2015 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ގަދަ ދިހައެއްގައި ހިމެނުން ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ދަރިވަރުންނާއެކު ފޮޓޯ އަކަށް ހުއްޓިވަޑައިގެން: މޮޅެތި ނަތީޖާ ހޯދާ ދަރިވަރުން އަންނަނީ އިތުރުވަމުން.-- ފޮޓޯ: ރައީސް އޮފީސް
25 ޖެނުއަރީ 2017 - 12:19
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ އަދަދު އިތުރުވެ، އާ ރެކޯޑެއް އަނެއްކާ ވެސް ގާއިމުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި 492 ދަރިވަރުން ހިމެނުނު އިރު، މިދިޔަ އަހަރު އެ އަދަދު 600 އާ ގާތްކުރެ އެވެ. އެހެންވެ، މިއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޯލެވެލްގެ ގަދަ 10 ހިމެނުނު ފަހަރެވެ.
"މިއީ އަދި ވަގުތީ ނަތީޖާ އަށް ބަލާއިރު އިތުރުވެފައިވާ މިންވަރު. ރީޗެކް ކުރުން ފަދަ ކަންކަން ނިމޭ އިރު މި ނިސްބަތް އަދި މިއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެނީ،" އެ މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރު އިބްރާޙިމް އާސިފް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޮޕްޓެންގެ ގަދަ ތިނެއްގައި ހިމެނުނު ދަރިވަރުންގެ އަދަދު ވެސް އެހެން އަހަރުތަކާ ބަލާއިރު މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. އަދި މާލެ އާއި ރަށްރަށުގެ ބައެއް ސްކޫލުތަކުން ފާޙަގަކޮށްލެވޭ ވަރުގެ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި އޯލެވެލްގެ ގަދަ 10ގެ ނަތީޖާ އަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާ ނެރެފައިވަނީ މިދިޔަ އަހަރު އެވެ. އެގޮތުން 2012 ވަނަ އަހަރު ގަދަ 10 ގައި 426 ކުދިން ހިމެނުނު އިރު 2013 ވަނަ އަހަރު އެ އަދަދު އުޅެނީ 478ގަ އެވެ. އަދި 2014 ވަނަ އަހަރު ވަނީ އެ އަދަދު 475 އަށް ދަށަށް ގޮސްފަ އެވެ. އެކަމަކު 2015 ވަނަ އަހަރު 504 ދަރިވަރުން ގަދަ 10 ގައި ހިމެނުނު އިރު މިދިޔަ އަހަރު 100 އަށް ވުރެ ގިނަ ދަރިވަރުން އިތުރަށް ހިމެނިފައި ވެ އެވެ.
2015 ވަނަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުން ދަރިވަރަކަށް ރައީސް ޔާމީން އިނާމު ހަވާލުކުރައްވަނީ: މިދިޔަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއްގައި 600 އަށް ވުރެ ގިނަ ދަރިވަރުން ހިމެނިފައިވޭ.-- ފޮޓޯ: ރައީސް އޮފީސް
މޮޅެތި ނަތީޖާ ހޯދާ ދަރިވަރުންގެ އަދަދު، އޯލެވެލްގައި ދަރިވަރުން ބައިވެރިވާ އަދަދަށް ވެސް އޮންނަނީ ބަރޯސާވެފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ އަދަދު ވެސް ވަނީ އަހަރުން އަހަރަށް އިތުރުވެފަ އެވެ.
އޯލެވެލްގެ ނަތީޖާ ރީޗެކް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރި އަށް ދާއިރު، ގަދަ ދިހައެއް އިއުލާނު ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާޗު މަހުގެ ތެރޭގަ އެވެ.
އާސިފް ވިދާޅުވީ މިދިޔަ އަހަރު އެޑިއުކޭޝަނުން އެންމެ އިސްކަމެއް ދިނީ ކުރީ އަހަރުތަކުގައި އެންމެ ދަށް ނަތީޖާއެއް ހޯދި ނުވަތަ ނަތީޖާ އަށް ބަދަލެއް ނާންނަ ސްކޫލުތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މި ފަހަރު އެ ސްކޫލުތަކުން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިސާލަކަށް ބަލާނަމަ ހިންމަފުށީ ސްކޫލުގެ ނަތީޖާ (ފަސް މާއްދާ އިން ފާސްވި ނިސްބަތް) ކުރީ އަހަރު އޮތީ 33 ޕަސެންޓްގައި. އެކަމަކު މިދިޔަ އަހަރު އެ ނަތީޖާ ވަނީ 75 ޕަސެންޓަށް މަތިވެފައި. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ ހާއްސަ ބެއްލެވުމުގެ ދަށުން، އެ ސްކޫލުތަކުގައި ކިޔަވައިދޭ ކޮންމެ ފިލާވަޅެއް، ކުދިންނަށް ދޭހަވާ މިންވަރު ބަލަމުން ގޮސްފައިވާ ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 50 އަށް ވުރެ ގިނަ ސްކޫލުގައި ބޮޑެތި އިންޓަވެންޝަންތަކެއް ކުރި އަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖުމުލަ ނަތީޖާ އަށް ބަލާއިރު ވެސް ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. އެގޮތުން ބިޒްނަސް ސްޓަޑީޒް ފިޔަވައި ހުރިހާ މާއްދާއަކުން ދަރިވަރުން ފާސްވި ނިސްބަތް ކުރީ އަހަރުތަކަށް ވުރެ މައްޗެވެ. އަދި އޭ ޕްލަސް އިން ފެށިގެން ސީ ގްރޭޑްގެ ނަތީޖާ ހޯދި ދަރިވަރުން އަދަދު ގިނަ އިރު އެއްވެސް މާއްދާއަކުން ފާސް ނުވާ ދަރިވަރުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާން.
30 January 2017
ރަނގަޅު ކާނާ ލިބެނީ ހެން ހީވަނީ. މީހުން ހޭލުން ތެރިވޭ އެބަ. ކާބޯތަކެތި ހެއްދޭނެ ގޮތެއް ވިސްނަންވީ.
ދޮޅިދާން
26 January 2017
މި ނަތީޖާ ތައް ހާސިލުވަނީ ކޮންމެހެން ގަޓު ސަރުކާރެއް ގެ ވެރިކަމެއް ގައުމުގައި އޮޔާ ދެމެމުންދާތީ އެއްނޫން ، ޒަމާން ތަރައްގީވެ އިންޓަރ ނެޓާއި ދުނިޔެއަށް ދަރިން ލޯހުޅުވުމުން ، އެކަމުގެ ކުރެޑިޓް ލިބުނަސް ލިބެނީވެސް 30 އަހަރުގެ ބާނީ އަށް
ނަފީސް
26 January 2017
ކުއްޖާގެ އުމުރުން 7 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ކުއްޖާ ކުރަން ޖެހޭ ކަމަކީ މި ޓެސްޓަށް ތައްޔާރުވުން. މި ދުވަސްވަރު ތެރޭގައި އާއްމު ދިރިއުޅުމަށް ދަސްކުރަންޖެހޭ އެތައް ކަމަކުން ކުދިން މަހުރޫމް ކުރެވޭ. ގަދަ ދިހަޔަކަށް ނުހޮވިދާނެތީ ކިޔެވުން ފިޔަވާ އެހެން ކަމެއް ކުއްޖާ ލައްވާ ކުރުވާކަށް ބޭނުމެއް ނުވޭ. 18 އަހަރު ވާ އިރު މީހަކާ އިންނަން ތައްޔާރުވޭ. ކުރީ ޒަމާނުގައި ދަރު ހޯދައިގެން އައިސް މުޅިގަޔަށް އަޅި ބުރުވައިގެން އެއްޗެހި ރޯ ފިލުވުމަށް ވުރެ ރައިސް ކުކަރަށް ހަނޑޫ ކޮޅަކާ ފެންފޮދެއް އަޅާފައި ސްވިޗަކަށް އޮބާލުން މާ ބުރަ. ހަމަޖެހޭ ދިރި އުޅުމަކަށް ބޭނުންވަނީ ކަންކަމާ ކުރިމަތިލާ، ހިތްވަރު ހުރި، ކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރާ ކުދިން ތަކެއް އުފެއްދުން. އޯ ލެވެލް ނަތީޖާ އިން މިކަން ފެނޭބާ؟ ސްކޫލް ނިންމާ ކުދިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދިއްޖެނަމަ ރާއްޖޭގެ މަސައްކަތް ކުރާ ބިދޭސީން ގެ އަދަދު މަދުކުރުމަށް ލިބޭ ފުރުސަތަކަށްވެސް ވެގެން ދާނެ.
ހަބަރު
26 January 2017
ވަކިވަރަކަށް ވުރެއް ގިނައިން ކެއްކީމަ ތެލީގައި މަށްސަލަދިމާވަނީ ރިހާކުރު މީ ވަރަށް ނުރައްކާތެރި އެއްޗެއް މީއީ އެލްމެނިޔަމް ތެލީގައި ވަރަށް ގިނައިރު ކައްކާ އެއްޗެއް
އަހްމަދު
26 January 2017
މި ނަތީޖާ މިހެން އިތުރުވަމުން ދާތީ ނޫންތޯ، މިއޮތީ ގްރޭޑިން ސިސްޓަމް ބަދަލުކޮށްފަ. މިހާރު މާކުސްއެއް ނުދޭ ނޫންތޯ. މޮޅު، ވަރަށް މޮޅު ބުނެލުމުން ނިމުނީ ނޫންތޯ. ބޭނުމަކީ މޮޅުވާ ކުދިން މަދުކުރުން. ތަޢުލީމީ މަންހަޖު ބަދަލުކުރީ ދިވެހި ދަރިވަރުން މާ މޮޅު ވެގެން ދެތިން ހަތަރު އަހަރެއްގެ ތެރޭ މިހާރުގެ މަޖިލީހާއި، ކޯޓުތަކާއި ސިޔާސީ ވެރިން ބާކީކޮށްލަފާނެތީ އިނގޭތޯ.
ޕީ އެޗް ޑީ ހޯލްޑަރ
26 January 2017
ތީގެން އިނގިގެންދަނީ އޯލެވެލްގެ ފެންވަރު ދަށްކަން. އެއީ ކުދިންގެ މޮޅުކަމެއް ނޫން.. ބޮއިކޮޓް ކެމްބްރިޖް އޯ ލެވެލް އެގްޒާމްސް...
އެގްޒޭމް
25 January 2017
ކޮއްމެ ދެއަހަރަކުން އެއްއަހަރު އޯލެވެލް ޕޭޕަރު ގިނަކުދިންނައް ފަސޭހަވާވަރަށް ފެންވަރު ދައްކުރޭ. އެއީ ވަރަށް ގިނަބަޔެއްގެ މަގްސަދު.
އެނޮނީމާ
25 January 2017
ކިހާދެރަކަމެއް ބަލަގަ މިހާރުވެއްޖެއްނުން ތިޔަ ގަދަ ދިހަޔެއްގެބަދަލިގަ ގަދަ ތިނެއް ހޮވާން. މިހާރުތިޔަ ވަނީ ބޮޑުގުޅަޔަކަށް. ކުދިން މޮޅުވާވަރަކަށް ޖެހޭނީ ވަނަތަށް މަދުކުރަން . ގަދަ 10 ޔަކަށް 1000 ކުދިން ނުވަތަ ގަދަ 10 ޔަކަށް 1500 ކުދިން 2000 ކުދިން ހޮވުނީމަކާ އެ ވަނަތަކަށް ހޮވޭކުދިންނަކަށްވެސް އަސްލުގަ ލިބޭނެ ސަރަފެއް ފަހުރެއް މަގޭ ނަޒަރުގަނެތް. މިކުޅިގަނޑު އެބަޖެހޭ ބަދަލުކުރަން. ގަދަ 3 ހޮވާގޮތަށް ހަދަންވީ. މިހާރުމިކަންވެސް ކުޅވަރަކަށް ވެއްޖެ.
އަންކަލޯ
25 January 2017
މި ފެންނަނީ ހަރުދަ ވެރިންނާއި ސިޔާސަތުގެނަތީއްޖާ! މީގެ މާނައަކީ މައިންބަފައިންނާ މުދައްރިސުން އަދި ދަރިވަރުން އިސްތިސްނާވރޔެކޭނޫން
ރަށުމީހާ
25 January 2017
އެކުދިންގެ ޒިއްމާ އެކުދިންއަދާ ކޮށްފި އަދި އެހެންމެ ހީވާގިޓީޗަރުންނާއި ނިޔަނެތިވި ބެލެނެނުވެރިންގެ ޒިއްމާވެސް އަދާކޮށްފި މަރުޙަބާއާއި އަށްސަރިބަސް ވަނަވަނަ ޙާސިލްކުރާާނެ ދަރިވަރުންނާއި ސްކޫލްތަކަށް ދެންއޮތީ ދައުލަތުން ތިޔަކަން ފާހަގަކުރާނެ ގޮތަކާމެދު ކުރެވޭ ސުވާލް ފަހަރުގަ ރައީސްމިހާއަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން 1ވަނަ އަށް ގިންތިކުރެވުނު ކުދިންފިޔަވާ ދެންތިބި ކުދިންނަށް އެކުއްޖަކު ތަމްސިލް ކުޅަ ސްކޫލަކުން އިނާމްދީވެސްފާނެ ނޫނީ ދަރުބާރުގޭގަ އެކަމަށް ޙައްސަކުރެވޭ ދަރުބާރު ބާއްވާމާލަމުގެ އެކުއްޖެއްގެ ގޮނޑިދަށުން. އިސްވެ ދެންނެވެނު ދެގޮތާްޙިލާފަށް އެއްމެވުންގާތީ ދިވެހި ދައުލަތަށް ޙަރަދު ކުޑަކުރުމުގެ ގޮތުން ސަދަގާތް ފައުންޑޭޝަން އިން ތިޔަކަން ރާވާ ހުރިހާ ކަމެއްއިންތިޒާމް ކޮށްދެއްވާނެހެން