24 އެޕްރީލް 2023 - 12:18
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި "ސަރުކާރުން ހެދި ޑީލް" ހާމަ ކުރުމަށާއި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލަ ފާސްކޮށްފި އެވެ.
މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ އަޣުލަބިއްޔަތު އޮންނަ އިރު އިދިކޮޅު ފަރާތްތަކުން ހުށަހަޅާ އެއްވެސް ކުއްލި މައްސަލަތައް ވަރަށް މަދުން ނޫނީ މީގެ ކުރިން ފާހެއް ނުވެ އެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީފުޅު ހާމަކުރުމަށާއި ސަރުކާރުން މިހާތަނަށް ގެންގުޅުނު ސްޓޭންޑް ބަދަލު ކުރުމަށް އަޑި ނޭނގޭ ޑީލެއް ހެދި ކަމަށް ތުހުމަތު ކުރާ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން 23 މެންބަރުންގެ ވޯޓާއެކު ފާސްކުރި އެވެ.
އެ މައްސަލަ އަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ހިމެނެ އެވެ. މައްސަލަ ފާސްކުރުމާ ދެކޮޅަށް ސަރުކާރަށް ތާއީދު ކުރާ 19 މެންބަރަކު ވޯޓު ދެއްވި އެވެ.
އެ މައްސަލަ އަށް ބަހުސް ކުރައްވަމުން އިދިކޮޅު ފަރާތްތަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން އެކަން ކުރީ ރައްޔިތުންގެ މަޖިލީހަށް ސިއްރުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ޑީލެއް ހިނގި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ. އަދި އެއީ މި ސަރުކާރުން ރާއްޖޭގެ ބޮޑު ބައެއް ވިއްކާލުން ކަމަށް ވިދާޅުވެ އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން ސަރުކާރު ފެކްޝަންގައި ހުންނެވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުއްޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ޗާގޯސް މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި ނަމަވެސް ރާއްޖެ އިން އެއްވެސް ސަރަހައްދެއް ނުގެއްލޭ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އެއްޗެއް ނޫން. އެހެންވެ ގެއްލުނު ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ކީއްވެގެންތޯ މަނިކުފާނުގެ [ނަޝީދުގެ] ވެރިކަމުގައި ފޯޅަވެއްސަކީ މިތަނުގެ ތަނެއް ކަމުގައި ނިންމަވާފައި ނެތީ. ކީއްވެގެންތޯ ކޯޓަށް މައްސަލަ ހުށަހެޅުއްވީ. އެއަށް ޖަވާބު ދެއްވާ -- ޝަރީފް
ޝަހީމް ވިދާޅުވިގޮތުގައި، އެ މައްސަލަ އަށް ބަހުސް ކުރަން އޭނާ ވޯޓު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މިއަދު ތިއްބެވި ސަރުކާރަށް ތާއީދު ކުރައްވާ ހުރިހާ މެންބަރުން ވެސް ހަގީގަތަށް ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މީގެ 500 އަހަރު ކުރިން ހިފާފައި އޮތް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ހުކުމް ކުރުމަކީ ރާއްޖޭގެ ބާރު އޮތް ކަމެއް ނޫން ކަމަށާއި ބައިނަލްއަގުވާމީ ކޯޓެއްގައި ހިނގާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ބަރޯސާވާ ކަންކަން ނޫން ކަމަށެވެ.
"ކީއްވެގެންތޯ މަނިކުފާނުގެ [ނަޝީދުގެ] ވެރިކަމުގައި ފޯޅަވެއްސަކީ މިތަނުގެ ތަނެއް ކަމުގައި ނިންމަވާފައި ނެތީ. ކީއްވެގެންތޯ ކޯޓަށް މައްސަލަ ހުށަހެޅުއްވީ. އެއަށް ޖަވާބު ދެއްވާ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވާހަކަ ދައްކަވަމުން ދިޔަ އިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު ގެންދެވީ ތަކުރާރުކޮށް ވާހަކަ މެދު ކަނޑާލައި އެ މައުލޫއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައި ވަނީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ މައްސަލައެއް ދިމާވެދާނެތީ ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ.
ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.
