ގާސިމް މަރާލި ކަމަށް ތަހުގީގުގާ އެއްބަސްވެފައިވާ އަދުހަމް: އޭނާ މަރަން ވަނީ ހުކުމްކޮށްފައި.
16 އެޕްރީލް 2023 - 11:31
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަދުހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާ އެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީ އެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި މި ވަގުތު ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފަ އެވެ.
ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައިވެ އެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ މަހު 19 ގައި ބޭއްވި ޝަރީއަތުގަ އެވެ. އެ ޝަރީއަތުގައި ގާޒީ ވިދާޅުވެފައި ވަނީ ގާސިމަށް ހަމަލާދިން ސަބަބާ ބެހޭ ގޮތުން އެކި ފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ވަޅި ހެރި ކަމަށް އޭނާ ކޮންމެ ފަހަރަކު ވެސް އެއްބަސްވެފައިވާ ކަމަށެވެ.
އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައި ވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައި ވާތީ އެކަމާ ބެހޭ ގޮތުން ގާޒީ ވިދާޅުވީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ.
ގާޒީ ވިދާޅުވި ގޮތުގައި ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެކެވެ. އަދި ހަމަލާއަށްފަހު ގާސިމް އެހީއަށް އެދި ގޮވަމުން ދަނިކޮށް އެހީވުމުގެ ބަދަލުގައި އަދުހަމް ކުށުގެ ވެށިން ފިލާފައިވާތީ އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
މަރާލާފައިވާ ގާސިމް ހަސަން: އޭނާ މަރާލިކަމުގެ ކުށް ސާބިތުވެ އަދުހަމް މަރަން ވަނީ ހުކުމްކޮށްފައި.
ގާޒީ ވިދާޅުވި ގޮތުގައި، ހަމަލާދިން ވަގުތު ހުރީ މަސްތުވެގެން ކަމަށް އަދުހަމް ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫންކަން އޭނާ ފޭރެން މަސައްކަތްކޮށްފައިވާތީ އެނގޭ ކަމަށެވެ.
ގާސިމް މަރުވީ އޭނާގެ ކަރަށް ލިބުނު ޒަހަމްތަކުން ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގޭއިރު، އެކަމާ މެދު އަދުހަމް ސުވާލު އުފައްދާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ގާސިމްގެ ލޭ ހުއްދަ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގު އަތުލެވޭނީ ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި ގާސިމްގެ މައްޗަށް އެފަދަ ހުކުމެއް ނެތުމުން އޭނާ މަރާލީ އެއްވެސް ހައްގަކާނުލައި ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. އަދި އެ އަމަލު ހިންގީ އަދުހަމްގެ ފުރިހަމަ އިހްތިޔާރުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.
ކުށަށް އިއުތިރާފްވީ މަސްތުގެ ހާލުގައި ހުއްޓާ މަޖުބޫރުކޮށްގެން ކަމަށް އަދުހަމް ކުރިން ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ތަހުގީގުގައި ކުށަށް އެއްބަސްވުމަށްފަހު އަދި ދައުލަތާ އެކު އަދަބު ލުއިކުރަން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އަދި ފަހުން ކޯޓުގައި އެކިފަހަރު ކުށަށް އެއްބަސްވެފައި ވާތީ އޭނާ ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހުރު
16 April 2023
ބަދަލުގަ ކުކުޅެއް ގުރުބާން ނުކޮށް ސީދާ މީނާ އަށް މަރުގެ ހުކުމް ތަންފީޒުކުރޭ
ސަލާމަތް
16 April 2023
ހައްލަކީ އުމަރު
އަންޝް
16 April 2023
އުމަރު 2023
ވަހީދުބެ
16 April 2023
މަރަން ހުކުމްކޮށްފައި ދުވަސްކޮޅަކަށް ކާންދީ ބަލަހައްޓާފަ ދޫކޮށްލާ
ޢަރުތަ
16 April 2023
އަޒްލީނާ ނަފީސް މަރާލި މީހާވެސް.................
ސަދޫމު ސިޓީ
16 April 2023
މީހަކު މަރާލުމަކީ އާދައިގެ ކަމަކަށް ހަދަނީތަ މި ގައުމުގެ ވެރިން މި ގައުމަކުނެތް މީހުން މަރާމީހުން މަރަން ކެރޭވަރު ވެރިޔެއް މި ބުނަނީ ތާކު މީހަކުހުއްޓަ ހަމަ މަރާވާހަކައެތްނޫން މީހަކު ގަސްތުގަ މެރީމަ ސަރުއީ ކޯޓުތަކުން ސާބިތުވެ ހުކުމް ކުރީމަ މަރާވާހަކަ އަހަރުމެން އިސްލާމްދޫނުގަ އޮންނަގިތްވެސް މި ގާޒީންނަށް ނޭނގެނީ ކަންނޭންގެ ނޫނީ މިގައުމުގަ ވެރިޔަކަށް ހުންނަބޭފުޅަކަށްވެސް ނޭނގެނީ ހެން ހީވަނީ
ސަދޫމު ހުކުމް
16 April 2023
ސުރުހީވެސް ބަދަލުކުރަން ފެނޭ އަދުހަމު 25 އަހަރަށް ޖަލައްލާން ހުކުމް ކޮށްފި ދެންއަންނަ ރިޔާސީ އިންތިހާބަކަށް މީނަ ފެމެލީ މިހުންދާނެ ކޮންމެވެސް ރިޔާސީ ކެނޑިޑޭތެއް ކައިރިޔައް ގޮސް ވޯޓު ދޭނަމޭ ބުނީމަ ދޫކޮށްލަ ފާނެ ﷲ ގެ ސަރީއަތައް ހުކުމް ނުކުރި ބަޔަކަށްވުރެން ނުބައި ބަޔަކީ ކޮބައިތޯ މިހާރު ތިހެން ހުކުމް ކުރެވިދާނެ އެކަމަކު ތިހުރިހާ ކަމަކަށް ޖަވާބު ދާރީ ވާންޖެހޭ ދުވަހެތް އަންނާނެ އެދުވަހުން ސަހަރޯ ހީވާނެ ﷲ ގެ ސަރީއަތް ބޮލާލާ ޖެހުނީތީ
ސަސ
16 April 2023
މީހަކު މަރާލައިގެން މަރަން ހުކުމް ކޮއްފީއްޔާ ވާނެ ހުކުމް ތަންފީޒު ކުރަން
ގެދާނޯމޮސް
16 April 2023
އެކަން ރިޔާސީ އިންތިޚާބުގެ ވަޢުދު ތަކުގެ އޮނިގަނޑުގެ ތެރެއިން ތަންފީޒުކޮށް ވޯޓްވެސް ލެވޭނެ ގޮތް ހަމަޖެހޭނެ : ހާސްކަނޑާލާ :
ކިންގް ޔާމީން
16 April 2023
އިބުރާހިމްގެ ދައުރުވެސް މިނިމެނީ މަރުގެ ހުކުމް ތަންފީޒު ކޮށްނުލާ. އެކަމަކު އަދިވެސް އެބަކިޔާ ދެވަނަ ދައުރޭ..
ފޮނިފޮނިޓައްޕު ކުމާރު
16 April 2023
ސޯލިހޫ. މިކަމާ އުޅެމާ ބަހީ.
ހަމްދަމް
16 April 2023
ކޮންމެ ހެން މަސަތުވެގެން ހުންނަން ޖެހޭތަ