ވެމްކޯގެ އެމްޑީ ސިރާޖު: އިންކުއަރީއެއް ނިމެންދެން އޭނާ ދެ ހަފުތާއަށް ސަސްޕެންޑްކުރަން ޕީސީބީން ވަނީ ނިންމާފައި. --- ފޮޓޯ/މިހާރު
04 މެއި 2023 - 23:17
ވެމްކޯގެ ދެ މުވައްޒަފަކު ހިމެނޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެ ކުންފުނީގެ ކޮމިޓީން ބަލަމުން ދަނިކޮށް، ބޯޑުގެ ނިންމުމަކާ ހިލާފަށް މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު އަމަލުކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގެ އިންކުއަރީ ނިމެންދެން އޭނާ ސަސްޕެންޑްކޮށްފި އެވެ.
ސިރާޖް ސަސްޕެންޑް ކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމީ 14 ދުވަހުގެ މުއްދަތަށެވެ.
ސިރާޖަށް ތުހުމަތު ކުރަނީ، ވެމްކޯގެ ފިރިހެން މުވައްޒަފަކަށް އެ ތަނުގެ އަންހެން މުވައްޒަފަކު ޖިންސީ ފުރައްސާކުރި ކަމަަށް "ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް އެކަމުގެ ތެރެއަށް ވަންނަވައި ކޮމިޓީގެ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ.
ފުރައްސާރައިގެ މައްސަލަ ބަލަނިކޮށް ކޮމިޓީގެ މުވައްޒަފަކު ވަކިކޮށް، ސިރާޖު ބޭނުންވާ މީހަކު އައްޔަން ކުރެއްވި ކަމަށް ޕީސީބީން ބަލާ މައްސަލާގައި ވެ އެވެ. މިއީ ސިރާޖްގެ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ތުހުމަތު ވެސް ޕީސީބީން ވަނީ ކޮށްފަ އެވެ.
ދެ މުވައްޒަފަކާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ކޮމިޓީން ބަލަމުން ދަނިކޮށް އެކަމުގެ ތެރެއަށް ސިރާޖު ނުވެންނެވުމަށް ވެމްކޯގެ ބޯޑުން ނިންމާފައި ވަނިކޮށް، އެއާ ހިލާފުވުމަކީ "ބޯޑުން ނިންމާފައިވާ ނިންމުމާ ޚިލާފަށް ބޯޑުގެ ގަވަނެންސް ގެއްލޭ ގޮތަށް އަމަލުކުރެއްވުން ކަމަށް" ޕީސީބީން ދެކެ އެވެ.
އަމިއްލަ މަސްލަހަތު ސިރާޖު އިސްކުރެއްވުމަކީ، ޕީސީބީން ބަލާ މައްސަލާގައި ހިމެނޭ ލިއުންތަކުގައިވާ ގޮތުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ކޯޕަރޭޓް ގަވަނެންސްގެ ކޯޑާ ހިލާފު އަމަލެކެވެ.
އެ މައްސަލައިގައި، ޕީސީބީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިރާޖުގެ މައްސަލައެއް ބަލަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތެއް ކުރެވިގެން ނޫން ކަމަށެވެ. ހަގީގަތާ ހިލާފު މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށް، އެކަން ސާފުކޮށްދިނީ ބައެއް މީޑިއާތަކުން ރިޕޯޓްކުރިއިރު، ސިރާޖު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކޮށް ރިޕޯޓްކޮށްފައި އޮތުމުން ކަމަށް ޕީސީބީން ބުންޏެވެ.
"ވެމްކޯ ބޯޑު މެދުވެރިކޮށް މި ބޯޑުން ބަލަމުން ދަނީ ގަވަނަންސާ ގުޅޭ މެނޭޖްމަންޓުގެ މައްސަަލައެކެވެ. އެހެންކަމުން މެނޭޖިން ޑައިރެކްޓަރު ތަނާޒަލް ކުރުވާ މި މައްސަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަަމަށް މި ބޯޑުން ނިންމާފައިވާތީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ މުސާރަ އާއި އިނާޔަތްތަކާ އެކު ދެ ހަފުތާގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ އެވެ،" ޕީސީބީން ބުންޏެވެ.
