ކ. ކާށިދޫގައި މީގެ 14 އަހަރު ކުރިން ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހުގެ މައްސަލަ ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ބެލުމަށް ފަހު ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ނިންމައިފި އެވެ.
ޖުލައި 2012 ގައި ކ. ކާށިދޫ ކެތި، ސާޖަންޓް އާދަމް ހަލީމަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި އެ ރަށު ސުވާސާގޭ ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2012 ވަނަ އަހަރު ހުކުމްކުރި ނަމަވެސް އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިދިޔަ އަހަރު އެންގި އެވެ.
ސުޕްރީމް ކޯޓުގެ އެންގުމާ އެކު، އެ މައްސަލަ އަލުން ބެލުމަށް ފަހު، ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅި ނަމަވެސް އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އެ ކޯޓުން ބުންޏެވެ.
ސަމާހު މެރުމަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ކުރިން އެންގީ ސަމާހު ވެފައިވާ އިއުތިރާފަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރެވޭތީ، އިތުރު ހެކިތަކެއް ހުރިތޯ ބެލުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އާދަމް ހަލީމަށް ސަމާހު ހަމަލާދިނީ ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ. ނަމަވެސް ސަމާހުގެ ފަރާތުން ބުނެފައިވަނީ ހަމަލާދިނީ މެރުމުގެ ގަސްދުގައި ނޫން ކަމަށެވެ.