ޔާމީން ޖަލަށް ވަޑައިގަންނަވަނީ: ފުއްގިރި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތުން އެމަނިކުފާނު ވަނީ ނުރުހުން ފާޅު ކުރައްވާފައި --- ފޮޓޯ/މިހާރު
30 އެޕްރީލް 2023 - 13:05
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އެ މަނިކުފާނު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ އިފްތިތާހީ ބަޔާން ހުށަހަޅަން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، ވަކީލުންނާ ބައްދަލުކުރައްވަން ކޯޓުން ފުރުސަތު ދިނަސް، ހަފުތާ ބަންދު ދުވަސްތަކެއް ދިމާވުމުން ކަރެކްޝަންސްގެ އުސޫލު އޮތް ގޮތުން އެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. ދައުވާ ކުރަނީ އެ މަނިކުފާނުގެ މައްޗަށް ކަމަށް ވާއިރު، ވަކީލުންނާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ވަކީލުންނާ ބައްދަލުކުރައްވަން ފުރުސަތު ދިނުމަށް ފަހު ބަޔާން ހުށަހަޅަން ފުރުސަތު ދޭން ޔާމީން އެދިވަޑައިގަތެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވިގޮތުގައި، މި މަސް ތެރޭގައި ތިން ފަހަރަށް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވުނު ކަމަށް ކަރެކްޝަންސްގެ ލިޔުންތަކުން އެނގެ އެވެ. އިފްތިތާހީ ބަޔާނަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ދެވިފައިވާ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީންގެ ތަފާތު ތިން މައްސަލައެއް އެކި ކޯޓުތަކުގައި އޮތުމުން އެ މައްސަލަތަކުގެ މަޝްވަރާތައް ޔާމީނާ އެކު ޖަލުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެ މައްސަލާގައި އެކަމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާތީ މިއަދު އިފްތިތާހީ ބަޔާން ހުށަނޭޅޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ފުއްގިރި މައްސަލާގެ މިއަދުގެ އަޑުއެހުން ކުރިއަށް ދަނީ
ޔާމީންގެ ކަންބޮޑުވުންތަކާ ގުޅިގެން ދައުލަތުން އެދުނީ އަންނަ އަންގާރަ ދުވަހު ބާއްވާ އަޑުއެހުމުގައި ހެކިބަސް ނަގަން ފެށުމުގެ ކުރިން އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ފުރުސަތު ޔާމީނަށް ދެއްވުމަށެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ މާދަމާއަކީ ވެސް ބަންދު ދުވަހަކަށް ވާތީ ކަރެކްޝަންސްގެ އުސޫލު އޮތް ގޮތުން ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެކަމަކު ދައުލަތުން ބުނީ ކަރެކްޝަންސްއާ ވާހަކަ ދައްކައިގެން މާދަމާ އެ ފުރުސަތު ލިބޭ ގޮތް ހަމަޖެއްސިދާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ ބަންދު ދުވަސްތަކުގައި ވެސް ވަކީލުންނާ ބައްދަލު ކޮށްގެން ޝަރީއަތް އަވަސް ކުރަންޖެހޭ ހިސާބަށް މި މައްސަލަ ދިޔައީތޯ ސުވާލު އުފެދޭ ކަމަށެވެ. މިގޮތަށް ކުރިއަށް ގެންދާ ނަމަ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ޝަރީއަތް ބާއްވަންވީ ނޫންތޯ ޔާމީން ވިދާޅުވި އެވެ.
ގާޒީ ނަދީމް ވިދާޅުވީ ޝަރީއަތްތައް މެދުކެނޑުމެއް ނެތި އަވަހަށް ކުރިއަށް ގެންދިއުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް އުސޫލު ކަމަށެވެ.
ޖަވާބުގައި ޔާމީން ވިދާޅުވީ ގާނޫނު އޮތް ގޮތުން މި ޝަރީއަތް އަވަސްވާ ނަމަ، އެ މަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ވެސް އަވަސް ވާން ޖެހޭނެ ކަމަށެވެ. ހުރިހާ ކޯޓަކަށް ވެސް އޮންނާނީ އެއް އުސޫލުތަކެއް ކަން ޔާމީން ފާހަގަ ކުރެއްވި އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އިސްތިއުނާފް މައްސަލައަކީ ފުއްގިރި މައްސަލައާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. ޔާމީންގެ ވަކީލުންގެ އެދުމުގެ މަތިން، އިފްތިތާހީ ބަޔާން ހުށަހެޅުން އަންނަ ބުދަ ދުވަހަށް ފަސްކުރަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ދުވަހު އިފްތިތާހީ ބަޔާނަށް ފަހު، ހެކިބަސް ނެގުން ވެސް ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ފައިސާ ލޯންޑާ ކޮށްދިން ކަމަށް ބުނެ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ދައުވާކުރެ އެވެ. ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ ކްރިކް ރިޒާގެ މައްޗަށް ވެސް ކުރެ އެވެ.
ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ. އެ މައްސަލާގެ ދައުވާ އަށް ސަން ކުންފުނިން އިންކާރުކުރި އެވެ. އެ ކުންފުނީގެ ވަކީލުން ވިދާޅުވީ އެއީ ހަގީގަތާ ހިލާފް ދައުވާއެއް ކަމަށާއި އަދި އެއީ ކުށުގެ އުންސުރު ފުރިހަމަނުވާ ދައުވާއެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
01 May 2023
ފުއްގިރި މައްސަލަ: ޝަރީއަތް އަވަސް ކުރާތީ ޔާމީންގެ ކަންބޮޑުވުން، ފަސް ކޮށްލާ އިސްތއިުނާފު ޝަރީޢަތްވެސް ފަސްކޮށްލާ ޔާމީނުގެ ހުރިހާ ޝަރީޢަތެއް ފަސް މަހަށް ފަސް ކޮށްލީމަ އެމަނިކުފާނަށް ރަނގަޅުވާނެ.
