ކުޅިވަރު / އިޓާލިއަން ލީގު

ނަޕޯލީ ފަހުވަގުތު މަޑުޖެހި ޗެމްޕިއަންކަން ކަށަވަރެއް ނުވި

ނަޕޯލީގެ ފޯވާޑް ވިކްޓާ އޮސީމެން އަށް ގޯލު ޖަހަން ލިބުނު ފުރުސަތެއް ނާކާމިޔާބު ވުމުން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

ނޭޕްލްސް (އޭޕްރީލް 30) - އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ އުންމީދުގައި ނުކުތް ނަޕޯލީ އިން މިރޭ ސެލާނިޓާނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުމުން، ލީގު ޔަގީން ކުރަން ނަޕޯލީ އަށް ކުޑަ އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ. މެޗު ޢެއްވަރުވީ 1-1 ންނެވެ.

ލީގުގެ ދެވަނައިގައި އޮތް ލާޒިއޯ ވަނީ 3-1 އިން އިންޓަ މިލާން އަތުން ބަލިވެފަ އެވެ. މިއާ އެކު ނަޕޯލީ މިރޭގެ މެޗުން މޮޅުވެގެން ލީގު ޗެމްޕިއަންކަން ޔަގީން ކުރުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

މި ނަތީޖާއާ އެކު ލީގު އެއްވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 32 މެޗުން 79 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 32 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ލީގުގައި ހަ މެޗު ބާކީ އޮތް އިރު ޗެމްޕިއަންކަން ޔަގީން ކުރަން ނަޕޯލީ އަށް ބޭނުމީ އެންމެ ޕޮއިންޓެކެވެ.

ނަޕޯލީ އިން ލީޑު ނެގުމަށް ފަހު ރަޕްސަޑޯދީ އާއި އޮލިވޭރާ އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނަޕޯލީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ. މެޗުގެ 62 ވަނަ މިނިޓުގައި ޖިއަކޯމޯ ރަޕްސަޑޯރީ ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ލީޑު ނަގައިދިނީ ޑިފެންޑަރު މެތިއަސް އޮލިވޭރާ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް އޮލިވޭރާ ބަދަލު ކުރުމާ އެކު ސެލާނިޓާނާ އަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ބޫލާޔޭ ޑިއާ ވަނީ އެޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

އިތުރު ލަނޑެއް ޖަހަން ނަޕޯލީގެ ކިވިޗާ ކްވާރާޓްސްކެލިއާ އާއި ޖިއޮވާނީ ސިމިއޯނީ އަށް ވެސް ވަނީ ފުރުސަތު ލިބި ނާކާމިޔާބު ވެފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ސެލާނިޓާނާގެ ކޯޗު ޕައުލޯ ސޯސާ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

މެޗު ކުޅުނު ވަގުތު ނޭޕްލްސް ސިޓީގައި ކުރިއަށް ދިޔަ އުފާފާޅު ކުރުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ނަޕޯލީ އިން މީގެ ކުރިން ވަނީ ދެ ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ. އެއީ 1986/1987 އަދި 1989/1990 ސީޒަންގަ އެވެ. ދެ ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އެޓީމަށް ކުޅެނިކޮށެވެ. މަރަޑޯނާ 2020 ވަނަ އަހަރު މަރުވުމާ ގުޅިގެން އެ އަހަރު ނަޕޯލީގެ ދަނޑުގެ ނަން ވެސް ވަނީ ސްޓޭޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާގެ ނަމަށް ބަދަލު ކޮށްފަ އެވެ.

މަަރަޑޯނާ ސްޓޭޑިއަމްގައި ލީގު ޗެމްޕިއަންކަން ޔަގީން ކުރުމުގެ އުންމީދުގައި މުޅި ނޭޕްލްސް ސިޓީ ތައްޔާރު ވެފައި އޮތް ނަމަވެސް އެޓީމަށް އެކަން ކާމިޔާބެއް ނުވި އެވެ. ލީގުގައި ނަޕޯލީ އަށް ދެން އޮތީ ރަށުން ބޭރުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މިއަދު ހަވީރު ސެން ސީރޯގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. މެޗުގެ 30 ވަނަ މިނިޓުގައި ފިލިޕޭ އެންޑަސަން ލާޒިއޯ އަށް ލީޑު ނަގައިދީފައި ވަނިކޮށް އިންޓަ އިން ތިން ލަނޑު ޖެހީ މެޗުގެ ފަހު 13 މިނިޓު ތެރޭގަ އެވެ.

