އުދައްޔުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހުން: އެ ދެ މީހުން މެރުމަށް ވަނީ ހުކުމްކޮށްފައި
28 ސެޕްޓެމްބަރ 2025 - 18:31
ގއ. މާމެންދޫގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ފެބްރުއަރީ، 2021 ގައި މާމެންދޫގައި ހިންގި މާރާމާރީގައި އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
އެ މައްސަލާގައި ދެން ދައުވާލިބުނު އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އަދި މާޒިންގެ މައްޗަށް ވެސް އެ ކުށް ސާބިތުވި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ އުދައްޔުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ ޝަމީމާއި މާޒިން މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ. އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން 10 އަހަރަށް ޖަލަށްލާން ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ އިތުރުން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވި ޝަރަފް ހަތް އަހަރަށް ޖަލަށްލާން ހުކުމް ކުރެއްވީ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. ނަމަވެސް އެ ދެ މީހުން ވެސް ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުވާލިބުނު ޝަރަފް (ކ) ގައި އަދި ޝަމީމް (މ) ގައި މާޒިން (ވ) ގައި
އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އުދައްޔުގެ ބައްޕަ ބުނީ އެ މީހުންނަށް ދޭން ބޭނުންވަނީ އެންމެ ބޮޑު އަދަބެއް ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރުގެ އަދަބު ދޭން އޭނާ އެދުނެވެ.
އުދައްޔުގެ މަންމަ ބުނީ ޝަމީމާއި މާޒިން ކުރި ކަންތައް އެ މީހުން އަމިއްލައަށް ތެދުބަހުން ކިޔައިދީފިނަމަ މައާފް ދޭން ތައްޔާރަށް ހުރި ކަމަށެވެ. އަދި އެ މީހުންނަށް މައާފް ދޭން ބައެއް މީހުން އެދުނަސް، އުދައްޔު މަރާލި ރޭ ހިނގި ކަންކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް ރޮމުން އޭނާގެ މަންމަ ބުންޏެވެ.
އެގޮތުން ދައުވާލިބޭ މާޒިން، އެ އަމަލު ހިންގުމަށްފަހު ތިމަންނައަކީ "ކިންގް" ކަމަށް ބުނެ އެރޭ ވާހަކަ ދެއްކިކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް އުދައްޔުގެ މަންމަ ބުންޏެވެ.
އެގޮތަށް ބުނުމުން، ގާޒީ ނަދީމް ވިދާޅުވީ މަރުގެ އަދަބާ މެދު ގޮތް ނިންމަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށާއި އެހެން މީހަކު ބުނާ ގޮތެއް ހަދަން ނުޖެހޭނެ ކަމަށެވެ. އެހެންވެ، އުދައްޔުގެ މަންމަ ބޭނުންވާ ގޮތެއް އިހްތިޔާރު ކުރުމަށް ގާޒީ އެދިވަޑައިގަތެވެ.
އެގޮތަށް ގާޒީ ވިދާޅުވުމުން، އުދައްޔުގެ މަންމަ ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.
"ހަމަ މަރަށް މަރު މަ ބޭނުމީ، ނަފްސަކަށް ނަފްސެއް މަ ބޭނުމީ." އުދައްޔުގެ މަންމަ ބުންޏެވެ.
އުދައްޔުގެ މަންމަގެ އެ ވާހަކަތަކާ ގުޅިގެން، ވާހަކަ ދެއްކުމުގެ ފުރުސަތު ޝަމީމާއި މާޒިންއަށް ގާޒީ ދެއްވި އެވެ. އެ ފުރުސަތު، އެ ދެ މީހުން ވެސް ބުނީ އުދައްޔުއަށް އަނިޔާވާ ފަދަ އެއްވެސް ކަމެއްގައި އެ މީހުން ބައިވެރިނުވާ ކަމަށެވެ.
އެ މީހުންގެ ވާހަކަތަކަށް ފަހު، އުދައްޔުގެ މަންމަ އާއި ބައްޕައާ ދެވަނަ ފަހަރަށް ގާޒީ ސުވާލު ކުރެއްވި އެވެ. އެ ފުރުސަތުގައި އެ ދެ މީހުން އަނެއްކާވެސް ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.
ދައުލަތުން ބުނީ އުދައްޔުއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލަށް ގެންދިޔައިރު، ދައުވާލިބޭ މީހުން ތިބީ އުފާ ފާޅުކުރަން ކަމަށެވެ. އަދި އުދައްޔުގެ މަންމަ އާއި ބައްޕަ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ މަރުގެ އަދަބު ދޭން ދައުލަތުން އެދުނެވެ.
ޝަމީމާއި މާޒިންގެ ވަކީލް ވިދާޅުވީ އުދައްޔުގެ މަރުގައި އެ މީހުންގެ ބައިވެރިވިކަން ސާބިތުވެފައިވާ މިންވަރާއި މަރުގެ އަދަބު ކަނޑައެޅުމާއި މައާފް ދިނުމާ ބެހޭގޮތުން އުދައްޔުގެ ވާރިސުންނަށް އެކަށީގެންވާ މައުލޫމާތު ޝަރީއަތުގެ ފަރާތުން ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.
