ރިޕޯޓް / ދީން

ސިހުރަކީ ހަގީގަތެއް، އަދި އެއީ ޙަރާމްކަމެއް

ސިހުރުގެ ކިޔެވެލިތަކެއް ލިޔެފައިވާ ކިހާކެއް ގެއެއްގެ ތެރެއިން ހޯދާފައި: ސިހުރު ހެދުމަކީ ހަރާމްކަމެއް ކަމަށް ވިޔަސް، ބައެއް މީހުން މި ނުބައި ފާފައިގެ ތެރޭގައި އުޅެމުންދޭ.

ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން

12 ޖޫން 2016 - 09:43

7 comments

ސިޙުރަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ! ސިހުރުގެ ސަބަބުން ބައެއް މީހުން ނިދިން މަޙްރޫމުވެ އަނެއް ބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ވެރިވެ އެވެ. މިކަމަކީ އިސްލާމީ މުޖުތަމަޢެއްގައި ފެތުރިގެންވާނޭ ކަމެއް ނޫނެވެ!

ނަމަވެސް އީމާންކަން ބަލިކަށިވުމުން، ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދުމުގެ މަޤްޞަދުގައި ބައެއް މީހުން ސިހުރު ހާހޫރައިގެ ބޭނުން ކުރެއެވެ. މިއީ، ދާއިމީ ގޮތެއްގައި ލިބޭ ކުޅަދާނަ ކަމެއް ނޫނެވެ. މިކަމުގެ ނުރައްކަލަކީ، ސިޙުރު ހަދާ މީހާ މާތް ﷲ އަށް އުރެދި، ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ. އެކުޅަދާނަކަން ހޯދޭނީ ޝައިޠާނާ މެދުވެރިކޮށް ކަމަށްވާތީއެވެ. ދީނުން ބޭރުވާ ކަންކަން ކުރުމަށް ސިޙުރު ހަދާ މީހާ އަށް ޝައިޠާނާ އަމުރުކުރެ އެވެ. އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިޠާނާގެ ވާގިވެރިކަމެއް ނުލިބެ އެވެ.

ސިޙުރު ހެދުމަކީ ޝައިޠާނީ ޢަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫޙުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."

ޝައިޠާނުންނާ ގާތް ގުޅުން އުފެއްދުމަށްޓަކައި އެމީހުންގެ ފައިގައި ޚަތިމު ބަނދެގެން ފާޚާނާ އަށް ވަދެ އެވެ. ހުތުރު ތަކެތިން ހުތުރު ތަންތަނުގައި ޤުރްއާނުގެ އާޔަތްތައް ލިޔެ އެވެ. އިދިކޮޅަށް ޤުރްއާނުގެ އާޔަތްތައް ލިޔެ ވުޟޫނުކޮށް ނަމާދުކުރެ އެވެ. ޝައިޠާނާގެ ނަމުގައި ތަކެތި ކަތިލައި އެޝައިޠާނުން ބުނާ ތަނަކަށް ކަތިލި ތަކެތި އެއްލައިލަ އެވެ. ބައެއް ތަރިތަކާ މުޚާޠަބުކޮށް ވާހަކަ ދައްކައި، މާތް ﷲ އަށް ސަޖިދަކުރުމުގެ ބަދަލުގައި އެތަކެއްޗަށް ސަޖިދަ ކުރެއެވެ. ކުފުރުވާ ފަދަ ޢިބާރާތުން ތަވީދު ލިޔެ އެވެ.

މިކަމުން ދޭހަވަނީ އެބައިމީހުންނަށް އެހީތެރިވާ ޝައިޠާނުން ބަދަލަކާ ނުލައި އެހީތެރިނުވާނެ ކަމެވެ. ސިޙުރުވެރިޔާގެ ކާފިރުކަން ބޮޑުވެ ދީނާ ދުރުހެލިވި ވަރަކަށް ޝައިޠާނާ އޭނާ އަށް ކިޔަމަންވުން ބޮޑުވެ އެވެ. އަންޢާމު ސޫރަތުގެ 128، 129 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަ ކުރާށެވެ! (އެދުވަހުން، އެކަލާނގެ ވަޙީ ކުރައްވާނެތެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށް ގިނަ މީހުންނަށް މަގުއޮޅުވައިލީމު އެވެ. ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޯ އެވެ! އަޅަމެންގެ އެއް ބަޔަކު އަނެއް ބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމު އެވެ. އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކަ އެވެ. الله އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. ހަމަ އެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ."

ސިހުރުން ރައްކާތެރިކަން ލިބުމަށްޓަކައި ޤުރްއާން ކިޔެވުން އާދަކުރުމަކީ ކޮންމެހެން މުހިންމު ކަމެއް.