އިންޓަ އިން އެއްވަރު ކުރި ގޯލު 77 ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒް ޖަހައިދިން އިރު ލީޑު ނެގީ 83 ވަނަ މިނިޓުގައި ރޮބިން ގޮސެންސް ކާމިޔާބު ކުރި ގޯލުންނެވެ. އަދި 90 ވަނަ މިނިޓުގައި ތިންވަނަ ގޯލު ވެސް ޖަހައިދިނީ އެއްވަރު ކުރި ގޯލު ކާމިޔާބު ކޮށްދިން މާޓިނޭޒް އެވެ.

މާޓިނޭޒް، ކީޕަރު ކައިރިން ނައްޓާފައި އިންޓަގެ ތިންވަނަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު އިންޓަ އަށް ވަނީ 32 މެޗުން 57 ޕޮއިންޓް ހޯދައިގެން ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފަ އެވެ. އޭސީ މިލާނާއި ރޯމާ އަށް ވެސް 32 މެޗުން 57 ޕޮއިންޓް ލިބިފައި ވާއިރު އިންޓަ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ގޮތުން ކުރި ލިބޭތީ އެވެ. އިންޓަ އަށް ފައިދާ 19 ގޯލު ލިބިފައި ވާއިރު މިލާނާއި ރޯމާ އަށް ވެސް ލިބިފައި ވަނީ ފައިދާ 14 ގޯލެވެ. މިއާ އެކު ޖެހި ގޯލުން ކުރި ލިބޭތީ މިލާނަށް ފަސްވަނަ ލިބޭއިރު ރޯމާ އަށް ލިބެނީ ހަވަނަ އެވެ.

ލީގުގެ ތިންވަނައިގައި އޮތީ 31 މެޗުން 59 ޕޮއިންޓް ލިބިފައިވާ ޔުވެންޓަސް އެވެ. މާލީ ގޮތުން ގަވާއިދާ ހިލާފް ވެފައިވާކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ތަހުގީގަކަށް ކަށަވަރު ވެގެން ޔުވެންޓަސް އަތުން ވަނީ މި ސީޒަންގައި 15 ޕޮއިންޓް އުނިކޮށްފަ އެވެ. ނަމަވެސް މި މަހު އެޓީމުން މައްސަލަ އިސްތިއުނާފް ކުރުމުން ވަނީ ވަގުތީ ގޮތުން އެ 15 ޕޮއިންޓް ދީފަ އެވެ. ނަމަވެސް މައްސަލަ އަދިވެސް ކުރިއަށް ދާތީވެ، އަލުން އެ 15 ޕޮއިންޓް އެޓީމު އަތުން އަތުލުން އެކަށީގެން ވެއެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައްޓޭ

30 April 2023

ނަޕޮލީއަށް އޮތީ ޗެމްޕިއަންކަން ކަށަވަރު ނުވިޔަސް ޗެމްޕިއަންކަން ކަށަވަރުވެފަ. ނަޕޮލީއަށް ޗެމްޕިއަންކަން ނުލިބޭނެ އޮތީ އެންމެގޮތެއް އެއީ ބާކީ 6 މެޗުން ބަލިވެ ލާޒިއޯ ބާކީ 6 މެޗުން މޮޅުވުން. އެވެސް ޕޮއިންްޓް އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުން.

The name is already taken The name is available. Register?

ގޯމޭ

01 May 2023

އިޓަލީ ގައި އެއްވަރުވުމުން ބަލަނީ ފައިދަ ގޯލަކަށް ނޫން، ހެޑް ޓު ހެޑަށް އަދި ތިއުޅެނީ މާ އެނގިގަނެގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454