އެ މައްސަލާގައި ތޫނު ހަތިޔާރަކާ އެކު މާރާމާރީގެ ކުށް ސާބިތުވި، ޝަރަފްގެ މައްޗަށް 10 އަހަރުގެ ޖަލު އަދަބެއް ކަނޑައަޅަން ދައުލަތުން އެދުނެވެ. ނަމަވެސް ޝަރަފްގެ ވަކީލް ވިދާޅުވީ އެކަމުގައި އޭނާ ބައިވެރިވި މިންވަރާއި ތަހުގީގާއި ޝަރީއަތަށް ދީފައިވާ އެއްބާރުލުމަށް ރިއާޔަތްކޮށް، ދޭންޖެހޭނީ ލުއި އަދަބެއް ކަމަށެވެ.
އުދައްޔުގެ މަރާ ގުޅިގެން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ވަނީ ކުރިން ކުށް ސާބިތުވެފަ އެވެ. އެ ކުއްޖާ 25 އަހަރަށް ޖަލަށްލާން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
އުދައްޔުގެ މަރާ ގުޅިގެން ދެ މީހަކު މެރުމަށް ހުކުމްކުރި ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާބެ.
01 October 2025
ކޯޓުތަކާ ސަރުކާރުގެ އިދާރާތައް މެދުވެރިވެގެން މިކަން ބަދަލްކުރާނެ ގިނަފަހަރައް ވާރިސުންނަށް އިންފުލޫއެނސްކޮށްގެން މައާފްދޭން ލަސްކުރަނީ ޝަރީއައްތައް މިއީ މިކަން މިހިނގާގޮތަކީ ، ތަޔަކަން ތަންފީޒުއަވަހައްކޮށް ނިންމަންޖެހޭން ޔޫރަޕުން ބުނާގޮތައް ސިޔާސަތުޖަދަންވެގެން ލަސްކޮށް އެއްވެސް މޯހަކަށް މިރާއްޖޭގަ ތިފަދަކަމަކަށް މަރުގެ ހުކުން ތަފީޒުވެގެން ނުދާނެ، މިލިއނުން ވައކަން ކުރާމީހާޔައް މާދުދޭގައުމެއް ، ނިމެތި ރިހާކުރު ފުޅި ނަގާމޯހާ އުމުރައް ޖަލުގަ
ނުރަބޯ
30 September 2025
ތަންފީޒު ނުކުރެވޭ ޙުކުމެއް ކުރުމުގެ ބޭނުމެއްނެތް.
އަބްދުﷲ
29 September 2025
މެރުމަށް ހުކުމް ކުރީމަ އެހުކުމް ތަންފީޒު ނުކުރާތީވެ މިރާއްޖޭގައި މީހުން މެރުން ފަދަ ކުށްތައް ކޮންޓްރޯލް ނުވެ އިތުރުވަނީ. މީހަކު މަރާލައިފައިވާ މީހަކު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މަނިކުފާނު ދޫކޮށް ލުމުން ދެވަނަ މީހާ މަރާލައިފައި ވެސް އެބަހުރި. މިގައުމު ހަމަ މަގަށް އެޅުވޭނީ ދައުލަތުން ވައްކަން ކުރާ މީހުންނާއި، ޑްރަގް ވިޔަފާރި ކުރާމީހުން އަދި މީހުން މަރާ މީހުން މަރުމަށް ހުކުމް ކޮށް އެހުކުމް ތަންފީޒު ކުރުމުން.
މަރުވާނީ
29 September 2025
މުސްކުޅިވެގެން ނޫނީ ބަލިވެގެން ދޯ ތިމީހުން ޖަލުގަ ތިބެގެން މަރުވާނީ... ހެހެހެ ނޫނީ 25 އަހަރު ވީމަ ދޫކޮށްލާނެ. މިނިވަނުން ގޮތުގައި ތިބޭނީ
އަސަރަފަ
29 September 2025
މިރާއްޖޭގަ އިންސާފެއް ނުލިބޭނެ
ހަމްދާ
29 September 2025
މަރަށް ހުކުމްކޮށްފިއޭ ބުނުމުން މިގައުމުގަ ވަނީ ޖޯކަކަށް
ކިންގު
29 September 2025
މަރައްހުކުމް ކޮއއފަ ހުރި މީހަކު ދައުލަތުން ނުމަރާ ދޫކޮއްފަ ހުއްޓާ ވަރިސުން އޭނާ މަރާލީމާ ދެންވާނީ ކިހިނެއް
އަބްޑޫޅް +
29 September 2025
އެހެންތަ؟ އެންމެ އުދައްޔެއް މަރާލައިގެން ދެމީހުން މަރަނ؟ ދެ މީހުންގެ ބަދަލުގަ، ދެ އުދަލި މަރާލަން ނިޔާ ކުރިނަމަ.
ޕިސް
29 September 2025
ކަލޭ ހާދަ މަޖާ ކޮމެންޓެކޭ ދޯ ތިކޮއްލީ؟؟
ރާވެރިބެ
29 September 2025
މަރަން ހުކުމް ކުރެވިދާނެ. މަރުގެ އަދަބު ތަންފީޒު ނުކުރާނެ.
ޒަރީރު
29 September 2025
ގައްޑާ ގޮލައިންތަކެއް
ވާނުވާ.
29 September 2025
ކިންގު ފެނިއްޖިދޯ ތި ... ޔައް؟