އަންނަ ހުކުރު ދުވަހު އެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންޖު
25 April 2023
އަހަރެމެން ކުދިން ކިޔަވާ ފޮތުގަ ވެސް ލިޔެ ކިޔަވަވެސް ދޭނަން މިސަރުކާރުން ޤައުމު ވިއްކާލި ވާހަކަ
އަލީރާޖާ
25 April 2023
ރާއްޖެއަށް ދުވަހަކުވެސް ލިބިފައި ނެތް އެއްޗެއް ގެއްލޭނީ ކިިހިނެއްބާ؟
ކަބޯ
25 April 2023
ލިބެން އޮތް ފައިދާއެއް ނުލިބުމުން ކިޔާނީ ގެއްލުން. ވިޔަފާރިވެރިޔާވެސް އޭނާއަށް ލިބޭނެ ކަމަށް ހިސާބު ޖަހާއެތި ނުލިބުމުން ބަލާނީ ގެއްލުމެއް ގޮތުގަ. ތި ލޯނުތަށް ނަގާ ބޭންކް ތަކުން ވެސް އުސޫލު އޮންނާނީ އެހެނެވެ.
ދިފާއު
25 April 2023
ދިފާއު ކުރާ މެމްބަރުން ނަން ނޯޓު ކުރޭ
ކްރޫސް
25 April 2023
ސަރުކާރު ދިފާއުވާންށޭ؟ ބަލަ ދިވެހި ދައުލަތަކީ އެންމެހާ ދިވެހިރައްޔިތުންގެ ދައުލަތަކަށް ވާއިރު ދައުލަތް ނުވަތަ ސަރުކާރު ކޮންކަމަކުންތަ ދިފާއުވާން އުޅެނީ؟ ސަރުކާރު ދިފާއުވާންށޭ ބުނީމަ އެއިން އެނގިގެން މިދަނީ ދިވެހިންގެ އެންމެމަތީ މަސްލަހަތު ގެއްލޭގޮތަށް ޗާގޯސް މައްސަލައިގަ ސަރުކާރުން އަމަލުކޮށްފައިވާކަން.. އެހެންވެއްޖެނަމަ ސަރުކާރަށް ދިފާއެއް ނުވެވޭނެ..
ބޮޑުމީހާ
24 April 2023
އައިސީޖީއަކީ ކޯޓަކަސް އެމީހުން ނެރޭނީ އޮޕީނިއަން. އަދި އެނިންމުން ތަންފީޒުކުރާނެ ކެޕާސިޓީ އަދި ބާރެއް އެތާގެ ނެތް. އެގޮތުން ޗާގޮސް މައްސަލާގައި އިގިރޭސިން ދޫދޭނެކަމަށް ދެކުމަކީ ގޯހެއް. ބައިނަލްއަގްވާމީ މައިދާނުގައި ދައުލަތް ތަމްސީލުކުރަންވާނީ ދިވެހިދައުލަތަށް އެންމެ ފަހިވާގޮތަށް. މައްސަލަ ނުނިމެނީ މޮރިޝަސް މިސަރުކާރުން ތާއިދުކޮށް ސިޓީ ފޮނުވުމަކީ ގޮތްނޭގޭ ކަންތައްތަކެއް އޭގެތެރޭގައި ހިމެނުން، ނޫނީ ސޯލިހަށް ވާނުވާނޭގެނީ
ބަނަ ދުވަސް
24 April 2023
ތިޔަކަން ނިމޭނީ އިންޑިޔާގެ ހަގުދަރި ދިވެހި ސަރުކާރުގެ ރުހުންލިބިގެން މޮރިޝަސް ކޮޅަށް. އޭރުންތާ މޮރިޝަސްވެސް ޢިންޑިޔާގެ މަސްލަޙަތު އޮންނަ ތަނަކަށް ބަދަލުކޮށްގެން ރައްޖެއަކީ އިންޑިޔާ ގެ ވަށައިޖެހިފައި އިން ތަނެއްގެ ގޮތހުގައިވެ، އިންޑިޔާގެ ސްޓޭއް ކަމަށް ކިޔަން ފަސޭހަ ވާނީ
އޮނަރަބްލް އަފީފު ދީދީ
24 April 2023
އިމުގެމައްސަލައިގަ، ރާއްޖެއާއި މޮރިޝަސްއާއި ދެމެދު އުފެދިފައިވާހިލާފުތަކަކީ ހަމައެކަނި ރާއްޖޭގެ ޤާނޫނީއިލްމުވެރިޔާ ޑރ މުޙައްމަދު މުނައްވަރު އާއި، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އާއި ގުޅުންއޮތް އެބޭފުޅުންގެ އެކަނި މަސްލަހަތުހިމެނޭކަމެއްކަމަށް ޤާނޫނުހަދާމަޖިލިސް މެންބަރުންނަށްހީފުޅުވެ ވަޑައިގަންނަވާކަމަށް ދޭހަވާގޮތަކަށް މެންބަރުންގެވާހަކަހުރުމަކީ ވަރަށްދެރަކަމެއް. މިއީ ޤާނޫނުހަދާ މަޖިލިސް މެންބަރުން ހަދާ ގޯހެއް.