ސިޙުރަކީ ޙަޤީޤަތެއް ނޫން ކަމަށް ބައެއް މީހުން ބުންޏަސް ސިޙުރަކީ ސާބިތުވެގެންވާ ކަމެކެވެ. އެއީ ޙަޤީޤަތެކެވެ. ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "ފަހެ، މީހާ އާއި އެމީހާގެ އަނބިމީހާއާ ދެމެދު ދުރުކޮށް ވަކިކުރާނޭ ގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ." އަދި ފަލަޤު ސޫރަތުގެ ހަތަރު ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އަދި ގޮށްތަކަށް ފުމޭ މީހުން (އެބަހީ: ސިޙުރު ހަދާ މީހުން)ގެ ނުބައިކަމުން ވެސްމެ އެވެ." އެބަހީ "ސިޙުރު ހަދާ މީހުން އެބައިމީހުން ގެންގުޅޭ ތަކެތީގައި ގޮށްޖަހައި ބަނދެ އެއަށް ފުމެ އެވެ."

ސިޙުރަކީ ވުޖޫދުގައި ނުވާކަމެއް ނަމަ އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މާތް ﷲ އަމުރު ނުކުރެއްވީހެވެ! މާތް ﷲ ރަޙްމަތް ލެއްވި އަލް އިމާމުއް ނަވަވީ ވިދާޅުވެފައިވެ އެވެ. ޞައްޙަ ގޮތުގައި ސިޙުރަކީ ޙަޤީޤަތެއްވާ އެއްޗެކެވެ. އެގޮތަށް ޖުމްހޫރު ޢިލްމުވެރިންނާއި ޢާންމު ޢިލްމުވެރިން އެއްބަސްވެއެވެ. ހަމަ އެފަދައިން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން މިކަން ސާބިތުވެ އެވެ.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ؛ "ފަނާކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވާށެވެ! ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟" ޙަދީޘްކުރެއްވި އެވެ؛ "މާތް ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި ޙައްޤަކާ ނުލައި މީހަކު މެރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ޙައްޤަކާ ނުލައި ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލުމާއި ޢިއްފަތްތެރި މުއުމިނު އަންހެނުންނަށް ޤަޛްފު ކުރުމެވެ."

ސިހުރު ހެދުމަކީ ކާފިރު ކަމަށް ވާސިލުކުރާ ޙަރާމް ކަމެއް ކަން ބަޔާން ކުރައްވައި ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފިރު ނުވާށޭ" މިބަހުގައި ސިޙުރު އުނގެނުމަކީ ޙަރާމް ވެގެންވާ ކަމެއްކަމުގެ އިޝާރަތް ވާކަމަށް އަލްޙާފިޡު އިބުނު ޙަޖަރު ވިދާޅުވިއެވެ.

އަލްއިމާމުންނަވަވީ ވިދާޅުވެފައިވެއެވެ. "ސިޙުރު ހެދުމަކީ ޙަރާމް ކަމެކެވެ. އަދި އެއީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ." ހަމަ އެހެންމެ އިމާމު މާލިކު ވިދާޅުވި އެވެ. "ސިޙުރު ހަދާ މީހާއަކީ ކާފިރެކެވެ. އޭނާ އަށް ކަނޑައެޅިފައިވާ ޙުކުމަކީ ޤަތުލު ކުރުމެވެ. ތައުބާވުމަށް އޭނާ ގާތު އެދުމެއް ވެސް ނުވެއެވެ. އަދި އޭނާގެ ތައުބާ ޤަބޫލު ކުރެއްވުމެއް ވެސް ނުވެއެވެ.

ސިޙުރު ހަދާ މީހާގެ ޙުކުމަކީ ޤަތުލުކުރުން ކަމުގައި މާތް ﷲ ރުއްސުން ލެއްވި ޢުމަރުގެފާނާއި އެކަލޭގެފާނުގެ ދަރިކަނބަލުން އުންމުލް މުއުމިނީން ޙަފްޞާ އާއި މާތްﷲ ރުއްސުން ލެއްވި ޖުންދުބް އާއި މިތިން ބޭފުޅުން ވިދާޅުވެފައިވެއެވެ.

މިފަދަ ޢަމަލުތަކުން މުސްލިމުން ދުރުހެލިވުމަށް މާތް ނަބިއްޔާ އިރުޝާދު ދެއްވާފައި ވެއެވެ. އެމީހުން އެކަމަކާ ބެހޭ ގޮތުން ބުނާ ވާހަކަ ތެދުކޮށްފި މީހެއްގެ އަޅުކަން 40 ދުވަސް ވަންދެން ޤަބޫލު ނުކުރައްވާނެ ކަން ބަޔާން ކޮށްދެއްވި ޙަދީޘްފުޅުގެ މާނައިގައިވެ އެވެ. "ފާލުބަލާ މީހެއްގެ ގާތަށް ގޮސް ފާލުބެލުމުގެ ކަމަކާ މެދު ސުވާލުކޮށް އެކަމާ މެދު އޭނާގެ ބަސް ޤަބޫލުކޮށްފި މީހާ 40 ދުވަސް ވަންދެން ކުރާ ނަމާދު ޤަބޫލު ނުކުރައްވާ ހުއްޓެވެ."