ސިރާޖު މިރޭ ފޯނު ނުނަންގަވާތީ، އެ މައްސަލާގައި އޭނާގެ ބަހެއް ނުލިބުނެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިރާޖް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެކުރިން އޭނާ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
06 May 2023
ސަަސްޕެންޑް ނޫން ޓަރމެއް މިއަށް ބޭނުންވޭ. މިއީ މީހަކާ ޢާއިލީގޮތުން ގުޅިފައި ހުރި މައްސަލައެއް ބަލަމުންދާތީ އެ މައްސަލަ ނިންމަންޖެހޭ 14 ދުވަހުގެ މުއްދަތުގައި އެ މައްސަލައާގުޅޭ ކޮމިޓީތަކުގައި މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖަށް ބައިވެރި ވުމަކީ މަޞްލަޙަތު ތަޢާރުޒުވާ ކަމެއްކަަމަށް ބެލެވޭތީ މަޤާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކުރުން. މިއީ ކުށެއް ނޫނީ ކުށެއްގެ ތުހުމަތެއް ކުރުމެއް ވެސް ނޫން. އޭނާ ޖިންސީ ފުރައްސާރަކުރީކީ ނޫން!
އިބުރާހިމު
06 May 2023
ބޯޑުން ނިންމީ ކޯޑާ ޚިލާފު ނިންމުމެއް. ބޯޑަށް މެނޭޖްމަންޓްގެ މައްޗަށް ބާރު އޮތުމަކީ މެނޭޖްމަންޓްގެ ބާރު ބޯޑަށް ނެގޭނެ ހަމައެއް ނޫން. ބޯޑަށް ބެލޭނީ މެނޭޖްމަންޓް އިން މައްސަލަ ބަލާފައި ނިންމާ ގޮތަކާ މުވައްޒަފު ހިތްހަމަނުޖެހޭނަމަ. މެނޭޖްމަންޓްގައި މައްސަލަބަލަން ކޮމިޓީ އެކުލަވާލާނީ އެމްޑީ. އެ ކޮމިޓީ އިން މައްސަލަ ބަލާނީ. ސީދާ ބޯޑުން ބަލަންޖެހޭނީ އެމްޑީ ގެ މައްސަލައެއްނަމަ!
ޖަލްބު
06 May 2023
މިއީ ބަޔަކު އަޑީގަ ތިބެގެން ސިރާޖްގެ އަބުރުކަތިލަން ކުރާކަމެއް. ނޫހަށް ދޮގު މަޢުލޫމާތު ދިނީ ވެސް އެނގިހުރެ. ބޯޑަކަށް ނުވެސް ނިންމޭނެ ސިރާޖް ނުހިމަނައި މެނޭޖްމަންޓް މީހެއްގެ މައްސަލަ ބަލާކަށެއް. މިއީ ސިރާޖްގެ މައްސަލައެއް ނޫން. ކޯޑްގަ ސާފުކޮށް އެބައޮތް މަސްލަޙަތު ފުށުއަރާގޮތް. އެއާ ޚިލާފަަށް ބޯޑަކަށް ނުނިންމޭނެ ސިރާޖް އެ އަންހެން މުވައްޒަފު ދަންނަކަމަށް ބެލެވޭތީ އޭނާ ތަނާޒުލު ވާކަށެއް.
އަންދަލޫސިޔާ
06 May 2023
މެނޭޖްމަންޓް ގައި އުޅޭ ފިރިހެނަކަށް އަންހެން މުވައްޒަފަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަ ބަލާއިރު އެމްޑީ ތަނާޒުލުވާކަށެއް ނުޖެހޭނެ. އެމްޑީ އަކީ މެނޭޖްމަންޓް އެންމެންގެ ވެރިޔާ. ތިޔަ ޕީސީބީ ގަ ނޫޅޭނެ ކޯޕަރޭޓް ގަވަރނަންސް ދާއިރާއިން ތަޢުލީމް އަދި ތަޖުރިބާ ލިބިފައި ހުރި އެކަކު ވެސް. ބޭރު ބަޔަކު ގެނެސްގެން ތިޔަ ކޯޑް ހެދީ. ވާނުވާ ނޭނގޭ މީހުން ތަންތަނަށް ޢައްޔަންކުރީމަ ވާނެ ހައެތި މިވަނީ!
