ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންޓްގެ ލީޑެއް

ސިޓީގެ ދެވަނަ ގޯލާ އެކު ކޯޗު ގާޑިއޯލާ އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 7) - އާސެނަލް އާ އެއްވަރަށް 34 މެޗު ހަމަކޮށްގެން މެންޗެސްޓާ ސިޓީ އިން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

މީގެ ކުރިން ސިޓީ އެއްވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. ސިޓީ މެޗު ހަމަކުރީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްގެންނެވެ.

މި ނަތީޖާއާ އެކު ސިޓީ އެއްވަނައިގައި އޮތީ 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 78 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ.

ތިންވަނައިގައި އޮތީ 33 މެޗުން 65 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލްގެ ދަނޑުގައި އެޓީމާ ދެކޮޅަށް މިރޭ އާސެނަލް ނުކުންނާނެ އެވެ.

ސިޓީ އިން މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބު ކުރީ ކެޕްޓަން އިލްކާއި ގޮންޑޮއާން އެވެ. ފުރަތަމަ ގޯލު މެޗުގެ 19 ވަނަ މިނިޓުގައި ޖެހިއިރު ދެވަނަ ގޯލު ޖެހީ 27 ވަނަ މިނިޓުގަ އެވެ. މި ދެ ގޯލު ޖަހަން ވެސް އޭނާއަށް އެހީތެރިވީ ރިޔާދު މަހުރޭޒް އެވެ. ލީޑްސްގެ ހަމައެކަނި ގޯލު 85 ވަނަ މިނިޓުގައި ޖަހައިދިނީ ރޮޑްރިގޯ އެވެ.

މެޗުގެ ފުލް ކޮންޓްރޯލް ސިޓީ އަތުގައި އޮތް ނަމަވެސް އިތުރު ގޯލެއް އެޓީމަށް ކާމިޔާބެއް ނުކުރެވުނެވެ. އާލިން ބްރައުޓް ހާލަންޑަށް ލިބުނު ފުރުސަތުތަކުން ގޯލެއް ޖެހުމާ އެންމެ ގާތަށް ދިޔަ ބޯޅަ ވެސް ޖެހުނީ ގޯލުގެ ދަނޑީގަ އެވެ. ލީޑްސް އިން ގޯލު ޖެހުމުގެ ދެ މިނިޓެއްހާއިރު ކުރިން ލީޑްސްގެ ޕަސްކަލް ސްޓްރުއިކް ސިޓީގެ ފިލް ފޮޑެން އަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ވެސް ލިބުނެވެ. އާއްމުކޮށް ޕެނަލްޓީ ޖަހާ ހާލަންޑް، ގުންޑޮއާން އަށް ހެޓްރިކް ފުރިހަމަ ކުރަން ފުރުސަތު ދިން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ގުންޑޮއާން ޕެނަލްޓީ ފޮނުވާލަނީ، މި ޕެނަލްޓީ ނާކާމިޔާބުވެ، އޭނާއަށް މެޗުގައި ހެޓްރިކް ފުރިހަމައެއް ނުކުރެވުނު.-- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީ ނާކާމިޔާބު ވުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެކަމާ ހިތްހަމަވެސް ނުޖެހިފަ އެވެ. އޭނާ ބުނީ އިނގިރޭސި ލީގުގައި ކުޑަ ލީޑެއްގައި އޮންނައިރު ޕެނަލްޓީ ޖަހަން ވާނީ މެޗުތެރޭން ޕެނަލްޓީ ޖަހަން ކަނޑައަޅާފައި އޮންނަ ކުޅުންތެރިޔާ ކަމަށެވެ.

"މެޗެއް ނުނިމޭ، ފެނުނީ އާލިން [ހާލަންޑް]ގެ ހިތްތިރިކަން. އެކަމަކު 10 މިނިޓު ބާކީ އޮއްވައި 4-0 އިން ކުރީގައި އޮތް ނަމަ އަހަރެންނަށް މައްސަލައެއް ނެތް. އެކަމަކު 2-0؟ ހާއްސަކޮށް އިންގްލެންޑުގައި 2-0 އެއީ މެޗު ނިންމާލަން ޖެހޭ ސްކޯއެއް ނޫން. އާލިން އަކީ އެންމެ ރަނގަޅަށް ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ، އެހެންވެ އޭނާ ޖަހަން ވާނީ،" ގާޑިއޯލާ ބުންޏެވެ.

"ގުންޑޮއާން ޒިންމާ ނަގައިގެން ޕެނަލްޓީ ޖަހަން ދިޔުމަކީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ ހުރި ބަރާބަރު ސިފައެއް. އެކަމަކު ހަމަޖެއްސި މީހެއް ޖަހަން ވާނީ. އާލިން އެއީ އަހަރެމެންގެ ސްޕެޝަލިސްޓް. އޭނާއަށް މި މެޗުގައި ދެތިން ގޯލު ވެސް ޖެހުނީސް. އޭނާ ވަރަށް މޮޅަށް ކުޅުނު، ގޯލެއް ނުޖެހުނަސް ކުޅުމަށް ތައުރީފް ހައްގު. ގުންޑޮއާން އަށް ޕެނަލްޓީ ކާމިޔާބުވި ނަމަ އެންމެން ވެސް އޯކޭ ވާނެ އޭރުން ހެޓްރިކެއް އެ ހެދުނީ. އެކަމަކު 2-0 ގެ ނަތީޖާއެއްގައި މިއީ އަދި ބިޒްނަސް އެއް. އެއީ ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫން."

ރެލިގޭޝަންގެ ބިރާ އެކު ލީޑްސް ޔުނައިޓެޑް އޮތީ 35 މެޗުން ހޯދި 30 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ. ސޯޅަ ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި 18 ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ އެއް މެޗު މަދުން ކުޅެގެން 30 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި މުހައްމަދު ސަލާހު ޖަހައިދިން ގޯލާ އެކު 1-0 އިން ބްރެންޓްފޯޑް ބަލިކޮށް، ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓަކަށް ގާތްކޮށްފަ އެވެ. ނަމަވެސް ލިވަޕޫލް ވަނީ ޔުނައިޓެޑަށް ވުރެ ދެ މެޗު އިތުރަށް ކުޅެފަ އެވެ.

ލިވަޕޫލް ކުޅުނު 35 މެޗުން 62 ޕޮއިންޓް ހޯދާފައި ވާއިރު ޔުނައިޓެޑް ވަނީ 33 މެޗުން 63 ޕޮއިންޓް ހޯދައިފަ އެވެ. ޔުނައިޓެޑް މިރޭ ރަށުން ބޭރުގައި ނުކުންނާނީ 15 ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

ހެރީ ކޭން ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ އެޓީމުގެ ވަގުތީ ކޯޗު ރަޔާން މޭސަންގެ ކޯޗުކަމުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. އަމިއްލަ ދަނޑުގައި އެޓީމުން ރޭ ކްރިސްޓަލް ޕެލަސް ބަލިކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހެރީ ކޭން ޖަހައިދިން ގޯލުންނެވެ.

މިއާ އެކު ހެރީ ކޭން ވަނީ ޕްރިމިއާ ލީގުގައި 209 ގޯލު ހަމަކޮށް، ވޭން ރޫނީ ފަހަތަށް ޖައްސާލައި ލީގުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތީ ކުރިން ބްލެކްބާން ރޯވާސް އާއި ނިއުކާސަލް އަށް ކުޅުނު އެލަން ޝިއެރާ އެވެ. ޝިއެރާ ވަނި ލީގުގައި މުޅި އެކު 260 ގޯލު ޖަހައިފަ އެވެ.

ވުލްވްސް ވެސް ވަނީ މީގެ ހަފްތާއެއް ކުރިން ބްރައިޓަން އަތުން ވީ ބޮޑު ބައްޔަށް ފަހުރޭ އަމިއްލަ ދަނޑުގައި 1-0 އިން އެސްޓަން ވިލާ ބަލިކޮށް ލުޔެއް ހޯދައިފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު ވުލްވްސްގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑިފެންޑަރު ޓޮޓީ ގޮމޭޒް އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

07 May 2023

މަރުހަބާ ކޮމިޝަނަރ.

The name is already taken The name is available. Register?

އާދަ ކާދަ

07 May 2023

ކޮން މަރުހަބާއެއް ކިޔާކަށް.... އާދަކާދައިގެ މަތިން 0 ގަ ނިންމާލާ... ހަހާހަހާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454