެފައިވާ ތަކެތި ދީގެން ފިތުރު ޒަކާތުގެ އަސްލު މަގުސަދު މިޒަމާނުގައި ހާސިލުވާލެއް ކުޑަވާނެ އެވެ. މިސާލަކަށް މީހަކު ގޮދަން ގަނެފައި ޒަކާތުގެ ގޮތުގައި ދިނަސް އެ ލިބޭ މީހާ ބޭނުން ވާނީ އެ ވިއްކާލާފައި އޭނާ ބޭނުން އެހެން އެއްޗެއް ގަންނާށެވެ. ވީމާ ހަދީސްގެ ރޫހަށް ނުވަތަ އޭގެ މަގުސަދަށް ބަލާއިރު މިޒަމާނުގައި އެންމެ ފައިދާ ބޮޑީ ޒަކާތަށް ނެރޭ މިންވަރު ގަނެވޭ ވަރަށް ނަގުދު ފައިސާ ދިނުމެވެ. ނުވަތަ މިޒަމާނުގައި އާންމުކޮށް އެ ތަނެއްގައި ކައިބޮއެ އުޅޭ އާންމު އެއްޗަކުން މިސާލަކަށް ހަނޑޫ ނުވަތަ ފުށް ކަހަލަ އެއްޗަކުން ޒަކާތް ނެރުމެވެ. ހަދީސްގެ ބޭރުފުށުގެ މާނައަށް ބަލާއިރު ހަދީސާ ހިލާފުވިއަސް ހަގީގަތުގައި ހަދީސަށް ތަބާ ވެވޭނީ މިގޮތަށް އަމަލު ކޮށްގެންނެވެ. ވީމާ މިޒަމާނުގައި ޒަކާތް ދިނުން އެންމެ އައުލާ ވެގެންވާނީ ނަގުދު ފައިސާއިން ދިނުމެވެ.

ފިތުރު ޒަކާތް ދައްކާނީ ކޮން ތަނަކަށް؟

މިޒަކާތް ނެރުމުގައި، އިސްލާމީ ދައުލަތެއްގެ ފަރާތުން ޒަކާތް ނަގައި ބެހުމުގެ އިންތިޒާމު ރޭވިފައިވާ ނަމަ ޒަކާތް ދިނުމަށްޓަކައި އެކަން އިންތިޒާމު ކުރާ ބަޔަކާ ހަވާލު ކުރަން ޖެހޭނެ އެވެ. އެހެނީ ކީރިތި ޤުރުއާނުގައި މާތް ނަބިއްޔާއާ މުހާތަބު ކުރައްވައި ޒަކާތް "ނެންގެވުމަށް" އަމުރު ކުރައްވާފައި ވާތީ އެވެ. (އައްތައުބާ 103). ދައުލަތުގެ ފަރާތުން އެ އިންތިޒާމް ހަމަޖައްސާފައި ނުވާ ހާލަތެއްގައި އެކަން ކުރާ އެހެން ބަޔަކު އުޅޭ ނަމަ އެ ބަޔަކާ ވެސް ހަވާލު ކުރެވިދާނެ އެވެ.

ފިތުރު ޒަކާތަކީ ރޯދައިގެ ބައެއް ނޫނެވެ. މިއީ މުސްތަގިއްލު ވަކި އަޅުކަމެކެވެ. ވީމާ ރޯދަ ހިފިއަސް އަދި މިކަން ފުރިހަމަ ނުކުރާ ނަމަ މި ވާޖިބު އަފޫ ނުކުރެވޭނެ އެވެ. އެކަމަކު، އިސްވެ ބަޔާން ކުރެވުނު ހަދީސަށް ބަލާއިރު މިއީ ރޯދައާ ވަރަށް ގުޅުން ބޮޑު އަޅުކަމެއް ކަން އެނގެ އެވެ.

މިއިން އެއްވެސް ގޮތެއް ނެތިއްޖެ ނަމަ ނުވަތަ މިފަދަ ބަޔަކާ ހަވާލު ކުރެވޭ ގޮތް ދިމާ ނުވެއްޖެ ނަމަ ދެން ސީދާ އަމިއްލަ އަށް ފަގީރުންނަށް ނުވަތަ މިސްކީނުންނަށް ދޭނީ އެވެ.

ފިތުރުޒަކާތް ނެރެންޖެހޭ މީހުންނާއި ބެހެނިވެރިން

ފިތުރު ޒަކާތް ނެރުމުގައި އެ ބަޔަކަށް ހަރަދު ކުރަން ޝަރުއީ ގޮތުން ޖެހިފައިވާ ހުރިހާ އެންމެންގެ މަތިން ޒަކާތް ނެރޭނީ އެ ހަރަދު ކުރާ މީހާ އެވެ. ހަރަދު ކުރެވޭ މީހުން އަމިއްލަ އަށް ޒަކާތް ނެރޭކަށް ނުޖެހޭނެ އެވެ. ވީމާ އަނބިމީހާ އާއި ދަރިން އަދި މުސާރަ ނުދީ ހުރިހާ ހަރަދެއް ކޮށްދީގެން ގެންގުޅޭ މަސައްކަތު މީހުންގެ މަތިން ޒަކާތް ނެރޭނީ އެ އެންމެންގެ ބަލަދުވެރިޔާ އެވެ. މިޒަކާތުގެ ބެހެނިވެރިންނާ މެދު އިމާމް މާލިކު ވިދާޅުވެފައިވަނީ ހަމައެކަނި ފަގީރުންނާއި މިސްކީނުން ކަމަށެވެ. ނަމަވެސް އެހެން އިލްމުވެރިން ވިދާޅުވަނީ މުދަލު ޒަކާތުގެ ކޮންމެ ބެހެނިވެރިއަކަށް ވެސް މިޒަކާތުން ދެވިދާނެ ކަމަށެވެ.

ކޮންމެ އަކަސް މި އަޅުކަން ފުރިހަމަ ކުރުމަށް ކޮންމެ މުސްލިމަކު ވެސް އަވަސް ވާން ޖެހޭނެ އެވެ. ރަމަޟާން މަހުގެ މިހާތަނަށް އައި އިރު ޒަކާތް ނުދެއްކި ވާ ނަމަ އެކަމަށް އަވަސްވެ ގަތުން މުހިންމެވެ. އަދި އެންމެ ލަސްވެގެން އީދު ނަމާދުގެ ކުރިން އެކަން ކުރެވޭތޯ ބެލުން ލާޒިމެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިރު ސައި

16 April 2023

އަމިއްލައަށް ދީނުގެކަންކަން ބަދަލުކޮށް، އާ ކަންކަން އުފެއްދައިގެން އުޅުމަކުން އެ ނުވާނެ ރަގަޅުކަމަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454