ކުދުބެއްޔާ
24 April 2023
މި މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާނީ ފުށުއަރާ ސަރަހައްދު ދެފަރާތުގެ މެދުގައި އެއްވަރުކޮށް ބެހުމެވެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
24 April 2023
އެސްޓީއޯއިން ކަނޑާލީމާ އަމްރުވެސް މިކަމުގެތެރެއަށް ތަދައްޚުލްވާނެ. ވަޒީފާ ބަހައްޓާފާހުރިނަމަ ޗުއްޕުވެސް ނުބުނާނެ. ސޯލިހަށްވުރެ ސޯލިހު މީހަކު އޭރުން ނުހުންނާނެ.
އޮނަރަބްލް އަފީފު ދީދީ
24 April 2023
ބައިނަލްއަޤުވާމީ ކޯޓެއްގައި ހިގަމުންދިޔަ މައްސަލައިގެ ތެރެއަށް ވަދެގަނެ "ދަލުބޭރުން ޖެހިގެން" ސޯލިޙްގެ ސަރުކާރުން މޮރިޝަސްއަށްދިން ސިޓީގެ މައްސަލަ ބޮޑުވަނީ އެސިޓީގައި ދައުލަތުގެ ޤާނޫޖުއަސާސީއާއި ފުށުއަރާ ކަމެއްގެ ވާހަކަ ލިޔެފައިވާކަމަށް ތުހުމަތު ކުރެވޭތީ. # ސާފުބަހުން ޤއ ގައި ދިވެހިރާއްޖޭގެ އިމުގެ ސަރަހައްދު އިގޭގޮތަށް ލިޔެފައިވަނިކޮށް ރައީސަކަށް ހުންނަމީހާ އަމިއްލައަށް އެއަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަކީ ޤއ އާއި ޙިލާފަށް ކުރާކަމެއް.
ކިހިނެތްތޯ
24 April 2023
ގާނޫނު އަސާސީގައި ލިއެފައި އޮތިއްޔޭ ކިޔާފައި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައިވާ ކަންކަން ބޮލާލާ ޖަހަންވީބާ؟ ބައިނަލްއަގްވާމީ ގޮތުން ބަލާއިރު އެހެން ގައުމަކަށް ލިބެންވާކަމަށް ބުނާ ބައެއް މިގައުމުން ނުދީ ހަމަ ދަމައިގަންނަންވީބާ ނޫނީ ހިފަހައްޓައިގެން ތިބެންވީބާ؟ އެހެން ގައުމަކަށް ލިބެންވާ ބައެއް އޮތްތޯ ނުބަލާ ޤއ ގައި ބަޔަކު އެއްޗެއް ލިއުނީ ކީއްކުރަންބާ؟ އަދި އެ ލިއުނު ބަޔަކު ފާސްކުރި ބަޔަކުވެސް ޒިންމާ ނަގަންނުޖެހޭބާ؟
ކޮންބެ
25 April 2023
ސުޕަރ މެޖޯރިޓީއާއި އެއްޗެހި ދީ ސޯލިހް ސްޕޮއިލް ކޮއްފި. މިހާރު އޭނާއަށް ނެތް ބާރުތަށް ވެސް ލިބިފައޮތް ހެން ހީވެގެން އުޅޭ