ސަހަރޯއެ
30 April 2023
މީނަގެ ހަނދާނުގެ މައްސަލަހުރިތޯ ޑޮކްޓަރަށް ދައްކައިގެން މިހާރު ބަލަން އެބަޖެހޭ. ބަންދު ދުވަސްތަކުގައިވެސް ކޯޓުތައް ހުޅުވައިގެން މައްސަލަބަލަންވީ ނޫންހޭ ކިޔައިގެން ހަޖޫޖަހާއިރު، އެވެރިކަމުގައި ރެއެއް ދުވާލެއް ބަންދެއް ނުބަލައި މީހުންނަށް ހުކުމްކުރަމުން އަދި ނުވިތާކައް ފުންނާބުއުސް ވަކީލަކާއި ސިފައިންގެ ވެރިޔާވެސް ކޯޓަށް ވައްދައިގެން ނުފޫޒުފޯރުވީ ކޮންބައެއް. އަދިރާއްޖޭގެ ތާރީޚުގައި ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ފުރަތަމަ ހުކުމްކުރި. ކޮބާ ލަދު!
އަންދަލޫސިޔާ
30 April 2023
ވައްކަންފަށެއް ކޮށްފިތާ. އަދި ހުރިހާ ދަރަންޏެއް ދެއްކުން ރައްޔިތުންނަށް!
ހުދޫ
30 April 2023
ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށްވާތީ މިމައްސަލަ އަވަސް ކުރަންޖެހޭ.
ދިއްދޫމީހާ
30 April 2023
ގާޒީ ނަދީމް އަތުގައި ކިތައް މައްސަލަ ޕާކް ކޮއްފައި އެބަހުރިތޯ؟ ޕޭމަންޓް ކަންތައް ހަމަނުޖެހިގެން ކުރިޔަ ނުގެންގޮސް ހުރި ކިތައް މައްސަލަތޯ ހުރީ؟؟
އައްމި
30 April 2023
މިވެރިކަން ނިމޭ ދުވަހަކުން މަވެސް ފޯރި ދައްކާލާން، އިބްރާހިމް ބަލަން ހުންނާތި، ކަލޭއަށް ކައިރީ ޖަލުގެ ކުޑަގޮޅި، މަމެންވެސް ކޯޓުތަށް ހަދާނީ ކުޅޭކުޅޭ ތަނަކަށް، ރައީސް ޔާމީނަށް ދޭ އަނިޔާ މަވެސް މިހުރީ ވަރަށް ކައިރިން ބަލަން، ރައީސް ޔާމާނުއަށް އަނިޔާ ދޭމީހުން، މަމެންގެ ވެރިކަމެއްގައި ހިފާހަށްޔަރު ކުރެވޭނެ
ޢަރުތަ
01 May 2023
ރ ޔާމީނު ނެގިހާ ފައިސާއަށް އައްމި އަށް ކެރޭނެތަ ޒިންމާވާން.
ގެދާނޯމޮސް
30 April 2023
އިސްތިޢުނާފުން ކެއްޑިޑެންސީ ޔަގީން ވާހިސާބުން ޝަރީއަތުގެ މަރުހަލާ ހުށްޓިދާނެ ކަމުގެ ބިރަށް ދައުލަުން ފުށްގިރި މައްސަލަ އަވަސް އަރުވާލަނީ ކަމަށް ބެލެވެއެވެ.
ނާޅި
30 April 2023
އޭނަ މިނުނު ނާޅިން އޭނައަށް މިނެލަދެނީ!! ކަލޭމެން ހަޖަމް ކޮށްލާގެން ތިބޭ.
ލޯގަން ރޯއީ
30 April 2023
ކޮން ރުޅިއެއް އަންނާކަށް. އަވަހަށް ކަލޭތީ ހުދު ފޮތިކޮޅެއްފަދަ މައުސޫމު މީހެއްކަން ކޯޓުން ނިންމައިގެނެއްނު ރައީސްކަމަށް ކުރިމަތި ލެވޭނީ.
ރަދީފްއޮފިޝަލް
30 April 2023
މަމެންގެ ވެރިކަމެއްގަ ތަމެން މިނި ނާޅިން މަމެން ވެސް މިނާ ދޭނަން.މިއީ ވަރަށް ވާހަކަ.ވ.ވެދުން
ބޭލީ
30 April 2023
ކަލޭމެންގެ ވެރިކަމުގަ އޮތީ މާ އަވަސް އަރުވާލާގެން ޝަރީއަތްތައްވެސް ކޮށްފަ، އަދި ކޯޓުން ޓިނުނަގާގެންވެސް ހަޑިހާވާފަ، ކަލޭމެންގެ ވެރިކަން ބޭނުން ނުވާތީ ރައްޔިތުން ނޫނެކޭ ބުނެފަ ކަލޭމެން ބޭލީ، ދެން ހަޖަމްކުރާ ބޭސް ހޯދާގެން ބޭނުން ކޮށްލާ.
ޛާނިމް
30 April 2023
ކަލޭމެން މިނާފަ އޮއި ނާޅިން މިނީމަ ވާގޮތް މިހާރު ތި ފެއްނަނީ.
ކަސަމ
30 April 2023
ގިރާފަ ހުރި ފުއްތައް ހިކިދާނެ އެހެންނޫނީ