ދުނިޔެ / ޕާކިސްތާން

ޕާކިސްތާނު ފުލުހުންގެ ހަތިޔާރު ގުދަނެއް ގޮވައި 13 މަރު

25 އެޕްރީލް 2023 - 12:57

ޕާކިސްތާނުގެ ހުޅަނގުއުތުރުގައި އޮންނަ ސްވާތު ވާދީގެ ފުލުހުންގެ އިދާރާގައި ހުރި ހަތިޔާރު ގުދަނެއްގައި އިއްޔެ ގޮވި ދެ ގޮވުމެއްގެ ސަބަބުން މަދުވެގެން 13 މީހަކު މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ޕާކިސްތާނު ފުލުހުން ބުނި ގޮތުގައި ހަތިޔާރު ގުދަން ހުރި ފުލުސް އޮފީހަކީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންގެ އިދާރާއެކެވެ. ސްވާތު ވާދީއަކީ ޕާކިސްތާނުގެ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މީގެ ކުރިން އޮތް ސަރަހައްދެކެވެ. އެ ސަރަހައްދުން ތާލިބާނުންގެ ބާރު ކަނޑުވާލައި، ޕާކިސްތާނު ފުލުހުންގެ ބާރުގެ ދަށަށް ސްވާތު ވާދީ ގެނައީ، 2009 ވަނަ އަހަރު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްސަ ހަރަކާތެއްގަ އެވެ.

ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގެ ފުލުހުންގެ ވެރިޔާ އަޚްތަރު ހަޔާތު ވިދާޅުވި ގޮތުގައި މިހާތަނަށް ކުރި ތަހުގީގުން ކަށަވަރުވަނީ ހަތިޔާރު ގުދަނުގައި ގޮވުމެއް ގޮވީ ކަރަންޓު ޝޯޓެއް ވެގެން ކަމެވެ. އަދި އެއީ ބޭރުން ބަޔަކު ދިން ހަމަލާއެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހާދިސާ ހިނގި އިމާރާތަކީ ޕާކިސްތާން ފުލުހުންގެ ކައުންޓަ ޓެރަރިޒަމް ޑިޕާޓްމަންޓް ހިންގަމުން އަންނަ އިމާރާތެކެވެ. އެ އިމާރާތުގެ އެއް ބައިގައި ސުވާތު ވާދީގެ ފުލުހުންގެ އިދާރާ ވެސް ހުންނަ އިރު، ހަތިޔާރު ގުދަން ހުރީ، އެ އިމާރާތުގެ ބިންގަރާސް ބައިގައި ކަމަށް ފުލުހުން ބުނެ އެވެ.

ހަތިޔާރު ގުދަނުގައި އެއްޗެއް ގޮވުމާއެކު، އެ އިމާރާތުގެ ފުރާޅާއި، ފުލުސް ސްޓޭޝަންގެ ތެރޭގައި ހުރި މިސްކިތުގެ ފުރާޅު ވެސް ވެއްޓުނެވެ. އެއާއެކު ގުދަން ހުރި އިމާރާތުގައި އަލިފާން ރޯވި އެވެ. އަދި ވެއްޓުނު ފުރާޅުގެ ދަށުގައި 20 ފުލުހުން ތާށިވެފައި އިރުތަކެއް ވަންދެން ތިބެންޖެހުނެވެ.

އިއްޔެގެ މި ހާދިސާގައި މަރުވި 13 މީހުންގެ ތެރެއިން 10 މީހުންނަކީ، ކައުންޓަ ޓެރަރިޒަމް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހުންގެ އޮފިސަރުންނެވެ. މަރުވި މީހުންގެ ތެރޭގައި، އެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގެ ކައިރިން މަގުމަތިން ހިނގާފައި ދިޔަ ފިރިހެނަކާއި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ވެސް ހިމެނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ، އެ ޕްރިވިންސްގެ އަވަށެއް ކަމަށްވާ ލައްކީ މަރްވާތުގައި ހުރި، ޝައްކުކުރެވޭ އިމާރާތެއް ބަލައި ފާސްކުރުމަށް ފުލުހުން ހިންގި ހަރަކާތެއްގެ ތެރޭގައި، އެ އިމާރާތުގައި ތިބި ހަނގުރާމަވެރިންގެ ތިން މީހަކު މަރައިލިތާ ދެތިން ގަޑިއިރުގެ ތެރޭގަ އެވެ. އެހެންކަމުން މި ހާދިސާއަކީ ކަރަންޓު ޝޯޓެއް ވެގެން ހިނގި ކަމެއް ކަމަށް ފުލުހުން ބުނި ނަމަވެސް، މިއީ ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާއަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެ އެވެ.

ހަނގުރާމަވެރިން ތިބި އިމާރާތަށް ފުލުހުން ފާރަލަމުން ދިޔައީ، ރިޓަޔާ ކޮށްފައިވާ ޕާކިސްތާނު ސިފައިންގެ އޮފިސަރެއްގެ ގަޔަށް މިދިޔަ އާދީއްތަ ދުވަހު ބަޑިޖަހައި މަރައިލި ތިން ގާތިލުން، އެ އިމާރާތުގެ ތެރޭގައި ފިލައި ތިބި ކަމަށް ޝައްކު ކުރެވިގެންނެވެ. ފުލުހުން އެ އިމާރާތަށް ވަންނަން ދިމާކުރުމާ އެކު، އިމާރާތުގެ ތެރެއިން ފުލުހުންނަށް ބަޑިން ހަމަލާ ދޭން ފެށުމާއެކު، ފުލުހުން ރައްދުގައި ދިން ހަމަލާތަކުގައި، ހަނގުރާމަވެރިންގެ ތިން މީހުން މަރުވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454