ދިއްދޫގައި އިސްލާމިކް ސެންޓަރެެއް އެޅުމަށް މިއަދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސޮއި ކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓަރީ
17 މެއި 2023 - 17:30
ހއ. ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތްކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު އާދަމް ރަހީމެވެ. މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
އެ މަސައްކަތުގެ އަގަކީ 50.8 މިލިއަން ރުފިޔާ އެވެ. މިސްކިތުގެ މަސައްކަތް ނިންމަން ދިނީ 540 ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ދިއްދޫގެ އިސްލާމިކް ސެންޓަރުގައި އެއްފަހަރާ 1،500 މީހުނަށް ނަމާދުކުރެވޭނެ ކަމަށެވެ. އަދި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލެއް ހުންނާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އިދާރީ އޮފީހަކާއި ލައިބްރަރީ އަކާއި ހަތަރު ކްލާސް ރޫމާއި ދެ ސެމިނާ ރޫމާއި ޕޭންޓްރީއެއް ހުންނާނެ އެވެ. މިސްކިތް އޭސީ ކޮށްފައި ހުންނައިރު ކަރަންޓަށް ކުރާ ހަރަދު ކުޑަކުރަން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ދިއްދޫގައި އިސްލާމިކް ސެންޓަރެެއް އެޅުމަށް މިއަދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު: އެ ތަނުގައި 1500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް މިނިސްޓޤރީން ބުނޭ.-- ފޮޓޯ: އިސްލާމިކް މިނިސްޓަރީ
އައްޑޫ ހިތަދޫގައި ވެސް އިސްލާމިކް ސެންޓަރެއް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. ކުރީގެ ސަރުކާރުން ވަނީ ބައެއް ރަށްރަށުގައި އިސްލާމިކް ސެންޓަރުތައް މިހާރު ވެސް ހަދައިފަ އެވެ. އޭގެ ތެރެއިން ބައެއް ތަންތަން ހުޅުވީ މަސައްކަތް ނިމުނުތާ ވަރަށް ގިނަ ދުވަސްވީ ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy