ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑާއި ޓޮޓެންހަމް އެއްވަރު، މިވަގުތަށް ތިން ވަނަ ނިއުކާސަލް އަށް

ޓޮޓެންހަމާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އިން ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް ފަހަތުން އަރައި 2-2 އިން އެއްވަރު ކުރި އިރު، ނިއުކާސަލް ޔުނައިޓެޑުން 3-1 އިން އެވަޓަން ބަލިކޮށް ވަގުތީ ގޮތުން ތިން ވަނައަށް ޖެހިލައިފި އެވެ.

މި ނަތީޖާއާއެކު ނިއުކާސަލް ތިން ވަނައަށް ޖެހިލީ 32 މެޗުން 62 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 31 މެޗު ކުޅެގެން 60 ޕޮއިންޓް ހޯދައިގެންނެވެ. އަދި ޔުނައިޓެޑް އަތުން ޕޮއިންޓެއް ހޯދައިގެން ޓޮޓެންހަމް ވަނީ 33 މެޗުން އެސްޓަން ވިލާއާ އެއްވަރަށް 54 ޕޮއިންޓް ހަމަކޮށް ވަގުތީގޮތުން ފަސް ވަނައަށް ޖެހިލައިފަ އެވެ.

މި މެޗުގެ ކުރިން ނިއުކާސަލް ޔުނައިޓެޑް އަތުން ޓޮޓެންހަމަށް ކުރިމަތިވި ބޮޑު ބައްޔާ އެކު އެޓީމުގެ ވަގުތީ ކޯޗުކަމުގައި ހުރި ކްރިސްޓިއަން ސްޓެލިނީ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމަށް އިރުޝާދު ދިނީ ސްޓެލިނީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ރަޔާން މޭސަން އެވެ. މޭސަން ވަނީ މީގެ ދެ އަހަރު ކުރިން ހޯޒޭ މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކި ކުރުމުން ވެސް އެޓީމުގެ ކޯޗުކަމާ ވަގުތީގޮތުން ހަވާލު ވެފަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ގޯލު ޖަހައި ކޮންޓްރޯލް ހޯދައިފަ އެވެ. އެ ޓީމުން ލީޑު ނެގީ ހަތް ވަނަ މިނިޓުގައި މަކަސް ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ޖޭޑަން ސަންޗޯ ޖެހި ގޯލަކުންނެވެ، އަދި 44 ވަނަ މިނިޓުގައި އިވާން ޕެރިސިޗްގެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރުމަށް ފަހު ބްރޫނޯ ފެނާންޑޭޒް އުފެއްދި ކައުންޓާއެއްގައި ލީޑް ފުޅާ ކުރީ ރަޝްފޯޑެވެ.

ފުރަތަމަ ހާފުގައި ސަންޗޯ ފޮނުވާލި ހަމަލާއެއް ގޯލް ލައިން މަތިން ޕެރިސިޗް ދިފާއު ކުރި އިރު ކަސެމީރޯ އާއި ރަޝްފޯޑް ގެ ހަމަލާއެއް ކީޕަރު ފްރޭޒާ ފޮސްޓާ ދިފާއު ކުރި އެވެ. އަދި ޑެހެއާ ވަނީ ޕެޑްރޯ ޕޯރޯ ޓޮޓެންހަމަށް އެއްވަރު ކުރަން ފޮނުވާލި ހަމަލާއެއްވެސް ދިފާއު ކޮށްފަ އެވެ.

ސޮން (ވ)، ޓޮޓެންހަމުން އެއްވަރުކުރި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފު ފެށިގެން ކުޅުން ރަނގަޅު ކޮށްގެން ޓޮޓެންހަމުން ފުރަތަމަ ލަނޑު ޖެހީ 56 ވަނަ މިނިޓުގަ އެވެ. މި ގޯލު ޖަހައިދިނީ ޕޯރޯ އެވެ. އޭގެ ކުރިން ޑިފެންޑަރު ކްލެމެން ލޯންގްލޭ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވެފަ އެވެ.

އެއްވަރުކުރަން ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފައި ވަނިކޮށް ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް ޓޮޓެންހަމުން ޕޮއިންޓެއް ހޯދީ ހެރީ ކޭން އާއި ސޮން ހިއުން މިންގެ ޕާޓްނާޝިޕުންނެވެ. ޔުނައިޓެޑްގެ ޑިފެންޑަރުންގެ ތެރެއިން ކޭން ދިން ޕާހަކުން ނަތީޖާ އެއްވަރު ކޯށްދިން ގޯލު ޖަހައިދިނީ ސޮން އެވެ.

މެޗަށް ފަހު ސޮން ބުނީ މި މެޗުގެ ކުރިން ނިއުކާސަލް އަތުން 6-1 އިން ބަލިވި މެޗާ އެކު ކުޅުންތެރިން ތިބީ އެކަމާ ވަރަށް ބޮޑަށް ރުޅި އައިސްފައި ކަމަށާއި އެންމެން ވެސް އުއްމީދު ކޮށްގެން ތިބީ މި މެޗުން ނަތީޖާއެއް ނެރެން ކަމަށެވެ.

އަހަރެމެން އަތުން މެޗު ގެއްލޭކަށް ބޭނުމެއް ނުވި. އަހަރެމެން ތިބީ ވަރަށް ރުޅި އައިސްފައި. ފުރަތަމަ ހާފުގައި 2-0 އިން ފަހަތުގައި އޮންނާކަށް ހަގީގަތުގައި ނުޖެހޭ،" ސޮން ބުންޏެވެ.

"މިދިޔަ ހަފުތާގެ ނަތީޖާ ބަލައެއް ނުގަނެވޭނެ، އަދި މި މެޗުގައި އެކަން ތަކުރާރު ވާކަށް އަހަރެމެން ބޭނުމެއް ނުވި. އެ މެޗުގައި ވީ ކަންތައްތަކަށް އަހަރެމެން ހިތުގެ އަޑިން މާފަށް އެދެން. އެހެންވެ އަހަރެމެން ރަނގަޅު ކުޅުމަކާ އެކު މި މެޗުން ނަތީޖާއެއް ބޭނުން ވެގެން ކުޅުނީ."

ވަގުތީ ކޯޗު މޭސަން ބުނީ މިދިޔަ ހަފްތާގެ ބައްޔާ އެކު ޓީމު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި ސީޒަނުގެ ބާކީ ބައިގައި ނަތީޖާ ރަނގަޅު ކުރަން ޓީމެއްގެ ގޮތުގައި އެއް އަޒުމެއްގައި ތިބުން މުހިއްމު ކަމަށެވެ.

ނިއުކާސަލް ރޭ އެވަޓަން ބަލިކުރި އިރު އެޓީމުގެ ގޯލުތައް ޖަހައިދިނީ ކެލަމް ވިލްސަން އާއި ޖޮއެލިންޓަން އަދި ޖޭކޮބް މާފީ އެވެ. ވިލްސަން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑްވައިޓް މެކްނީލް އެވެ.

މި ނަތީޖާއާ އެކު އެވަޓަން އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގައި، ލީގުގެ 19 ވަނައިގަ އެވެ. ލީގުގެ ފުލުގައި އޮތް ސައުތެމްޓަން ވަނީ ރޭ 1-0 އިން ބޯންމަތު އަތުން ބަލިވެފަ އެވެ.

އެވަޓަން އާއި ސައުތެމްޓަނާ އެކު ރެލިގޭޝަން ޒޯނުގައި ލީގުގެ 18 ވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. ތިން ޓީމު ވެސް 33 މެޗު ކުޅެފައި ވާއިރު ލެސްޓާ އަށް ވަނީ 29 ޕޮއިންޓް ލިބިފަ އެވެ. އެވަޓަން އަށް 28 ޕޮއިންޓް ލިބިފައި ވާއިރު ސައުތެމްޓަނަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454