ހުޅުމާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލު ކުރިމަތީގައި ޓްރެފިކް ލައިޓް ހަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 މެއި 2023 - 14:53
ހުޅުމާލޭގައި މިހާރު ހަރުކުރަމުން އަންނަ ޓްރެފިކް ލައިޓްތައް ބޭނުންކުރަން ފެށުމުން އެކްސިޑެންޓުތައް ހިނގުން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި، އެ ޓްރެފިކް ލައިޓްތައް އާއްމުކޮށް ހަރުކުރާނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ. މިއީ ހިނގާފައި އުޅޭ މީހުންގެ ރައްކާތެރިކަށް ކަށަވަރުކޮށްދީ، އެކްސިޑެންޓުތަކުން ސަލާމަތް ކޮށްދިނުމުގައި މުހިންމު ރޯލެއް ކުޅޭ ލައިޓްތަކެއް ކަމަށް ބުންޏެވެ.
އެކި ގައުމުތަކުގައި އެ ބާވަތުގެ ލައިޓް ހަރުކޮށްފައި ހުންނަނީ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފަސޭހަވާނެ ގޮތަށް ކަމަށް އާބަންކޯ އިން ބުންޏެވެ.
ހުޅުމާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ ގޮތުން ފޭސް 2 އަށް ދާ ބްރިޖުން ފައިބާއިރު މަގުގައި ޑިވައިޑަރު ހަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޓްރެފިކް ލައިޓްތަކުން މައިގަނޑު ދެ ފައިދާއެއް ކުރެ އެވެ. އެއީ؛
ދިރާސާތަކުން އެނގޭ ގޮތުގައި އިންސްޓޯލް ކޮށްފައިވާ ޓްރެފިކް ލައިޓިން މަދު ނުވަތަ ނެތް ޕެޑެސްޓްރިއަން ކްރޮސިންތަކުގައި އެކްސިޑެންޓެއް ހިނގައިފި ނަމަ ނުރައްކާތެރިކަން އިތުރުވެ އެވެ. އެކަމަކު މިފަދަ ޓްރެފިކް ލައިޓްތައް ހަރުކޮށްފައި ހުންނަ ނަމަ އެކްސިޑެންޓުތައް ހިނގާ ވަރު މަދުވެ އެވެ.
އެކި ބޭނުންތަކަށް މަގުމަތީގައި އުޅޭ މީހުންނާއި ވެހިކަލްތައް ދުއްވާ މީހުންނަށް ވިޒިބިލިޓީ އިތުރުކޮށްދިނުމަކީ ވެސް މި ލައިޓްތައް ހަރުކުރުމުގެ މައިގަނޑު އެއް ސަބަބެވެ. އެއީ މަގުތަކުގެ ރައްކާތެރިކަމާއި ގުޅިފައިވާ ވަރަށް މުހިންމު ކަމެކެވެ. ވިޒިބިލިޓީ އިތުރުވުމުގެ ސަބަބުން، މަގުތަކުގައި ވެހިކަލްތައް ދުއްވާ މީހުންނާއި މަގު ހުރަސްކުރާ މީހުންނަށް ވެސް ނުރައްކަލެއް ކުރިމަތިވާކަން ފާހަގަކުރެވޭ ހިނދެއްގައި އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ވަގުތި ލިބި، ފަސޭހަވެ އެވެ.
"ރާއްޖޭގައި ވެސް ދުވަހުން ދުވަހަށް ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވަމުން ދާއިރު، މަގުމަތީގެ ރައްކާތެރިކަމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަކީ މިހާރު ވެސް ސަރުކާރުންނާއި އެކި މުއައްސަސާތަކުން ހާއްސަ ކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް. އެކްސިޑެންޓްތައް މަދުކޮށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް މިފަދަ ޓެކްނޮލޮޖީތަކުގެ ބޭނުންކުރުމުން ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ވެގެންދާނެ،" އާބަންކޯ އިން ބުންޏެވެ.
ހުޅުމާލޭގައި އެކްސިޑެންޓުތައް ހިންގުން އާންމުވަމުން ދާތީ އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކޮށް، މަގުތަކަށް އިތުރު ބަދަލުތައް ގެންނަން އާބަންކޯ އިން އޮތީ ނިންމައިފަ އެވެ. ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރު ހަރުކުރަން ވެސް ނިންމި އެވެ. އެ މަސައްކަތުގެ ދަށުން މިހާރު ޓްރެފިކް ލައިޓް ހަރުކޮށް، ޓެސްޓު ކުރަމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގެ ކުރިމައްޗާއި ހުޅުމާލެ 2 ގެ ހިޔާ ފްލެޓް ސަރަހައްދުގަ އެވެ.
ބޮޑެތި މަގުތަކުގެ މެދުގައި ޑިވައިޑަރު ހަރުކުރަން ވެސް ނިންމި އެވެ. އެކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔޫ ޓާން ނަގައި މީހުން ގަވާއިދާ އެއްގޮތަށް އެކަން ކުރުމަށް ބާރު އެޅުމެވެ. އެކަން އަންގައިދޭ ބޯޑުތައް ވެސް މަގުމަތީގައި ހަރުކުރާނެ އެވެ.
ފުލުހުންނާ ގުޅިގެން ބައެއް މަގުތަކުގެ ވެހިކަލް ފްލޯ އަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
22 May 2023
ދުއްވާއެއްޗަކަށް އެރުނީމަ ބައެއް މީހުން ދުނިޔެ ރަންވަނީ، ދެން ހީވާނީ އޮށަނި ކެވިގެން ދާހެން.
ބަލަންތިބޭ
22 May 2023
ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި މީގެ ކުރީގަވެސް ހަމަ މީގެ ޓްރެފިކް ލައިޓެއް ހަރުކުރި . 11 ދުވަސްފަހުން އެ ލައިޓާ ޖަހާފަ ހުރި ހޮޅި އާއި އެއާއި ބެހޭ ހުރިހާ އެއްޗެއް ނެގި .... އަނެއްކާ މިހާރު ހޮޅިޖަހާ ލައިޓް ހަރުކޮށްފި ..... މި ތަނަކީ މިފަދަ ލައިޓް ހަރުކުރަން ކަމުދާ ތަނެއް ނޫން ....
ބުހާރީ
22 May 2023
އެކްސިޑެންޓް މަދުވާނީ ގަވާއިދަށް ބޯލަނބައި ދުވެލި މަޑުކޮށް ދުއްވައިގެން
ޖަމާރު
22 May 2023
ސަރުކާރުގެ އަބަދުގެވެސް ސިޔާސަތަކީ މަދު ބަޔަކަށް ފިޔަވަޅު އަޅައިގެން ހައްލުކުރެވެން ހުންނަ ކަންކަން މުޅި ރައްޔިތުންނަށް ދުއްޕާނަކަށް ވާކަހަލަ ކަންކަންކޮށްގެން ހައްލު ކުރުން. ފިޔަވަޅެއް އަޅަން މިއޮށް ގަންނަ ބިރެއް. މާލޭގައި ކޮންކަމެއް ހައްލު ކުރަންބާ އަހަރުތަކެއް ކުރިން ހުރިހާ ހަތަރު އަނގޮޅިއެއްގަ ތި ޓްރެފިކް ލައިޓް ޖެހީ؟ އޭރު ދުއްވާ އެއްޗހި ލައިޓް ނުޖަހާ ކޮންޓްރޯލް ނުވާވަރު ވީ. އޭގެ ދިހަ އަހަރު ފަހުން އެކަމު އެއްވެސް ލައިޓެއް ނެތި ހަމަ ބަރާބަރު.
ޢަރުތަ
22 May 2023
މާލޭގަ ޓްރެފިކް ލައިޓް މިހާރު ބޭނުން ކުރާނަމަ މުޅި މާލެ އޮންނާނީ އެއްކޮށް ގަނޑުވެފަ، މިބުނީ އެއްވެސް ކޮޅަކަށް އެއްވެސް އުޅަނދެއް ގުޑާނުލާ ގުޅަޖެހިފަ އޮންނާނެ ވާހަކަ، އެއީ އެއްވެސް ވަރަކަށް އުޅަނދުފަހަރު ރަށުތެރޭގަ ނެތީމަ ވާގޮތެއް.
އިމްރާމް
22 May 2023
ޓްރެފިކް ކަންކަމާ އާބަންކޯއިން ހަވާލުވީތޯ؟
ޗާލު
22 May 2023
ހެޔޮދޯ ނުދިއްލާ މަރާމާތު ނުކޮށް ހުއްޓަސް ؟
ޢަރުތަ
22 May 2023
ތިބުނީ މާލޭގަ ހުރި ކަލަރ ލައިޓްސް ގެ ވާހަކަދޯ، މާލޭގަ މިހާރު ޓްރެފިކް ލައިޓް ބޭނުން ކުރުމަކީ ލާއިގުކަމެއް ނޫން، ރެޑް ލައިޓް ޖެހިގެން މަޑުކޮށްލާފިއްޔާ އެމަގާ ގުޅިފަ ހުރި ހުރިހާ ގޯޅިތަކެއް އޮންނާނީ އޮމަގުވެފަ، މުޅި ހިސާބު ގަނޑު އެއްކޮށް ގާވާނެ.