އޯ ލެެވެލްގެ ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ރަސްމީ ހަފުލާގައި، މި އަހަރުން ފެށިގެން އެވޯޑް ދޭނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އޯ ލެވެލް ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި، ރަސްމީ ހަފުލާގައި އެވޯޑު ދިނުމަކީ މީގެ ކުރިން މަޝްވަރާކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ޓޮޕް އެޗީވާޒް އެވޯޑު ހަފުލާގައި އިނާމު ދޭނީ ހަމައެކަނި 1، 2 އަދި 3 ވަނަ ލިބޭ ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް އެގޮތަށް ބަދަލުކުރި ސަބަބެއް އެ ސިޓީގައި ވެސް ފާހަގަކޮށްފައެއް ނުވެ އެވެ.
ރަސްމީ ހަފުލާގައި ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދިން ކަމަށް ވިއަސް، ގަދަ 10ގެ އެހެން ވަނަތައް ލިބޭ ދަރިވަރުންނަށް ވެސް ދައުވަތު ދޭނެ އެވެ. އެކަމަކު އެ ކުދިންނަށް ސްޓޭޖް މަތިން ނޫނަސް ކޮންމެވެސް އެހެން ގޮތަކުން އެވޯޑް ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދޭން 2015 ގައި ވެސް މިނިސްޓްރީން ނިންމި އެވެ. ނަމަވެސް ދަރިވަރުންގެ ޝަކުވާތަކާއި ހިތްހަމަނުޖެހުންތަކާ އެކު މިނިސްޓްރީން ފަހު ވަގުތު އެކަން ބަދަލުކުރީ އެވެ.
އޭރު މިނިސްޓްރީން ބުނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދޭން ނިންމީ ހަފުލާ މާ ބޮޑަށް ދިގުދެމިގެން ދާތީ ކަމަށެވެ.