ސިރާ
05 May 2023
ސިރާޖަށް ލިބުނު ލަނޑަކީ ވެމްކޯގެ ލީގަލް ޖީއެމް ދިން ވާނުވާ ނެންގޭ ލަފާ ގަބޫލު ކުރުން
އަންދަލޫސިޔާ
06 May 2023
ލީގަލް ލަފާވެސް 100. މައްސަލައަކީ ބޯޑުން ބާރުގެ ނަހަމަ ބޭނުން ހިފައި މެނޭޖްމަންޓްގެ ބާރުގެ ތެރެއަށް ވަދެގަތުން. ނުވިތާކަށް ޕީސީބީ ގައި ގަވަރނަންސް ދަންނަ މީހަކު ނެތުން! ތިޔަ ކޯޕަރޭޓް ގަވަރނަންސް ކޯޑް ހެދީ ބޭރުބަޔަކު. އެއަށް ޕީސީބީގެ މީހުންނަށް ޚިޔާލެއް ވެސް ނުދެވޭ. އެކަން ކުރީ އެހެން މުއައްސަސާތަކުން އެކަމުގައި ބައިވެރިވި މީހުން. ކަމާގުޅޭ ތަޢުލީމާ ތަޖުރިބާ ނެތް ބަޔަކަށް ގަވަރނަންސް ނުވެސް އެނގޭނެ. ދެން ކިހިނެތް ކޯޑެއް އިމްޕްލިމަންޓްކުރާނީ؟
މޫސަ
05 May 2023
ވެމްކޯ މުވައްޒަފުން އުޅެނި ތި ސިރާޖު އާއި ހެދި މަސައްކަތް ނުކުރެވިގެން އުނދަގޫބޮޑީ
ހަސަން72727
05 May 2023
ވެންކޯ ހިންގަން އާޒިމް ކަހަލަ ގާބިލް މީހަކު ލާންޖެހޭ ގަޑިފުރަން އަންނަ މީހެއް ނޫން ބޭނުންވަނީ ، ކޮތަޅު ގެންނަންވެސް ރޭކާލީ ގާނޫނު ފާސްވެގެން އަމަލު ކުރަން ފެށީމަ ސްޓެލްކޯ ބިލައް ކުނި ބިލް ލީމަވެސް އެންމެން ކުނި ތިރިއަށް ބާލަން މީނަ ގޮވާލީ .. އެކަމުން މުޅި މާލެ ވީ ގޮޑު ، ވެމްކޯ ފައިދާގަ ހިންގޭނެ އެކަން ކުރަން އިގޭމީހަކު އައިސްގެން
ސާންޑު
05 May 2023
އާޒިމު އެމްޓީސީސީއިން ނަގާ ވެމްކޯއަށް ލާންވީ. މިހާރު އެއީ އެންމެ ހާލުގާއޮތް ސަރުކާރުކުންފުނި.
ސަނާދިޔެ
05 May 2023
ވެމްކޯ އަކީ ފައިދާ ހޯދަން އުފައްދާފައިވާ ކުންފުންޏެއް ނޫން
ކާކުތަ؟
05 May 2023
2 ހަފުތާ ޗުއްޓީި.
މިސް ޑްރާމާ
05 May 2023
ޗުއްޓީއެއް ދޯ
ގުދުގުދުލީބެއްޔާގެ ތެދުބަސް
04 May 2023
ދެން މަންޑޭއަށް އަވަހަށް ތިޔަ ވަޒީފާ ހަވާލުކުރޭ. ޗިކާ، ސުމިތު، މަންޑޭ - މިހުރީ ޔޫރަޕު ނަންތަކުން ޖަރީވެފާތިބި ތައުލީމީ ބޭފުޅުން.