ކ. ކާށިދޫގައި މީގެ 12 އަހަރު ކުރިން ވަޅިން ހަމަލާދީ މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖުލައި 2012 ގައި އާދަމް ހަލީމަށް ހަމަލާދީ މަރާލި މައްސަލާގައި ކ. ކާށިދޫ ސުވާސާގޭ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު ވެސް ހުކުމްކުރި އެވެ. އަދި އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް 2024 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.
އެ މައްސަލަ އަލުން ބެލުމަށް ފަހު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އާދަމް ހަލީމްގެ ވާރިސުންގެ ބަސް މިއަދު ނެގިއިރު، އެ އެންމެން ވެސް ސަމާހުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާތީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ސަމާހު މެރުމަށް ހުކުމްކުރީ މިއަދު ހަވީރު ބޭއްވި މަޖިލީހެއްގަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އާދަމް ހަލީމަށް ސަމާހު ހަމަލާދިނީ އޭނާ ގޭ ބަންދުކޮށްފައި ހުއްޓާ ގެއިން ބޭރަށް ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ނަމަވެސް ސަމާހު ބުނެފައިވާ ގޮތުގައި އޭނާ ހަމަލާދިނީ މެރުމުގެ ގަސްދުގައެއް ނޫނެވެ.
ސަމާހު މަރަން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިިމި، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި ނަމަ އެވެ. ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައި ތިބި ތިން މީހަކު މިހާރު ވެސް ޖަލުގައި އެބަތިއްބެވެ.