ސިހުރު ހެދުމުގެ ތެރޭގައި މީހުން ހިފައިގެންގުޅޭ ތަކެއްޗާއި ގެވެހި ސާމާނު އެންދުމާ ޖިންނީން އެންދުން ފަދަ ކަންކަމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ބަޔަކަށް އަލިފާނުން އަދަބު ދިނުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްނޫނެވެ. ރަސޫލާގެ ބަސްފުޅުގެ މާނައިގައިވެ އެވެ. "ތިޔަބައިމީހުން ﷲގެ ޢަޒާބުން ޢަޒާބު ނުދޭށެވެ!" އަދި އެހެން ޙަދީޘްފުޅެއްގެ މާނައިގައިވެ އެވެ. "ހަމަކަށަވަރުން އަލިފާނުގެ ވެރި ރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކުން (އެއްވެސް ފަރާތަކަށް) އަލިފާނުން އަދަބު ދިނުމެއް ނުވެއެވެ."

މާތް ﷲ ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ނުވާނެ އެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ! "އަދި ﷲ، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ކަންކަމުގައި އެދިގެން ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. ސިޙުރު ހަދާ މީސްމީހުން ގާތަށް ދިއުމެއް ނޫނެވެ!

7 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 20%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚުޠުބާ

14 June 2016

މިއީ ޚުޠުބާ އަކުން ނަގާފައިވާ ލިޔުމެއް ދެއްތޯ؟

The name is already taken The name is available. Register?

ދޮންޕްލަސް

12 June 2016

ރާއްޖޭގައި އުޅޭ ވަރަށް މޮޅު އިލްމުވެރިއެއް ބުނި ސިހުރަކީ ވާއެއްޗެއް ނޫނޭ!

The name is already taken The name is available. Register?

ކެކެކެ

12 June 2016

އެހެންތަ

The name is already taken The name is available. Register?

ޖަވާބު

16 June 2016

ކިތަންމެ މޮޅު ޢިލްމުވެރިޔަކު ބުންޏަސް ޤުރުއާނުގައި އެއީ ވާ އެއްޗެއްކަން ބުނެފައިވެއެވެ. ޤުރުއާން ދޮގެއް ނުވާނެއެވެ. އާނ މިޒަމާނުގައި ސިހުރު އާންމުނުވެދާނެއެވެ. އެއީ އެކަހަލަ ކަންކަމާ މީހުން ދުރުވީމައެވެ. އަދި ސާހިރަކަށް މީހަކަށް ގެއްލުމެއް ނުދެވޭނެއެވެ. އެކަމަކު ﷲ ގެ އިޛްނަފުޅާއެކު ބައެއްފަހަރު ގެއްލުންދެވެއެވެ.

The name is already taken The name is available. Register?

ޝައްކު

25 June 2016

ބަޔަކު މާބޮޑަށް ގަމާރު ވެއްޖެނަމަ ނުވަތަ ޖާހިލުވެއްޖެނަމަ އެހެންމީހަކު ކިޔާ އެއްޗެއް ދޭހަނުވާނެ. ތިމީހަކު ބުނީ ސިހުރަކީ އޮތްއެއްޗެއްނޫނޭ. ސިހުރަކީ ބާތިލް އެއްޗެކޭ. ސިހުރަކީ ނުލައްވާ އެއްޗެއްކަމަށް އެމީހަކު ނުބުނޭ. އެމީހަކުބުނީ ސިހުރަކީ އޭގެ ބޭނުބްކުރަން އޮތް އެއްޗެއްނޫނޭ. ޢެކަމަކު ކީއްކުރާނީ. ތިމާމެންގެ ވިސްނުމާއި ތިމާމެންގެ އަގީދާ ފާސިދުވެއްޖެނަމަ ތިމޟެން ގަބޫލުނުކުރާކަމެއް ގަބޫލެއްނުކުރެވޭނެ. ޙަމަ ސިހުރަށްވާގޮތް ވެފަައި ހުންނާނީ.

The name is already taken The name is available. Register?

އަބްސީ

12 June 2016

ދެން ހަމަ ގަބޫލު ކުރަންވީތަ؟

The name is already taken The name is available. Register?

ރާޤީ

12 June 2016

ރަނގަޅު ލިއުމެއް. ރާޤީން ނާއި ރުޤްޔާ އާއި ބެހޭގޮތުންވެސް ލިޔުމެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454